ޖުހާއަކީ ދިވެހިންގެ ތެރޭގައިވެސް ކިޔާ ހިޔާލީ ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ތަފާތު ކެރެކްޓާ އެވެ. ދިވެހިންގެ ތެރޭގައި ޖުހާ ސިފަކުރަނީވެސް، "ސޭކު" މީހެއްގެ ގޮތުގަ އެވެ. ޖުހާގެ އެންމެ މަޝްހޫރު އެއް ވާހަކައަކީ، އޭނާ އިށީންދެ އިން ގަހުގައި ގޮފިގަނޑު އޭނާ އަމިއްލައަށް ބުރިކޮށްލި ވާހަކަ އެވެ. ޖުހާ އަކީ ކިހިނެއް، ކޮންއިރަކު، ކޮން ގޮތަކުން ދިވެހިންގެ ތެރެއަށް ވަދެގެން އައި ކެރެކްޓާއެއް ކަމެއް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ޖުހާ އަކީ ދިވެހިންގެ ތެރެއިން އުފެދިގެން އައި ކެރެކްޓާއެއް ނޫނެވެ.
ޖުހާ އަކީ އަރަބިންގެ ތެރެއަށް ނުކުމެގެން އުޅޭ ހިޔާލީ ކެރެކްޓާއެކެވެ. ޖުހާގެ ވާހަކަތައް ދިވެހިންގެ ތެރޭގައި ގެނެސްދީފައިވަނީ މުޅިންވެސް ސޭކު މީހެއްގެ ގޮތުގަ އެވެ. ޖުހާގެ ދިވެހި ފިލްމުތަކެއްވެސް ވަނީ އުފައްދާފަ އެވެ. ނަވާރަސަތޭކަ ތިރީސް ހަތް ވަނަ އަހަރު އަދި އޭގެ ފަހުން 1999 ވަނަ އަހަރު ޖުހާގެ ނަމުގައި އިނގިރޭސި ކޮމެޑީ ފިލްމެއްވެސް ވަނީ އުފައްދާފަ އެވެ.
ޖުހާގެ ވާހަކަތައް އެންމެ ފުރަތަމަ އުފެދިގެން އައީ ނުވަވަނަ ގަރުނުގެ ތެރޭގަ އެވެ. އަރަބިންގެ ތެރޭގައިވެސް ގިނައިން ޖުހާ ސިފަކުރަނީ ބުއްދިހަމަނުޖެހޭ ސޭކު މީހެއްގެ ގޮތުގަ އެވެ. ބައެއް ވާހަކަތަކުގައި ޖުހާއަކީ ވިސްނޭ މޮޅެތި ވާހަކަ ދައްކާ މީހެކެވެ. ޖުހާގެ ބައެއް ވާހަކަތައް ކިޔާލުމުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. މިސާލަކަށް، ޖުހާ ވައުޒު ބުނަން މިންބަރަށް އަރާހުރެ އާންމުންނާ މުހާތަބްކޮށް ދައްކާ ވާހަކަތަކަށް ބަލައިލަބަލާށެވެ.
ފުރަތަމަ ދުވަހު ޖުހާ މިންބަރަށް އަރައި އެއްވެ ތިބި މީހުންނަށް އޭނާ އެއްލީ ސުވާލެކެވެ. ޖުހާ ބުނީ، އޭނާ ދައްކަން އުޅޭ ވާހަކަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޖަވާބުގައި އެންމެ އެއް އަޑަކަށް ބުނީ ނޭނގޭ ކަމަށެވެ. އެއާ އެކު ޖުހާ ރުންކުރު ގޮތަކަށް ބުނީ، އޭނާ ދައްކާ ވާހަކަ ނޭނގޭ ޖާހިލު ބަޔަކަށް ވައުޒު ބުނުމުގެ ބޭނުމެއް ނެެތްކަމަށެވެ. އެ ދުވަހު ރުޅިގަދަވެގެން އޭނާ މިންބަރުން ފައިބައިގެން ދިޔައީ އެވެ. ދެވަނަ ދުވަހު ވައުޒު ބުނަން އަރާފައި ދައްކަން އުޅޭ ވާހަކަ އެނގޭހޭ އެހުމުން އެންމެން ބުނީ އެނގޭ ކަމަށެވެ. އެ ދުވަހު ޖުހާ ބުނީ އެނގޭ ބަޔަކަށް އިތުރަށް ހަނދައިންކޮށްދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. ތިން ވަނަ ދުވަހު ރައްޔިތުން ތިބެނީ ދެ ޖަވާބު ދޭ ގޮތަށެވެ. ޖުހާ އެދުވަހުވެސް މިންބަރަށް އަރާފައި އޭނަ ދައްކަން އުޅޭ ވާހަކަ އެނގޭތޯ އެހުމުން އެއްބައި މީހުން ބުނަނީ އެނގޭ ކަމަށެވެ. އަދި އަނެއްބައި މީހުން ބުނަނީ ނޭނގޭ ކަމަށެވެ. ރައްޔިތުންނަށް ޖުހާ ދޭ ޖަވާބު އަދި މާ ފުރިހަަމަ އެވެ. އޭނަ ބުނަނީ އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަށެެވެ. އެހެން ބުނުމަށްފަހު އޭނަ ފައިބައިގެން ދިޔައީ އެވެ.
އެވާހަކައަށް ބަލާފައި ޖުހާ އަކީ، އޭނާއާ ވާހަކަ ދައްކައިގެން މީހަކަށް ކުރި ނުހޯދޭނެ މީހެެއްކަން އެނގެ އެވެ. ޖުހާގެ ގިނަ ވާހަކަތަކުގައި އޭނަ އަކީ ބުއްދިވެރި ވާހަކަ ދައްކާ މީހެއްކަން އެނގެ އެވެ. އެއިން ކޮންމެ ވާހަކައަކުން ވެސް އިބުރަތެއް ލިބެ އެވެ. ސާދަ ވަނަ ގަރުނުގައި އަރަބި ބައެއް ގައުމުތަކުގައި ޖުހާގެ ވާހާކަތަކުގައި އޭރުގެ ރަސްރަސްކަލުންނަށް ވަރަސް ބޮޑަށް ފާޑުކިޔާފައިވެސްވެ އެވެ. އެގޮތުން 1950 ގެ އަހަރުތަކުގައި ޖުހާގެ ވާހަކަތައް، އެމެރިކާގައި ބޭނުން ކުރީ ކޮމިއުނިސްޓުންނާ ދެކޮޅު ހަރަކާތް ފެތުރުމުގަ އެވެ.
މީގެއިތުރުން ސީރިއާގައި ކުރިއަށް ދިޔަ ހުދުމުހުތާރު ވެރިކަމެއްވެސް ބަދަލުކުރަން އަރަބި ވާހަކަ ލިޔުންތެރިއެއް ގެނެސްދިން ޖުހާގެ ވާހަކަތައް ވަރަށް ބޮޑަށް އެހީތެރިވި އެވެ. ޖުހާގެ ޖޯކުތައް ހުންނަ އައިއޯއެސް އެޕެއްވެސް މިހާރުވަނީ ތައާރަފްކޮށްފަ އެވެ. ދުނިޔޭގެ ގައުމުތަކުގައި ޖުހާގެ ވާހަކަތައް އަންނަނީ މި އެޕާ އެކު ބާރަށް ފެތުރެމުންނެވެ. ތަފާތު އާ ވާހަކަތައް ވެސް ވަނީ އުފަންވާން ފަށައިފަ އެވެ. އެހެން ނަމަވެސް ފަހުގެ އަހަރުތަކުގައި ޖުހާގެ ވާހަކަތައް އަނެއްކާވެސް ބޭނުންކޮށްފައިވަނީ ޖޯކުގެ ގޮތުގަ އެވެ. މެދުއިރުމަތީގެ ގިނަ ގައުމުތަކުގައިވެސް ޖުހާގެ ވާހަކަތައް ގެނެސްދެނީ އިބްރަތްތައް ލިބޭ ޖޯކުތަކުގެ ގޮތުގަ އެވެ.