ކުޅިވަރު

އަލޮންސޯ ޗެލްސީ ސަލާމަތް ކޮށްދީފި

Aug 21, 2017

ޓޮޓެންހަމް ހޮސްޕާއަތުން އެއްވަރުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތުގައި، ސްޕެއިންގެ މާކޯސް އަލޮންސޯ، 2-1 އިން ޗެލްސީ މޮޅުކޮށްދީފި އެވެ.

މި ސީޒަންގައި، ޓޮޓެންހަމްގެ، ހޯމް ދަނޑުގެ ގޮތުގައި ބޭނުން ކުރާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޗެލްސީގެ ދެ ލަނޑުވެސް، ކާމިޔާބު ކުރީ ރެއާލް މެޑްރިޑުން، ޕްރޮފިޝަނަލް ކެރިއާ ފެށި އަލޮންސޯ އެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ލީގްގައި ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި ވަނީ، އަމިއްލަ ދަނޑުގައި ބާންލީ އަތުން 3-2 ން ބަލި ވެފަ އެވެ.

މެ ފެށިގެން، ވަރަށް ކުރީ ކޮޅު، ޗެލްސީ ފުރަތަމަ 11 ގައި ހިމެނިގެން ލީގްގެ ފުރަތަމަ މެޗު ކުޅުނު، އަލްވާރޯ މޮރާޓާ އަށް ވަނީ ތަނަވަސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޓޮޓެންހަމްގެ ހާފުގެ މެދެއްހާ ހިސާބުން ސެޒާ އަޒްޕްލިކުއޭޓާ ނަގައިދިން ބޯޅަ، މޮރާޓާ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ޓޯޓެންހަމްގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު، މެޗުގެ 24 ވަނަ މިނެޓްގައި އަލޮންސޯ ކާމިޔާބު ކުރީ، ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ބޭރުން، ލިބުނު ހިލޭ ޖެހުމުންނެވެ. އޭނާ ބޯޅަ ފޮނުވާލީ، ބޯޅައަށް ހުރަސް އަޅަން، ފާރެހެއްހެން އެތުރިގެން ތިބި، ޓޮޓެންހަމްގެ ކުޅުންތެރިންގެ ބޯމަތިން ނެވެ.

މެޗުގެ 42 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ހެރީ ކޭން އަށް އެ ޓީމުގެ ކްރިސްޓިއަން އެރިކްސަން ވަނީ ރަނގަޅު ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. އޭރިއާ ތެރެއަށް ވަދެ، ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.

ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ، ޗެލްސީގެ މިޝީ ބަޓްޝުއާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 82 ވަނަ މިނެޓްގައި، ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުމެއްގައި، އެރިކްސަން ފޮނުވާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން، ބަޓްޝުއާއި މަސައްކަތް ކުރީ، ބޮލުން ދިފާއު ކުރާށެވެ. ނަމަވެސް އޭނާ ބޮޮލުގައި ޖެހިފައި ބޯޅަ ވަނީ ބައި ކޮޅަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، ދެ މިނެޓަށް ވެފައި ވަނިކޮށް އަލޮންސޯ، ވަނީ، ޕެޑްރޯ، ތަނަވަސް ކޮށްދިން ފުރުސަތެއްގައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޓޮޓެންހަމްގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އެ ބޯޅަ ވަނީ، ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއަށް ހެދުނު މިސްޓެއްކެއްގަ އެވެ. އޭނާ ބޯޅައަށް ޑައިވް ކުރި ނަމަވެސް، ބޯޅަ ގޯލަށް ވަނީ އޭނާގެ ގައިދަށުން ގޮހެވެ.

މެދުކެނޑުމަކަށް ފަހު، އަލުން ލީގްގައި، ވާދަ ކުރަން ފެށި، ނިއުކާލްސަލް ޔުނައިޓަޑް މިރޭ ވެސް ވަނީ ބަލި ވެފަ އެވެ. އެ ޓީމު ބަލިވީ، އިނގިރޭސި ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ހަޑާސްފީލްޑް ޓައުން އަތުން، 1-0 ނެ ނެވެ.