ވިޔަފާރި

ކްރޫޒްލައިނާގައި ޗުއްޓީ ހޭދަކުރަން ފުރުސަތު ހުޅުވާލަނީ

  • ކްރޫޒްލައިނާ ދަތުރު ފަށަނީ ނޮވެމްބަރު މަހު
  • ތިން ރެ އާއި ހަތް ރޭގެ ޕެކޭޖު ހިމެނޭ
  • ދިވެހިންނަށް އޮތީ ފުރުސަތު ހުޅުވާލާފައި

ކްރޫޒްލައިނާގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލަން އިނަ މޯލްޑިވްސްއިން އަނެއްކާ ވެސް ތައްޔާރުވާން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒްލައިން ޗެއިންގެ އުޅަނދެއް ކަމަށްވާ އިޓަލީގެ "ކޮސްޓާ ނިއޯކްލެސިކާ" ނޮވެމްބަރު މަހު ރާއްޖޭން ފަށާ ދަތުރާ ބެހޭ ގޮތުން "އުނިމާ ގްރޭންޑު" ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ކްރޫޒްލައިނާ ފުރުސަތު ދޭން ނިންމީ ތަރުހީބަށް ބަލާފައި ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މިގޮތަށް ރާއްޖެއަށް ދަތުރެއް ބޭއްވި. މި ދަތުރަށް ބަލާފައި މިއަހަރު ވެސް މި ދަތުރު މި ބާއްވަން ނިންމީ،" ފިރާގު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރާގު ވިދާޅުވީ މިދިޔަ އަހަރު ވެސް ދިވެހިންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބުނު ކަމަށެވެ.

"ފުރަތަމަ ބޭއްވިއިރު ދިވެހިންނަށް ދިމާވި މައްސަލައަކީ ތަންކޮޅެއް ދަތުރު ދިގުވަނީ އެހެންވެ މިކަމަށް މި ފަހަރު ހައްލު ގެނެސްދީފައިވާނެ،" ފިރާގު ވިދާޅުވި އެވެ.

މި ދަތުރު އިނަ މޯލްޑިވްސް އިން ބާއްވަނީ ކޮސްޓާ ކްރޫލައިން ތަމްސީލްކުރާ އިންޑިޔާގެ ކުންފުނި ކަމަށްވާ ލޮޓަސް ޑެސްޓިނޭޝަނާ ގުޅިގެންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނާލިނީ ގުޕްތާ ވިދާޅުވީ މިފަހަރުގެ ދަތުރު ރާއްޖެ އަށް ކުރަނީ ކްރޫޒްލައިނާގައި ކުރު ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

"މި ރީޖަންގެ ގިނަ މީހުންގެ ރިކުއެސްޓެއް ކުރު ދަތުރެއް ހިމެނުން. އެހެންވެ މި ދަތުރު މި ފަހަރު އިތުރުކޮށްފައިވާނެ،" ނާލިނީ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަހުމަދު ލިރާރު ވިދާޅުވީ ކްރޫޒްލައިނާ ޓޫރިޒަމަށް ރާއްޖެ ފައްކާކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޓޫރިޒަމަށް އަލަށް އަންނަ ކަމެއް މިއީ. އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ކްރޫޒްލައިނާއަށް ފައްކާ ކުރަން،" ލިރާރު ވިދާޅުވި އެވެ.

"ކޮސްޓާ ނިއޯކްލެސިކާ" ރާއްޖެ އަށް މި ފަހަރު ބާއްވާ ދަތުރު އޮންނާނީ މި އަހަރުގެ ނޮވެމްބަރު 18 އިން އަންނަ އަހަރުގެ މާޗް 10 ގެ ނިޔަލަށެވެ. މި ފަހަރުގެ ދަތުރުގައި ތިން ރެ އާއި ހަތް ރޭ ހޭދަކޮށްލުމުގެ ފުރުސަތު ދޭނެ އެވެ. މި ކްރޫޒްލައިނާ ދަތުރުކުރާނީ ކޮޗިން އާއި ކޮލަމްބޯ އަދި މުމްބާއީ އަދި ރާއްޖެ އަށެވެ. މިގޮތުން ކޮންމެ ރަށެއްގައި ވެސް ވިޔަފާރިކޮށްލާ ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ދަތުރުގެ ބައިވެރިންނަށް ލިބޭނެ އެވެ. މި ދަތުރުގެ އަގު އުޅެނީ މީހަކަށް 470 ޑޮލަރާއި 1697 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ. މި އަގުތައް އޯޝަން ވިއު އާއި ކްރޫޒްލައިނާގެ އެތެރޭގެ ކޮޓަރިތަކުގައި ތަފާތެވެ.

"ކޮސްޓާ ނިއޯކްލެސިކާ" އަކީ ދުނިޔޭގެ އެންމެ ބޮޑު ކްރޫލައިން ންފުނި ކަމަށްވާ ކާނިވަލް ކޯޕަރޭޝަންގެ އުޅަނދެކެވެ. މި އުޅަނދުގެ ދިގު މިނުގައި 221 މީޓަރު އަދި އުސްމިނުގައި 14 ބުރި ހުރެ އެވެ. މި ކްރޫޒްލައިނާގައި 1,308 ފަސިންޖަރުން އެއް ފަހަރާ ދަތުރުކުރާއިރު މީގައި ފަޅުވެރިންގެ ގޮތުގައި 620 މީހުން ހަރަކާތެރިވާނެ އެވެ. މި އުޅަނދުގައި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކާއި ސުވިމިން ޕޫލް ފަދަ ހިދުމަތްތައް ވެސް ލިބޭނެ އެވެ.