ޓޫރިޒަމް

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން އެ ގައުމުގެ ކުންފުންޏަކަށް

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ ބީޑަބްލިއު ހޮޓެލިއާ އިން އިއްޔެގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެންޕީއާރްސީ) އިން އައްޔަންކުރީ ޓްރޭކް ރެޕްރެޒެންޓޭޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް ކަމަށެވެ.

އެމްއެންޕީިއާރްސީން އިންޑިއާގައި ރާއްޖެ އިސްތިހާރުކުރަން ބަޔަކާ ހަވާލުކޮށްފައި މިވަނީ އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 66955 އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 27.9 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ކުންފުނިން ކުރާ މަސަައްކަތުގައި އަމާޒު ހިފާނީ ޒަމާނީ މީޑިއާގެ ވަސީލަތްތަކުން އިންޑިއާގައި ރާއްޖޭގެ ވާހަކަތައް ގެނެސްދޭ މިންވަރު އިތުރު ކުރުމަށް ކަމަށް ބީޑަބްލިއު ހޮޓެލިއާގެ ހަބަރުގައި ވެއެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކިހާވަރެއްގެ އަގަކަށް ކަމެއް އަދި ކިހާ ދިގު މުއްދަތަކަށް ކަމެއް އެ ހަބަރުގައި ބުނެފައެއް ނުވެއެވެ.