ވާހަކަ

މުޅިޖާންހިތާ

(17 އޯގަސްޓް 2017 އާ ގުޅޭ) --"އަޅުގަނޑުގެ ކައިވެނީގައި ހުންނާން އެދޭ ވަރަށް މުހިންމު މީހަކު އެބަހުރި. އެވެސް ތި ފަދަ ބައްޕައެއް... އައިޒަންގެ ކާފަ" އައިރާ ބުނެލިއެވެ.

"އައިރާއަށް އެނގޭތަ ނިޔާނުގެ ބައްޕަ ހުރިތަނެއް" ވިސްނަން ހުރުމަށްފަހު ހައިކަލް އަހާލިއެވެ. އެއާއެކު އަމީރުގެ ގޭގެ އެޑްރެސް އައިރާ ބުންޏެވެ.

"ހަމަ މިއަދު ތިކަމާ ބައްޕަ އުޅޭނަން" ހައިކަލް ޔަގީންކަމާއެކު ބުންޏެވެ.
* * * *

ބަސްހުއްޓިފައި ހުރި މީހަކު ފަދައިން ރުބީނާ ހުއްޓެވެ. މައުރީން އެނދުގައި ދެފައި ވަށްކޮށްލައިގެން އިނެވެ. އޭނާގެ މޫނުން ފެންނަނީ ނުރުހުމުގެ އަސަރެވެ.

"ބައްޕަ ވެސް އިންޑިއާއަށް ބަދަލުވީ. ދޮންބެ ނިޔާވުމުން އެ ގޭގައި އުޅޭން ބޭނުންނުވާތީ. މިއަދު ދޮންބެ ހުރިނަމައޭ ހިތަށް އަރާ... މަންމަ ކީއްވެތަ ތިހެން ތި ކަންތައްކުރީ. ބޭބެއަކީ ކިހާ ރަނގަޅު މީހެއް. މައުއަކަށް ނޭނގޭ ބައްޕައާއި މަންމައާ ދެމެދު ޖެހުނީ ކޮން މައްސަލައެއްކަމެއް... އެކަމަކު މިފަހަރު މައުއަށް ޔަގީންވޭ މީ މަންމަގެ ފޯލްޓުކަން. ބޭބެއަކީ ވަރަށް ރަނގަޅު މީހެއް. ބޭބެ މައުއާއި މަންމައަށް ނުކޮށްދެނީ ކޮންކަމެއް؟ ދެން ކީއްވެތަ މަންމަ އަބަދު އައިރާގެ ފަހަތުން އުޅުނީ... ކޮންތާކަށް މައުމެން ނުކުމެގެން ދާނީ؟ މައުގެ ރައްޓެހި ކުދީންނާ ކުރިމަތިލާނެ ގޮތެއް ވެސް ނޭނގެ... މައުގެ ޚަރަދުތައް މަންމަ ބަލަހައްޓާނީ ކިހިނެއް؟ މަންމަގެ ގެއެއް ވެސް ހުރީއެއްނޫން... އައި ހޭޓް ޔޫ... އައި ހޭޓް ޔޫ... މަންމައާ ވާހަކަދައްކާކަށް ބޭނުމެއްނޫން" މައުރީން އަޑުގަދަކޮށްލިއެވެ. ދަރިފުޅުގެ ވާހަކަތައް އަހާފައި ރުބީނާ ފެންކަޅިވިއެވެ. އޭނާގެ ހިތަށް ތަދުވެސް ވެއްޖެއެވެ. އަވަސް އަވަހަށް މައުރީނުގެ ކޮޓަރީން ނުކުމެގެން އައިސް އޭނާއަށް އެގޭގައި ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

"މަންމަތަ އަދި ދެރަވާންވީ؟ ހުރިހާ ކަމެއް ކުރީ މަންމަ އަމިއްލަ... އެންމެން ކިހާ މަލާމާތެއް ކުރާނެ އަހަންނަށް... މަންމައާއެކު ގޮސް ކޮންމޮޅެއް ވާންއޮތީ. މަންމަ ރަށަށް ދާ ވާހަކަ ބުނާއިރު މައުއަށް ކިހިނެއް ރާއްޖެތެރޭ ރަށެއްގައި އުޅެވޭނީ... ނޯވޭ.. ނުވާނެ އެކަމެއް... ބައްޕަ! އާން! ބައްޕަ ފުރުމުގެ ކުރީން މައުއާ އެ ދުވަހު ބައްދަލުކޮށްފައި ކަރުދާސްކޮޅެއް ދިން. ބޭނުންވެއްޖެނަމަ ގުޅޭނެއޭ ކިޔާފައި... ކޮންތާކަށްބާ އެ ކަރުދާސްކޮޅު ލެވުނީ... އަވަހަށް ބައްޕައަށް ގުޅާންވީ... ބައްޕައަށް ގުޅައިގެން ބައްޕަ ގާތަށް ބަދަލުވާނީ. ނޫޅެން ދެން މަންމައާއެކު އެއްވެސް ތާކަށް ދާކަށް" އެނދުމަތީން ފުންމާލުމާއެކު މައުރީންގެ ހަރަކާތް އަވަސްކޮށްލާފައި ހުރީ އެ ބުނާ ކަރުދާސްކޮޅެއް ހޯދާށެވެ.

އިންޑިއާއަށް ފުރާން އަމީރު ނިންމުމާއެކު އޭނާ މައުރީނާއި އައިރާ ދުށުމަށް ޤައިސް އުޅޭ ގެ ހޯދައިގެން އެ ގޭ ދޮށަށް އައެވެ. ދެފަހަރު އައިސްގެން ވެސް އެމީހުންނާ ބައްދަލުވިޔަ ރުބީނާ ނުދިނީއެވެ. އެހެންވެ މައުރީނާ ބައްދަލު ކުރުމަށް އޭނާގެ ސުކޫލު ދޮށަށް އަމީރު ދިޔައީއެވެ. އެ ދުވަހު އަމީރު ދެއްކި ވާހަކަ މައުރީނު އަޑު އެހީ މަގުމަތީގައި އަޑުގަދަކޮށް ނުރުހުން ފާޅުކުރާން ނުކެރިގެންނެވެ. އަމީރަށް ގުޅޭނޭ ފޯނު ނަންބަރެއް ލިޔެފައި އޮތް ކަރުދާސްކޮޅެއް ދިނުމުން އޭނާ އަވަސް އަވަހަށް އެ ލީ އަތުގައި އޮތް ފޮތްތަކުގެ ތެރެއިން ފޮތެއްގެ ތެރެއަށެވެ. އަދި އަމީރުއާ ސަލާމްކޮށްލުމެއް ވެސް ނެތި އޭނާގެ ގާތުން އަވަހަށް ސަލާމަތްވެގެން އައިސް މައުރީނު ކާރަށް އެރީއެވެ. އެ ދުވަހު އެ ބައްޕަގެ މަދަދަށް އެދޭން ޖެހިދާނޭ އޭނާ ދުވަހަކު ވެސް ހިޔެއްނުކުރެއެވެ.

* * * *

ބޮޑުކޮޓަރީގައި ޤައިސްއާއެކު ލޫކަން ސޯފާގައި ތިއްބެވެ. ކައިވެނީގެ ހަފުލާގައި ހުންނާނޭ ކުލަތަކާއި ހަފުލާ ރޭވިފައި އޮންނާނޭ ގޮތުގެ ފޮޓޯއެއް ބަލަން އެމީހުން ތިއްބެވެ. އެމީހުންގެ ސަމާލުކަން ސިޑިއާ ދިމާއަށް ހުއްޓޭން މެދުވެރިވީ ކުއްލިއަކަށް ރުބީނާގެ އަޑު އިވިގެންނެވެ. އޭނާ އާދޭސް ކުރަމުން ފައިބައިގެން އައެވެ. އޭރު މައުރީނު އޭނާގެ ބެކްޕެކް އަޅައިގެން ހުއްޓެވެ. ސޯމޫ ދެ ފޮށި ހިފައިގެން ފައިބަނީއެވެ. އެމީހުންގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ދޭން ބޭނުންނުވިޔަސް ޤައިސްއާއި ލޫކަންއަށް މަޑަކުން ނުތިބެވުނެވެ. ދެ މީހުން ސޯފާއިން ތެދުވެގެން އަތުވެއްޖެއެވެ. އަންހެން ކުއްޖަކު އެކަނިމާ އެކަނި ގެއިން ނުކުމެގެން ދާން އުޅޭތީ އެކަމާ އެއްޗެއް ނުބުނެ ޤައިސްއަކަށް ވެސް ނުހުރެވުނެވެ. އޭނާ އެގެއިން ނުކުންނާން ބުނީ ރުބީނާއަށެވެ. އޭނާ ދާއިރު އޭނާގެ ބެލުމުގެ ދަށުގައި ހުންނަ ދަރިއަކު ވެސް ގެންދާން ޖެހޭނެތާއެވެ.

"މައުރީން!... ކޮންތާކަށް؟" ޤައިސް ގޮވާލުމާއެކު މައުރީންގެ ހަރަކާތްތައް ހުއްޓުނެވެ. ޤައިސްއަށް ބަލާލިއިރު މައުރީނު ރޮއެފައި ހުރިކަން އެ ދެލޮލުން ފާޅުވެއެވެ.

"ބައްޕަ ގާތަށް..." މަޑުމަޑުން މައުރީން ބުނެލިއެވެ.

"އެކަނިތަ ދަނީ؟ ޑްރައިވަރު ގެންގޮސްދޭނެ" ރުބީނާއަށް ބަލާލާފައި އަލުން މައުރީނަށް ބަލާލަމުން ޤައިސް ބުންޏެވެ. އެވަގުތު އެ ތަނުގައި ހުރި ލޫކަން ބަލާލީ ތަފާތު ނަޒަރަކުންނެވެ. އޭނާގެ ސިކުނޑީގައި އަމިއްލަ އެޖެންޑާއެއް ރާވާލިއެވެ.

"ޑޭޑް! އަޅުގަނޑު އަންނާނަން މައު ގެންގޮސްލާފައި. އޭނާ އެކަނި ދިއުމަށްވުރޭން ރަނގަޅުވާނެ" ލޫކަން މިހެން ބުނެލުމާއެކު ޤައިސް އެކަމާ އެއްބަސްވިއެވެ.

"މައު! ދަރިފުޅާ..." ރޮވިފައި ހުރެ ރުބީނާ އަނެއްކާ ވެސް ގޮވާލިއެވެ. ނަމަވެސް އެ އަޑު އިވޭ ކަމަށް ހަދާނުލާ މައުރީން ހިނގައިގަތީ ގެއިން ނުކުންނާށެވެ. ރުބީނާ ދުވެފައި އައިސް މައުރީނުގެ ގައިގާ ފުރަގަހުން އޮޅުލައިގަތެވެ. އެހިނދު މައުރީނު ވެސް ދެ ލޯ ފުހެލިތަން ފެނުނެވެ. އަދި ފަހަތަށް އެނބުރިލާ ރުބީނާއާ ކުރިމަތިލިއެވެ.

"މަންމައާއެކު މިހާ ދުވަހު މައު އުޅުނީ. ދެން ބޭނުންވަނީ ބައްޕައާއެކު އުޅޭން. މަންމަ ގުޅީމަ މައު ފޯނަށް އާންސާކުރާނަން. މަންމަ މީޓުކުރާން ބޭނުންވިޔަސް އެނގޭނެ ދޯ މައު ހުރީ ބައްޕަ ގާތުގައި ކަން. އެއީ މައުގެ ބައްޕައެއްނު. ދުރުހިލޭމީހެއްނޫނެއްނު. ގުޑް ބައި މަންމާ..."

ރުބީނާގެ ގައިގާ މައުރީން ލޯބިން ބައްދާލިއެވެ. ރުބީނާ އޭނާ ދޫކޮށްލަން ބޭނުންނުވި ނަމަވެސް އޭނާގެ އަތުން ވީއްލިގަނެގެން ކަހަލަ ގޮތަކަށް މައުރީން ނުކުތެވެ. އެހިނދު މީހާ ފުނޑުފުނޑުވެގެން ތިރިވިހެން ރުބީނާ ދެކަކޫ މައްޗަށް ތިރިވިތަން ޤައިސްއަށް ފެނުނެވެ. އޭނާގެ ހިތަށް އަސަރު ވެސް ކުރިއެވެ. ނަމަވެސް ހިލަ ހިތެއްގެ ވެރިއަކަށް ވުމަށް އޭނާ އަމިއްލަ ނަފްސަށް މަޖުބޫރުކުރިއެވެ. ރުބީނާއާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ކުރިއަށް ފިޔަވަޅު އަޅާން ފެށީ ކެތްނުވެގެންނެވެ. ދޮރުކަނީގައި ބޯވިއްދާލައިގެން އިނދެ ރުބީނާ ރޯއިރު ޤައިސްގެ ހިތަށް ބަޔާންކުރާން ދަތި ގޮތްތަކެއް ވަމުންދިޔައެވެ. އޭނާ އައިސް މަޑުމަޑުން ރުބީނާގެ ކޮނޑުގެ ދެފަރާތުގައި ހިފާ ނެގިއެވެ. އެއާއެކު އޭނާގެ މޭގައި ރުބީނާ ފޮރުވިގަތެވެ. އިހުނަށްވުރެ ބޮޑަށް ރުބީނާއަށް ރޮވުނެވެ. އޭނާ ގޮވައިގެން ޤައިސް އައިސް ސޯފާގައި އިށީނެވެ. އަންހެނެއްގެ ހިތުގައި ޖެހި ރޯތަން ބެލުމަކީ ޤައިސްގެ ހިތަށް ކެތްވާނޭ ކަމެއްނޫނެވެ. ރުބީނާ ހުއްޓާލާންދެން އޭނާ ގާތްކޮށްލައިގެން ޤައިސްއަށް އިނދެވުނެވެ.

* * * *

"އަޅުގަނޑު މި އިނީ ބުނާނޭ އެއްޗެއް ވެސް ނޭނގިފައި. އެކަމަކު މިއަދު ވަރަށް އުފާ ވެސް ވެއްޖެ" ސޯފާގައި ވާހަކަދައްކަން އިން އަމީރު ބުންޏެވެ. އެޕާޓްމެންޓުގެ ބެލް އަޅާލީ އެވަގުތުއެވެ. އޭނާ މާލެ އައިތާ އަދިވީ ދެ ދުވަހެވެ.

"އެބަ އަންނަން... އަޅުގަނޑުގެ ދަރިއަކު އަންނަވާހަކަ ބުނެފައި އޮތީ. އޭނާ އައީ ހެން ހީވަނީ" ހިނިއައިސްފައި އަމީރު ބުންޏެވެ. އަދި ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ދޮރުމަތީގައި އިސްކޮޅުން ދިގު ޒުވާނަކާއެކު މަޑުކޮށްލައިގެން ހުރީ މައުރީނެވެ. ގޭތެރޭގައި މީހަކު އިންކަމެއް އެމީހުންނަކަށް ނޭނގެއެވެ. މައުރީން ކުއްލިއަކަށް އަމީރުގެ ގައިގާ އޮޅުލައިގަނެ ރޯންފެށިއެވެ. ދަރިފުޅަށް ވީގޮތެއް ނޭނގުނަސް އަމީރު އެ ދަރިފުޅު ގޮވައިގެން އެތެރެއަށް ހިނގައިގަތެވެ. އަދި ދޮރު މަތީ ހުރި ޒުވާނާއަށް އެތެރެއަށް ވަނުމަށް ބޮލުން އިޝާރާތްކޮށްލިއެވެ. އެއާއެކު މައުރީންގެ ފޮށިތައް އެތެރެއަށް ވެއްދުމަށްފަހު ލޫކަން ވަނެވެ.

"މައު! ބައްޕަ މި އިނީ މީހަކާ ބައްދަލުކުރާށޭ. އެހެންނޫނަސް ރޯކަށް ނުވެއެއްނު. މިހާރު ތި ހުރީ ގެއަށް އާދެވިފައެއްނު. ހިނގާބަލަ އެތެރެއަށް..." އަމީރު މިހެން ބުނުމުން މައުރީނު ގޭތެރެއަށް ބަލާލިއެވެ. އަދި ސޯފާގައި މީހަކު އިންކަން އެނގުމުން އަވަސް އަވަހަށް ދެ ލޯ ފުހެލާފައި އެތެރެއަށް މައުރީން ދިޔައެވެ. ދަރިފުޅު ވަދެގެން ދިޔަ ދިމާއަށް ބަލަން ހުރެފައި އެނބުރިލިއިރު ގެއަށް ދެންމެ ވަދެގެން އައި ޒުވާނާއާއި ސޯފާގައި އިން މީހާއާ ދެ މީހުން ތިބީ ހިނިއައިސްފައި އެކަކު އަނެކަކާ ވާހަކަދައްކާށެވެ.

"ހައިކަލް ދަންނަ ކުއްޖެއްތޯ މީ..." އަމީރާ ބައްދަލު ކުރާން އައިސް އިން ހައިކަލްއާ ސުވާލުކުރިއެވެ.

"މީއޭ އައިރާ އިންނާން އުޅޭ ކުއްޖަކީ... މީ ލޫކަންއަކީ. ޤައިސްގެ ހުރި ހަމައެކަނި ދަރިފުޅު" ހިނިއައިސްފައި އިނދެ ހައިކަލް ބުންޏެވެ.

"އަޅުގަނޑުގެ އަންހެނުން ޝިމްލާއަށް މި ޚަބަރު ލިބުމުން ވަރަށް އުފާވާނެ. އައިރާ އަޅުގަނޑުމެންނާއެކު ބަހައްޓަން ވަރަށް ބޭނުންވި. މީ އެކުއްޖާއަށް ލެއްވި ރަޙުމަތެއް..." އަމީރު ހިނިތުންވެލައިގެން އިނދެ ވާހަކަދެއްކި ނަމަވެސް އޭނާގެ ލޮލުން ކަރުނަ ނިރާލިއެވެ. ހީނލާފައި ދެ ލޯ ފުހެލީ އުފަލުންނެވެ. ދެވަނަ ފަހަރަށް އައިރާގެ ދިރިއުޅުން އާރާސްތުވުމީ އަމީރު ވެސް އެދޭ ކަމެކެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް މިއަދު އޭނާގެ ކުރިމައްޗަށް އައިރާގެ ޚަބަރު ހިފައިގެން އެ އައީ އައިރާގެ މައްޗަށް ރައްކާތެރިވާނޭ ބައެއްކަން އަމީރަށް ޔަގީންވިއެވެ. ﷲގެ ރަޙުމަތާއި އެކަލާނގެ އަޅުންގެ މައްޗަށް ލައްވާ ނިޢުމަތް އަމީރުގެ ކުރިމަތީ ސިފަވަމުންދިޔައެވެ. ޤަދަރާއި ޢިއްޒަތާއި ބާރު ހީވެސް ނުކުރާ ފަދަ ގޮތަކަށް ލިބިގެން ހިނގައިދާނޭކަން އަމީރަށް ވިސްނުނެވެ.

"މި އޮތީ ކައިވެނީ ކާޑު... އައިރާގެ ވެސް އަދި އަޅުގަނޑުމެންގެ ވެސް އެދުމެއް އެއީ ކައިވެނީގެ ހަފުލާފައި އަމީރާއި އަމީރުގެ ޢާއިލާ ބައިވެރިވުން" ހައިކަލް ބުންޏެވެ. ރަތްފިނިފެންމަލެއްހެން ކަނޑާނަގާފައިވާ އެ ކާޑަށް އަމީރު ބަލާލާފައި ބޯޖަހާލިއެވެ.

ހައިކަލްއާއި ލޫކަން ނުކުމެގެން ދިޔައިރު އަމީރަށް އޮތީ އައިރާއާ މެދު ރުބީނާ ކަންތައްކުރި ގޮތް އެނގި ސާފުވެފައެވެ. އެމީހުން ދިޔައީ އަމީރަށް ހުރިހާ ކަމެއް ކިޔައިދީފައެވެ. ދުވަހަކު ވެސް ބައްދަލުނުވާނޭ ކަމުގައި ހީކުރެވުނު ކާފަ ދަރިފުޅާ ވެސް ބައްދަލުވުމުގެ ފުރުޞަތު މިއަދު އަމީރަށް ލިބިއްޖެއެވެ. ހަމައެއާއެކު މައުރީން އެނބުރި ގެއަށް އައުމުން އަމީރު ހުރީ އުފަލުންނެވެ. ރުބީނާ އޭނާގެ އަންހެން ދަރިފުޅު ވެސް ހަލާކުގެތެރެއަށް ވައްޓާލާނޭކަން އަމީރަށް އެނގޭތީވެ މިހާ ދުވަހު އޭނާ ހުރީ އެކަމާ ނުހަނު ކަންބޮޑުވެފައެވެ. ނަމަވެސް އެ ދަރިފުޅު އަމިއްލައަށް އޭނާގެ ގާތަށް އަތުވެއްޖެއެވެ. ދެން އިރާދަކުރެއްވިއްޔާ މައުރީން ހުންނާނީ އަމީރުގެ ބެލުމުގެ ދަށުގައެވެ. ހެވާއި ނުބައި އެ ދަރިފުޅަށް އަމީރު ވަކިކޮށްދޭނެއެވެ.

* * * *

ވަގުތު ކުޑަތަންވަމުން އައި ވަރަކަށް އައިރާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ވަށައިގެން އެތައް ބަޔަކު ހަރަކާތްތެރިވަމުންދިޔައެވެ. އެއްބަޔަކު މޭކަޕްކޮށްދިނުމާއި އައިރާގެ ހިމަ ނިޔަފަތިތަކުގައި ކުލަޖައްސައިދެނީއެވެ. އަތްތިލަ އެއްކޮށްވަނީ ހީނާގެ ރީތި ފަރުމާއަކުން ކުރެހުން އަޅާފައެވެ. އޭނާއާއެކު އެ ތަނުގައި ޔާނާ ހަރަކާތްތެރިވަމުންދިޔައެވެ. އޭނާ ވެސް ފެންނަނީ ތަފާތު މީހެއް ހެންނެވެ. ކޮށްފައި ހުރި މޭކަޕްގެ ސަބަބުންނެވެ. އާދަޔާ ޚިލާފަށް ހަންއޮމާންވެފައި މޫނުގެ ރީތިކަން އިތުރުވެފައި ވާ ކަހަލައެވެ. އޭނާ ދޭތެރެއަކުން އައިރާގެ ކަންކަން ކޮށްދޭން ތިބި ކުދީންނަށް އިރުޝާދުދެއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ބުރުގާ އަޅުވަދޭން އައިސް ތިބި ކުދީން އެކަން ކުރުމަށް އަވަސްވެލިއެވެ.

ރޭގަނޑު ހަތްގަޑި ބައިވި އިރު އެންމެންހެން ތައްޔާރުވެ ނިމިއްޖެއެވެ. ކައިވެނީގެ ހަފުލާއަށް ދިއުމަށް ޓަކައި ހައިކަލްގެ ޚާއްޞަ ކާރެއް ހަމަޖެއްސިއެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގެ ހާމަފެންޑާގައި ބާއްވަން ހަމަޖެހިފައި އޮތްއިރު އައިރާއާއި ލޫކަން އެ ތަނަށް އައީ ވަކީންނެވެ. ދެމީހުން ވެސް ބައްދަލުވީ ކައިވެނި ކުރާ މޭޒުގެ ދޮށުންނެވެ. އިންޑިއާގެ ޝާޙީ ކައިވެންޏެއް ކުރެވޭ ކަހަލައެވެ. ޤައިސްއަކީ އިންޑިއާގެ ފަރުމާތަކަށް ލޯބިކުރާ މީހެކެވެ. އެހެންވެ އޭނާގެ އެދުން މި ކައިވެނީން ފުރިހަމަވެއްޖެއެވެ. ރަތްކުލައަކީ ހައިކަލްއަށް ޚާއްޞަ ކުލައަކަށްވާއިރު އެއީ ލޫކަންއަށް ވެސް ނުހަނު ހިތްގައިމު ކުލައެކެވެ. ހަފުލާގައިވަނީ ރަތާއި އަޅިކުލައާއި ހުދުކުލައެވެ. ދިމާދިމާލުން ފެންނަނީ ރަތްކުލައިގެ ފިނިފެންމަލެވެ. ރަންކުލައިގެ ކޮކާތަކެއް ފަދައިން ކުދިކުދި އަލިކޮޅުތައް އެކިދިމާދިމާލުން ދިއްލިފައި ހުރިއިރު މުޅިތަން ހުޅުދާންވެފައި ވެއެވެ.

ދެ ޢާއިލާގެ މީހުން ޖަމާވެފައި ވެއެވެ. ހުނުމުގެ އަޑާއި ގުރޫޕުތަކުގެ ވާހަކަދެއްކުމުގެ އަޑުތައް އިވެމުންދިޔައެވެ. ލޫކަންއަށް ބެލެނީ އައިރާއަށެވެ. އެ ރީތިކަން މިރޭ އިންތިހާއެވެ. ބޭއިޚްތިޔާރުގައި ވެސް ލޫކަންއަށް ހިނިތުންވެވުނެވެ. ތަފާތު ޚިޔާލުތައް އޭނާގެ ހިތާއި ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ. ނަމަވެސް އައިރާ ހީވަނީ މީހުން ގިނަކަމުން ހާސްވެފައި އިންހެނެވެ. ޔާނާ އޭނާގެ ހާސްކަން ކުޑަކުރެވޭތޯ މަސައްކަތް ވެސް ކުރެއެވެ. އެންމެ ހިނދުކޮޅަކަށް ވެސް ހައިކަލް ދުރަކަށް ނުދެއެވެ. އައިރާއަށް އެފަދަ މާޙައުލަކީ ކިހާ އާ ކަންތައްތައްކަން އޭނާ ދެނަހުއްޓެވެ. އެހެންމީހުންގެ ސަބަބުން އޭނާގެ އެ ދަރިފުޅަށް ކުރެވެންއުޅޭ ކައިވެނީގެ އުފާވެރިކަން އުނިވެގެން ދާކަށް ހައިކަލް ނޭދެއެވެ. ގިނައިރެއްނުވެ އެންމެންގެ އިންތިޒާރު ނިމިއްޖެއެވެ. މުޅި ތަނަށް ހިމޭންކަން ވެރިވެގެންދިޔައެވެ. ޤައިސްއާއެކު ވަދެގެން އަންނަ ޤާޟީއާއި އެހީތެރިން އެންމެންނަށް ވެސް ފެނުނީއެވެ. (ނުނިމޭ)