ހަބަރު

ދައުލަތުން ބަލާ ކުދިންގެ ބެލެނިވެރިން ސަރުކާރުގައި ތިބިނަމަ ފިޔަވަޅު އަޅަނީ

  • އެފަދަ މީހުންގެ މުސާރަ އުނިކުރުމާއި ވަޒީފާއިން ވަކިކުރާނެ
  • ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް މި ފިޔަވަޅު އަޅާނެ
  • ގުރައިދޫގައި ތިބި މީހުންނަށް އަޅާނުލާ ނަމަވެސް ފިޔަވަޅު އަޅަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންގެ މައިންބަފައިން ސަރުކާރުގެ ވަޒީފާއެއްގައި ތިިބި ނަމަ އެމީހުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ހާމަކުރި ރައީސްގެ ނިންމުވުމުގައިވާ ބުނެފައިވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރޭގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އޭގެއިތުރުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް އަޅައިނުލާ ދަރިން ސަރުކާރުގައި ތިބި ނަމަ ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން މަރުކަޒުން ދޫކޮށްލުމުން ހަވާލުވެފައިނުވާ މީހުންގެ ދަރިންނާއި ބެލެނިވެރިންގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންނިތަކުގެ މުވައްޒަފުންނާމެދު ވެސް ފިޔަވަޅު އެޅުމަށް ރައީސްގެ ނިންމުވުމުގައި ބުނެފައިވެ އެވެ.

މިކަން ތަންފީޒުކުރާނޭ ގޮތުގެ އުސޫލާއެކު، މިކަން ތަންފީޒުކުރެއްވުމަށް ރައީސް އޮފީހުން، ޖެންޑާ މިނިސްޓްރީއަށާއި ހެލްތް މިނިސްޓްރީއަށް މިއަދު ވަނީ އަންގާފަ އެވެ.

ރައީސް އޮފީހުން މިނިސްޓްރީތަކަށް ފޮނުއްވި އުސޫލުގައިވާ ގޮތުން، މިފަދަ ފަރާތްތަކުގެ މައްސަލަތައް ބަލަންވާނީ ކޮންމެ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި އެވެ. މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެ ފަރާތް ވަޒީފާ އަދާކުރާ މުއައްސަސާއާ މަޝްވަރާކުރަންވާނެކަމުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން މި އުސޫލުގެ ދަށުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ކަނޑައެޅޭ ވަކި އަދަދެއް، އެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމާއި، މުސާރައިން އުނިކުރުމަށް އުޒުރުވެރި ވެއްޖެނަމަ، ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، އެމީހަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށްވެސް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، މިފަދަ ފަރާތްތަކުގެ މުސާރައިން އުނިކުރެވޭ އަދަދު، ހިޔާ އަދި ފިޔަވަތީގައި ހުރި ނުވަތަ ގުރައިދޫ މަރުކަޒުގައި ހުރި އެމީހަކަށް ނިސްބަތްވާ ކުއްޖެއް ނުވަތަ މީހެއްގެ ނަމުގައި ރައްކާކުރެވެންވާނޭ ކަމަށާއި، އަދި ކުޑަކުއްޖެއްނަމަ، އެކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން، އެފައިސާ ބޭނުންނުކުރެވޭނޭ ކަމަށް އުސޫލުގައިވެ އެވެ. އަދި ބޮޑު މީހެއްނަމަ، އެމީހަކަށް ނޫންގޮތަކަށް އެ ފައިސާ ބޭނުންނުކުރެވޭނޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އުސޫލުގައިވާ ގޮތުން، މި އުސޫލަށް އަމަލުކުރުމަށް އެދޭ ވަޒީފާދޭ އަމިއްލަ ފަރާތްތަކަށްވެސް ވަނީ އެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މިފަދަ އުސޫލެއްގެ ހަމަޖެއްސެވުމުގެ ބޭނުމަކީ، މި މުއައްސަސާތަކަށް ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުން ބައިތިއްބައިގެން ތިބޭ މީހުން ޒިންމާދާރު ކުރުވުމެވެ.