ވިޔަފާރި

އެކޯހޮޓެލްސްއިން ރާއްޖޭގައި ރިސޯޓެއް ހިންގަން ފަށަނީ

ފަރަންސޭސިވިލާތުގެ އެކޯ ހޮޓެލްސް އިން ރާއްޖޭގައި މެނޭޖުކޮށް ބަލަހައްޓާ ފުރަތަމަ ރިސޯޓު އަންނަ މަހު ހިންގުމާ ހަވާލުވާނެ ކަމަށް ބުނެފި އެވެ.

ޓޫރިޒަމް ހަބަރު ފަތުރާ ބޭރުގެ ނޫސްތައް ބުނާ ގޮތުގައި ޖުމެއިރާ އިން ހިންގަމުން ގެންދާ، ކ. ދެވަނަފުށްޓާއި ޕްރައިވެޓް އައިލެންޑް މެރަދޫގެ ހިންގުމާ އަންނަ މަހުން ފެށިގެން ހިންގަމުން ގެންދާނީ އެކޯ ހޮޓެލްސް އިނެވެ.

އެކޯ ކުންފުނިން ހިންގުމާ ހަވާލުވާން ތައްޔާރުވަމުން ގެންދާ ދެވަނަފުށްޓަކީ 21 ވިލާ އާއި 16 މޫދު ވިލާ ހުރި ރިސޯޓެކެވެ. މީގެ އިތުރުން މި ފުރިހަމަ ރިސޯޓުގައި ސުވިމިން ޕޫލާއި މޫދު ކުޅިވަރުތައް ކުޅެވޭނެ އެންމެހާ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.

އެކޯ ހޮޓެލްސް އިން ރާއްޖޭގައި ރިސޯޓެއް މެނޭޖުކުރަން ފެށުމާ ބެހޭ ގޮތުން، އެ ކުންފުނިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮޕަރޭޓިން އޮފިސަރު ޕެޓްރިކް ބަސެޓް ވިދާޅުވީ މިއީ ލިބިގެންދާ ބޮޑު އުފަލެއް ކަމަށާ މި ބަދަލުގެ ސަބަބުން އޭޝިޔާ ޕެސިފިކް ސަރަހައްދުން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ދެވަނަފުށި މެނޭޖުކުރަން ފެށުމާއެކު އޭކޯ ހޮޓެލްސް އިން ވަނީ މި ރިސޯޓު އިތުރަށް ފުރިހަމަކޮށް އަންނަ އަހަރު ރީބްރޭންޑް ކުރަން ވެސް ނިންމާފަ އެވެ.

އެކޯހޮޓެލްސް އިން ދެވަނަފުށި މެނޭޖުކުރުމާ ހަވާލުވާއިރު، މި ކުންފުނިން ދަނީ ގއ. ކޫއްޑޫގައި ތަރައްގީ 68 ކޮޓަރީގެ ރިސޯޓެއް ހިންގަމުންނެވެ.