ވިޔަފާރި

އެމްޓީޑީސީއަށް ނާގޯށި ދީ، އަންނަ އަހަރު ފައިދާ ބަހަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާ، އަދި އަންނަ އަހަރު އެ ކުންފުނިން ފައިދާ ބަހާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލް ސަމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން އެމްޑީ ތަަޒްމީލް ވިދާޅުވީ ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްރަކާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީން ކުރާ ހިތް އޮތީ އެމްޓީޑީސީގެ ހިއްސާދާރުން އުންމީދު ކުރިގޮތަށް ކޮންމެ އަހަރަކު ހިއްސާގެ ފައިދާ ބެހިގެން ދާނެ ގޮތަށް ވިޔަފާރި ބަދަލު ކުރަން،" ތަޒްމީލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަށް ތައުރީފު ކުރައްވަމުން އެމްޑީ، ތަޒްމީލް ވިދާޅުވީ ދައުލަތުން އެމްޓީޑީސީ އަށް ދޭން ޖެހޭ އިތުރު ރަށް ތަކެއް އެބަހުރި ކަމަށާ، އެ ރަށްތައް ހަވާލު ކުރިހާ އަވަހަކަށް އެ ރަށްތަށް ވެސް ތަރައްގީ ކުރާނެ ކަމަށެވެ.

"މި ކުންފުނީގެ 24،000 ހިއްސާދާރުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ، ހައްގު ހިމާޔަތް ކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ އަމާނާތެއް،" ތަޒްމީލް ވިދާޅުވި އެވެ.

ނާގޯށިއަކީ ޓޫރިޒަމް ތަރައްގީ ކުރަން އެމްޓީޑީސީއަށް ސަރުކާރުން ދިން ރަށެކެވެ. އެރަށް ތަރައްގީ ކުރުމަށް ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް އެރަށް ސަރުކާރަށް ނެގުމަށްފަހު 2017 ވަނަ އަހަރު ހަވާލުކުރި އެވެ. ނަމަވެސް މިދިޔަ އަހަރު އަނެއްކާވެސް އެ ކުންފުނީގެ އަތުން އެރަށް ވަނީ ސަރުކާރުން އަތުލާފަ އެވެ.

އެމްޓީޑީސީއަކީ 2006 ވަނަ އަހަރު ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. ދިވެހި ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ހޯދައިދިނުމަށް އުފެއްދި މި ކުންފުނިން ހިއްސާގެ ފައިދާ ނުބަހާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.