އެކުގައި ބޮލީވުޑަށް ނިކުތް ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް މިހާތަނަށް ވަނީ އެކުގައި ތިން ފިލްމެއް ކުޅެފަ އެވެ. އެއީ " ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި "ހަމްޕްޓީ ޝަރްމާކީ ދުލްހަނީ" ގެ އިތުރުން "ބަދްރިނާތްކީ ދުލްހަނިޔާ" އެވެ.
އާލިއާ މިހާތަނަށް ނުވަ ފިލްމެއް ކުޅެފައިވާއިރު ވަރުން ވަނީ އަށް ފިލްމެއް ކުޅެފަ އެވެ. އެކުގައި މި ދެތަރިން ތިން ފިލްމެއްގެ މަސައްކަތް ކޮށްފައިވާއިރު، އިތުރު ފިލްމެއް އެކުގައި އަވަސް މުސްތަގުބަލެއްގައި ނުކުޅޭނެ ކަމަށްވެ އެވެ.
އެކުގައި އެހާ އަވަހަށް ފިލްމެއް ނުކުޅެން މި ދެތަރިން ނިންމާފައިވާ ކަމަށް ވަނީ އެމީހުންގެ މެންޓާ ކަރަން ޖޯހަރުގެ އެދުމުގެ މަތިންނެވެ. ކަރަން އެގޮތަށް އެދިފައިވަނީ އެދެމީހުންގެ ޖޯޑަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ކައިރި ކައިރީގައި މާ ގިނަ ފިލްމުތަކެއް ކުޅެމުން ދެތަރިންގެ ޖޯޑު މަތިން ބެލުންތެރިން ފޫހިވެދާނެތީ އެވެ.
އެގޮތުން އެކުގައި ކުޅެން ލިބުނު ބައެއް ފިލްމުތަކަށް މި ދެތަރިން ވަނީ ނޫނެކޭ ބުނެފަ އެވެ.
"ޖުޅްވާ 2" ގެ ޝޫޓިން ނިންމައި އެ ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތަކަށް ވަރުން ތައްޔާރުވަމުން އަންނައިރު، އާލިއާ އަންނަނީ ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ "ރާޒީ" ގެ މަންޒަރުތައް ނަގަމުންނެވެ. ކުރިއަށް މިދެތަރިންނަށް ގިނަ ފިލްމުތަކަކުން ފުރުސަތު ލިބިފައިވާއިރު 2019 ވަނަ އަހަރާ ހަމައަށް ދެމީހުންގެ އަތުގައި ފުލުފުލުގައި ކުޅޭނެ ފިލްމުތައް އެބަހުއްޓެވެ.
ވަރުން އާއި އާލިއާގެ ޖޯޑު ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވެނީ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެހާތަނަށް މިދެތަރިންގެ ފޭނުން ޖެހޭނީ އިތުރު ފިލްމަކަށް އިންތިޒާރުކުރާށެވެ.