ހަބަރު

ގަވަރުނަރަކަށް ނީޒާގެ ބަދަލުގައި ނަސީރު ހަމަޖައްސަނީ

Aug 20, 2017
6

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ނީޒާ އިމާދުގެ ނަން ނަންގަވައި އެ މަގާމަށް، އަހުމަދު ނަސީރުގެ ނަން ރައީސް މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

އެމްއެމްއޭގައި 31 އަހަރު މަސައްކަތް ކުރެއްވި ނީޒާގެ ނަން އަނބުރާ ގެންދެވި ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ. އެހެން ނަމަވެސް ސްޕޯކްޕާސަން އިބްރާހިމް މުއާޒު އަލީ ވަނީ ނަސީރުގެ ނަން ގަވަރުނަރަކަށް ހަމަޖެއްސުމަށް ފޮނުއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ. ނަސީރަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރަށް އޭނާ އަކީ ސީއެމްޑީއޭގެ ސީއީއޯކަން ކުރެއްވި ބޭފުޅެކެވެ. ނަސީރު މިވަގުތު މަސައްކަތް ކުރައްވަނީ ވޯލްޑްބޭންކްގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގަ އެވެ. ނަސީރު މީގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުން އަޒީމާ އާދަމް އިސްތިއުފާދެއްވީ، އޭނާގެ ފިރިކަލުން ޑރ. އަލީ ނަސީރާ އެކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމަށެވެ. އަލީ ނަސީރު ދާދިފަހުން ހަމަޖައްސާފައި ވަނީ ރާއްޖެއިން އދ އަށާއި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގަ އެވެ.