ކުޅިވަރު

ވިކްޓަރީއަށް ދޫކުރި ފައިސާ ހޭދަ ކުރި ގޮތް ބަލަން ޖެހޭ

Aug 22, 2017

އެފްއޭއެމުން އިސްނަގައިގެން، ކުލަބުތަކާ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅުވައިލުން، އެއީ ރާއްޖޭގެ ފުޓްބޯޅައިގައި، އެޅި ގެންދިޔަ، ތަފާތު ފިޔަވަޅެކެވެ. ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް، އެފްއޭއެމް މަގުފަހި ކޮށްދިނުމުން، ކުޅުންތެރިންނަށާއި ޖުމުލަކޮށް، މުޅި ފުޓްބޯޅަ އާއިލާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.

މޭލޭ ލީގްގެ ބުރުގައި، ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް، ދެ މިލިއަން ރުފިޔާ، ކުންފުނިތަކުން ދޫކުރި އެވެ. ނަމަވެސް، ދެން އަޑު އިވިގެން ދިޔައީ އެހެން ވާހަކަ އެކެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދީ މަސްތަކެއް ފާއިތުވެގެން ދިޔަ ވާހަކަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދީ ތިން މަސް ފާއިތުވެ ދިއުމުން، ޕްރެކްޓިސްތައް ހުއްޓާލި އެވެ. އޭރު، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނީ، މެޗަށް ކުޅުންތެރިން ހަމަވާނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށެވެ.

"މިއަދު ހަވީރު މެޗު އޮތްއިރު، ގިނަ ކުޅުންތެރިން ދަނޑަށް އަންނާނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް، ވަރަށް އުނދަގޫ ހާލަތެއްގައި މިއޮތީ." މޭލޭ ލީގްގެ ދެ ވަނަ ބުރުގައި، އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސުޒޭން ބުނެފައި ވެއެވެ.

ކުލަބުތަކަށް ފައިސާ ދޫކުރުމަށް، ކުންފުނިތަކާއި، ކުލަބުތަކާ ދެމެދު ވެވުނު އެއްބަސްވުން ތަކުގައި، ގިނަކަންކަމެއް، ކުލަބުތަކުގެ މައްޗަށް ޝަރުތު ކޮށްފައި ވެއެވެ. ފައިސާ ހޭދަ ކުރިގޮތް، ހާމަކޮށް ތަފްސީލީ ރިޕޯޓެއް އެފްއޭއެމްއަށް ހުށަހަޅަން ޖެހެއެވެ. ކުލަބުތަކަުން ހުށަހަޅާ ރިޕޯޓްތައް ރަނގަޅަށް އިވެލުއޭޓް ކުރެވޭނެ އުސޫލެއް އޮންނަން ޖެހެ އެވެ. މި ދައްކަނީ، ސަރުކާރުގެ ކުންފުންޏަކުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބަކަށް ދޫކުރި ރައްޔިތުންގެ ފައިސާގެ ވާހަކަ އެވެ. ކުލަބުތަކުން ޖަހާ ހިސާބު އަދަދާއި ތަފްސީލުތަކުން އެކަނި، މިރިޕޯޓްގެ ކަންކަން ފަސޭހަ ގޮތަކަށް ނިންމާލެވިގެން ނުވާނެ އެވެ.

ވިކްޓަރީއަށް، ދިމާވި ހާލަތު އެއީ ރާއްޖޭގެ މީޑިއާގައި، މަޝްހޫރު ވާހަކައަކަށް ވިއެވެ. މިޑިއާ މެދުވެރިކޮށް ނަމަވެސް، އެފްއޭއެމްއަށް މި ވާހަކަތައް އަޑުއިވިފައި އޮންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ވިކްޓަރީގެ އެއްވެސް ކުޅުންތެރިޔަކުވެސް، އަދި އެހެން ފަރާތަކުންވެސް، އެފްއޭއެމްއަށް ރަސްމީކޮށް، އެކުލަބުގެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް، މިއީ، މައްސަލަ ލިޔުމުން ހުށަހަޅާފައި ނެތުމަކުން، ފަސޭހަކޮށް ދޫކޮށްލެވިގެން ވާނެ މައްސަލައެއް ނޫނެވެ. ހުށަހެޅި ރިޕޯޓްތަކުގައި ހުރި މައުލޫމާތުތައް ހުރީ އެންމެ ރަނގަޅަށްތޯ އެފްއޭއެމުން ބަލަން ޖެހެއެވެ. ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދެވިފައިވޭތޯ ބަލަން ޖެހޭނެ އެވެ. ކުލަބުގެ ބޯޑުގެ އެންމެ އިސްވެރިން ޖަވާބު ދާރީ ކުރެވޭނެ ގޮތެއްވެސް ހޯދަން ޖެހެއެވެ. ކުލަބުތަކަށް ދޫކުރާ ފައިސާ، ހޭދަ ކުރާ ގޮތާ މެދު ކުންފުނިތަކުންވެސް އިތުބާރު ގާއިމު ކުރެވި އާންމު ރައްޔިތުންނާ ހަމަޔަށް ހާމަކަން ބޮޑު ގޮތެއްގައި އެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކީވެސް އެއީ އެވެ.

ރާއްޖޭގައި، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކުގައި، ރައްޔިތުންގެ ފައިސާއިން ކުރެވޭ އެންމެހައި ކަންކަން، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ބާރު އަޅާފަ އެވެ. މިއީ ހުރިހާ އިދަރާއަކަށާއި މުއައްސަސާއަކަށްވެސް އަމަލު ކުރުން ލާޒިމު ވާނެ އުސޫލުތަކެކެވެ. އެންމެ ކުލަބެއްގެ މިކަހަލަ އަމަލުތަކަކުން، ފުޓްބޯޅަ ހީނަރުވެގެން ހިނގައިދާނެ ބިރުވެރި ކަމުން ސަލާމަތް ވާން ޖެހެ އެވެ. އެހެން ކުަލަބަށް މިހެން ދިމާވުމުގެ ކުރިން، ވިކްޓަރީއަށް މީވީގޮތް ބެލޭނެ ނިޒާމެއް އެޮންނަން ޖެހޭނެ އެވެ.