ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އަނެއްކާވެސް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފި އެވެ.
ނާގޯށި އެމްޓީޑީސީ އިން ވަކިކޮށް އަމިއްލަ އިންވެސްޓަރަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެމްއައިޓީޑީސީން މި ރިސޯޓު ތަރައްގީ ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު "އަވަސް"ވިދާޅުވީ ނާގޯށީގައި ރިސޯޓެއް ހެދުމުމަށް މިދިޔަ މަހު ސަރުކާރުން އެރަށް އަލުން ދީފައިވާ ކަމަށެވެ.
"އެރަށް ދިނުމުގެ މިހާރު މިވަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފެށިފައި. މިހާރު ހަތަރު ވަރަކަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފެށޭނެ ތާރީހެއް އެނގޭނީ އިންވެސްޓަރުންނާއެކު ކުރިއަށް ދެވޭ ގޮތަކުން ކަމަށެވެ.
"ތަންކޮޅެއް ފަހުން އެނގޭނީ އެކަން ކުރިއަށް ދާނެ ގޮތެއް. މިހާރުވެސް އިންވެސްޓަރުން އެބަތިބި،" ޝުޖާއު ވިދާޅުވި އެވެ.
ހދ. ގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ނާގޯށި ތަރައްގީ ކުރަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުންނެވެ. އެ ކުންފުނިން އެ ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ކޮށްފަ އެވެ. މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ.