ކުޅިވަރު

ބާސާ އާއި ރެއާލްއަށްވެސް ރަނގަޅު ފެށުމެއް

Aug 21, 2017

ސްޕެނިޝް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާ މި ސީޒަންގެ ލީގްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށް ލީގްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި، ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ން ނެވެ. ރެއާލް ރަށުން ބޭރުގައި، ޑިޕޯޓިވޯ ލަކަރޫނިއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-0 އިން ނެވެ.

ބާސާ، ކުޅުނު މެޗުގައި ތަރިއަކަށްވީ، އެވަޓަންއިން، މި ޓްރާންސްފާ ޕީރިއަޑްގައި، ބާސާއާ ގުޅުނު ޖެރާޑް ޑެލެފޭއޫ އެވެ. ބާސާގެ ދެ ލަނޑު ޖެހުމުގައިވެސް އޭނާ ހިއްސާ ބޮޑެވެ. ބާސާގެ ފުރަތަމަ ލަނޑު، ޑެލޭފޭއޫ ފޮނުވާލި ބޯޅަ. ގޯލް ތެރެއަށް ވަނީ، ބެޓިސްގެ އޭލިން ޓޮސްކާ ފައިގައި ކިރިކިރިޔާ ޖެހިފަ އެވެ. އެހެންވެ އެ ގޯލް ކައުންޓް ކޮށްފައި ވަނީ ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގަ އެވެ. ބާސާގެ ދެ ވަނަ ލަނޑު ސާޖީ ރޮބޭޓޯ ކާމިޔާބު ކުރީވެސް ޑެލެފޭއޫ ތަނަވަސް ކޮށްދިން ބޯޅަ އަކުން ނެވެ.

ޑިޕޯޓިވޯގެ ދަނޑުގައި ކުޅުނު މެޗުގައި، ރެއާލްގެ ފުރަތަމަ ލަނޑު، ކަރީމް ބެންޒެމާ ދިން ފުރުސަތަކުން ކާމިޔާބު ކުރީ ގެރެތު ބޭލް އެވެ. މެޗުގެ 20 ވަނަ މިނެޓްގައި ލަކަރޫނިއާގެ ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން މާސެލޯއަށް ލިބުނު ބޯޅަ އޭނާ ނަގައިދިނީ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރި ލުކަ މޮޑްރިޗަށެވެ. މޮޑްރިޗް ފޮނުވާލި ބޯޅަ ލަކަރޫނިއާގެ ކީޕަރު ރުބެން މާޓިނޭޒް ދިފާއު ކުރުމުން، ރީބައުންސްވި ބޮޅަ ލިބުނީ، ބެންޒެމާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ، މިސްރާބު ބަދަލު ވެގެން ގޯލް ހުރަސްކޮށް ބޭރަށް ދާން ދަނިކޮށް ބޭލް ވަނީ އެ ބޯޅަ، ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ރެއާލްގެ، ދެ ވަނަ ލަނޑު ޖެހުމުގައި ވެސް މާސެލޯ ހިއްސާ ބޮޑެވެ. މެޗުގެ 27 ވަނަ މިނެޓްގައި އޭނާ އަށް ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ހުރަސް ކުރުމުން، އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ ކެސެމީރޯ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު ބޭލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޓޯނީ ކްރޫޒް އެވެ.

މެޗުގެ، 87 ވަނަ މިނެޓްގައި، ޑިޕޯޓިވޯއަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. އެ ޕެނަލްޓީ އަކީ ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އެ ޓީމުގެ ޑެނީ ކަރަވަހާލް، ޑިޕޯޓިވޯގެ ބުރުނޯ ގާމާ އަށް ފައުލް ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ފްލޮރިން އެންޑޯން ފޮނުވާލި ނަމަވެސް، ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ވަނީ، އެބޯޅަ ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ކުޅުނު ވަގުތުގެ ދެ ވަނަ މިނެޓްގައި، ރެފްރީ ވަނީ، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މިހާރުވެސް، ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގަ އެވެ.