ހަބަރު

މާލޭގެ ބިންތައް ވިއްކަން އުޅެނީ މުސާރަ ނުދެވިގެން: އިދިކޮޅު

ސަރުކާރުން މާލޭގެ 19 ބިމެއް ވިއްކަން އުޅެނީ ސަަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން ކަމަށްް ތުހުމަތުކޮށް، އެކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބިން ވިއްކަން އުޅެނީ ނުއަގުގައި ކަަމަށާއި އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މި ސަރުކާރާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މި ދުވަސްވަރު އެފަދަ މުއާމަލާތެއް މި ސަރުކާރުން ނުހިންގުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

" ފާއިތުވީ އަހަރުތަކުގައި އުފެއްދުންތެރިކަން އިތުރުވާނެ އިންވެސްޓްމަންޓްތައް ނުކުރެވި، ދައުލަތަށް ގެއްލުން ލިބޭ ފަދަ ލޯންތައް ނެގުން ފަދަ ރާއްޖޭގެ އިޤްތިޞާދު އިނދަޖެއްސުމުގެ ނަތީޖާއަކީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ފައިސާވެސް ދައުލަތުގައި ނެތުމެވެ. މިފަދަ ކަންކަން ފޫބެއްދުމަށް ނުއަގުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަށް މާލޭއާއި ރާއްޖޭގެ ރަށްރަށުގެ ބިންތައް ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ،" ބަޔާނުގައި ވެއެވެ.

މާލެއަކީ ބިން ކުޑަ ތަނަކަށް ވާއިރު އަވަސް އަރުވާލައިގެން ބޮޑެތި ބިންތަކެއް ވިއްކުމަކީ ތޮއްޖެހުމާއި ކުލި އަގުބޮޑުވުމުގެ މައްސަލަ އިތުރަށް ބޮއްސުންލާނެ ކަމެއް ކަަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމަށެވެ.

ބިން ވިއްކުމުގެ މައްސަލައިގައި ސަރުކާރުން ބުނަމުން ދަނީ އެކަން ކުރަނީ ގާނޫނުގެ ތެރެއިން ކަމަށާއި ގެއްލުމެއް ނުވާނެ ކަމަށެވެ. ހައުސިން މިނިސްޓްރީގައި ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ހުރި ބައެއް ބިންތައް ތަރައްގީ ކުރުމަށް ތަރައްގީގެ ޕްލޭން ހަދައިގެން އެ ބިންތައް ހިތްފަސޭހަ މައިޒާންތައް ހަދައިގެން އެ ޕްލޭންގެ ތެރެއިން ބައްޓަން ކުރެވިގެން ދާ ކަމަށެވެ. އަދި އެއާ ގުޅިގެން މާލޭގެ ބިންތަކުގެ އަގު ވަރަށް މައްޗަށް ގޮސްފައިވާ ކަމަށާއި ރިއަލް އެސްޓޭޓް ވެލިއުވެސް ވަރަށް ބޮޑަށް އުފުލިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބީލަމްގެ އުސޫލުން ބިން ވިއްކަން މިހާރު މިވަނީ އިއުލާން ކުރެވިފައި، މިއީ ވަރަށް ތާރީހީ ކަމެއް، މީގެ ކުރިންވެސް ބިން ވިއްކަން މަސައްކަތް ކުރި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ބިން ވިއްކަން ޖާގަ ލިބިފައިނުވޭ. މިހާރު މިވަނީ ގާނޫނީ އިމުގެ ތެރެއިިން ބިން ވިއްކުމަށް ފުރުސަތުލިބި އެކަމަށް ހުޅުވާލެވިފައި" މިނިސްޓަރު ވިދާޅުވި އެވެ.

އިއްތިހާދުގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ޝައްކު އުފެދޭ ގޮތަށް ވިއްކާ ހުރިހާ ބިމެއް، ވެރިކަން ބަދަލުވުމުން އިއާދަކުރެވޭނެ ކަމަށެވެ. ބުރާސްފަތި ދުވަހު އިއްތިހާދުން ބޭއްވި ނޫސްކޮންފަރެންސްގައި ވެސް އެ އިއްތިހާދުގެ ލީޑަރުން ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

"ބިން ވިއްކުމުގެ ހަމައެކަނި ބޭނުމަކީ މިވަގުތު ސަރުކާރު ނިމުމަކަށް ދާތީ އޭގެ ކުރިން ސަރުކާރުގައި ތިބި އިސް ބޭފުޅުންނަށް މާލީ މަންފާއެއް ހޯދުން، ސަރުކާރަށް ފައިސާ ނެތުމުގެ ސަބަބުން ސަރުކާރަށް ނަގާ ފައިސާގެ ގޮތުގައި މާލޭގެ ތަންތަން ވިއްކާގެން ސަރުކާރަށް ނަގަން ކުރާ ކަމެއް މިއީ،" ލަތީފް ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ހެޔޮވާ ވަރުގެ ކަމެއް ނޫނުް، މިއިން ބިމެއް ބައްލަވާގަންނަ އިރު ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކިރިޔާވެސް ނުރަނގަޅުކޮށް އެކަންކޮށްފި ނަމަ ބަދަލަކާ ނުލާ އެ ބިންތައް ނަގާނަން،" އިއްތިހާދުން ބޭއްވި ނޫސްކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވިއެވެ.