ދުނިޔެ

ހައްޖާޖީންގެ އަދަދު މިދިޔަ އަހަަރަށް ވުރެ 24 ޕަސެންޓް އިތުރުވެއްޖެ

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް މިހައިތަނަށް ދިޔަ މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޑައިރެކްޓަރޭޓް އޮފް ޕާސްޕޯޓް އިން އާއްމުކުރި ތަފާސް ހިސާބުތަކާ ހަވާލާދީ އަރަބް ނިއުސް ބުނީ ހުކުރު ދުވަހާ ހަމައަށް ވަޔާއި އެއްގަމާއި ކަނޑުމަގުން 1.7 މިލިޔަން ހައްޖުވެރިން ވަނީ ސައުދީއަށް ގޮސްފައެވެ. އެއީ މިދިޔަ އަހަރުގެ މިހައިތަނަށް ދިޔަ ވަރަށް ވުރެ 204302 ނުވަތަ 24 ޕަސެންޓް އިތުރު އަދަދެކެވެ.

މާތްވެގެންވާ މައްކާގައިވާ އަލް މަސްޖިދުލް ޙަރާމް ބޮޑުކުރުމަށް ހިންގި މަޝްރޫއަށް ފަހު ސައުދީން ވަނީ ގައުމުތަކަށް ހައްޖުކޯޓާ ދޫކުރާ މިންވަރު އިތުރުކޮށްފައެވެ. އެގައުމުގެ ސަރުކާރުން ބުނެފައި ވަނީ ކުރީ އަހަރަށް ވުރެ އިތުރަށް މިއަހަރު 800000 މީހުން ހައްޖަށް އަންނާނެ ކަަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. މިއަހަރު އުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު ހަތް މިލިޔަނަށް އަރާފައިވާ ކަަމަށް ވެސް ބުންޏެވެ.

ހައްޖުގެ އަޅުކަމަށް މިހާ ގިނަ އަދަދެއްގެ މީހުން ސައުދީއަށް އެތެރެވެފައި ވާއިރު ހައްޖުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ސަލާމަތީ ބާރުތަކުގެ 17000 މީހުން ހާއްސަކޮށްފައެވެ. އަދި އެމީހުންނަށް ވަނީ 3000 އެއްގަމު އުޅަނދު ފޯރުކޮށްދީފައެވެ.

ހައްޖުގެ އަޅުކަމުގެ ކަންތައްތަކަށް ހާއްސަކޮށްފައިވާ ލަޝްކަރުތަކުގެ ޑައިރެކްޓަރު މޭޖާ ޖެނެރަލް ހާމިދު އަބުދުލް މުބައްދިލާ ހަވާލާދީ އަރަބް ނިއުސް ބުނީ ލަޝްކަރުތައް ހުރުމަތްތެރިވެގެންވާ ތަންތަނަށް ލަޝްކަރުތައް މިހާރު ފޮނުވާފައިވާ ކަަމަށެވެ. އަދި ބުނީ ހައްޖުގެ ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ޓަކައި ސައުދީ ސަރުކާރުން ހާއްސަކޮށްފައިވާ 32 އިދާރާއަކާ ގުޅިގެން މަސައްކަތް ކުރަން އެ ލަޝްކަރުތައް ތިބީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލީގެ ބޭނުން ކުރާނެ ކަަމަށް ވެސް އޭނާއާ ހަވާލާދީ ނޫހުން ބުންޏެވެ.

ހައްޖުވެރިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި މައްކާއާއި މަދީނާއާއި މިނާގައި ހަރަކާތެރިވާ ލަޝްކަރުތަކުގެ އިސްވެރިން ވިދާޅުވެފައިވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާ ތަކުގެ އަލީފައި ހާދިސާތައް ހިނގުން މަދުކުރެވޭތޯ މިފަހަރު ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2015 ވަނަ އަހަރު މިނާގައެވެ. ގިނަ ބަޔަކު އެއް މަގަކުން ދާން މަސައްކަތްކުރުމުގެ ސަބަބުން ހިނގި އެހާދިސާގައި ފިތިގެން 2000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެހާދިސާއާ ގުޅިގެން ސައުދީ ސަރުކާރަށް އޭރުގައި ފާޑުކިއުންތައް އަމާޒުވިއެވެ.