ވާހަކަ

މުޅިޖާންހިތާ

(20 އޯގަސްޓް 2017 އާ ގުޅޭ) -- މުޅި ތަނަށް ހިމޭންކަން ވެރިވެގެންދިޔައެވެ. ޤައިސްއާއެކު ވަދެގެން އަންނަ ޤާޟީއާއި އެހީތެރިން އެންމެންނަށް ވެސް ފެނުނީއެވެ.

މޭޒު ދޮށުގައި އިން ހައިކަލް ތެދުވަން އުޅުނު ވަގުތު ކުއްލިއަކަށް އޭނާގެ އަތުގައި އައިރާ ހިފިއެވެ. އޭރު އައިރާގެ ނަޒަރު ހުއްޓިފައި ހުރީ ދޮރުން ވަދެގެން އަންނަ ޤައިސްއާ ދިމާއަށެވެ. ނަމަވެސް އޭނާ ބަލަމުން ދިޔައީ ޤައިސްގެ ކަނާތްފަރާތުން ކުރިއަށް ނުކުން އަމީރަށެވެ.

"އައިރާއަށް ސަޕްރައިޒެއް ދޭން ބޭނުންވީ. އެހެންވެ އަމީރާ ބައްދަލުވި ވާހަކަ ދަރިފުޅު ގާތުގައި ނުބުނީ" ހިނިތުންވެލައިގެން ހުރެ އައިރާގެ ކަންފަތްދޮށުގައި ހައިކަލް ބުނެލިއެވެ.

އައިރާއަށް ރެއަކާނުލި ނަމަވެސް ހުރިހާ ކަމެއް ހަމަޖެހިފައިވަނީ ވަރަށް ރޭވުންތެރިކަމާއެކުއެވެ. އަމީރާއި ހައިކަލްގެ އިތުރުން ޤައިސް ވެސް ފެންނަނީ އެކަކު އަނެކަކާ ގުޅިގެން އުޅޭ ތަނެވެ. އައިރާއަށް ޓަކައި އެންމެންގެ ހިތުގެ ނުތަނަވަސްކަން އެއްފަރާތްކޮށްލާފައިވާ ކަހަލައެވެ. ހިނިތުންވުމެއް ނޫނީ މޫނުތަކުން ނުފެނެއެވެ. ޤާޟީ އައިސް މޭޒު ދޮށުގައި ހުއްޓޭންވާއިރަށް އައިރާއާއި ލޫކަން ކޮޅަށް ތެދުވިއެވެ. އެ މޭޒުގެ ދޮށުގައި އަމީރު ވެސް އައިސް މަޑުކޮށްލީ އޭނާއަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގެ ކައިރީގައެވެ. މޭޒު ދޮށުގައި އިށީނުމުގެ ކުރީން އަމީރަށް ބަލަން ހުރި އައިރާ ބޮލުގެ އިޝާރާތަކާއެކު ލޮލުން އެތާ ކައިރީގައި ހުރި ޔާނާގެ އަތުގައިވާ އައިޒަން ދައްކާލަން އުޅުނެވެ. ނަމަވެސް އަމީރު އިޝާރާތްކޮށްލީ އިހަށް މަޑުކުރުމަށެވެ. ކެތްތެރިވުމަށެވެ. ދިގު އިންތިޒާރު އެވަނީ ނިމުމަކަށް އައިސްފައެވެ.

ޤާޟީގެ ނަޞޭޙަތުގެ ވާހަކަކޮޅާއެކު ކައިވެނި ކޮށްދިނުމުގެ ކަންކަން ފެށިގެން ދިޔައެވެ. ހިތް އަވަސްވެފައި އިން ލޫކަން އިނީ އޭނާގެ ދުލުން އައިރާ އަނތްބެއްގެ ގޮތުގައި ޤަބޫލުކޮށްފީމޭ ބުނާން ކެތްތެރިކަން ކުޑަވެފައެވެ. ގިނައިރެއް ނުވެ އެ ފުރުޞަތު އޭނާއަށް ލިބިގެންދިޔައެވެ. ހިތާއި ރޫޙުން ރުހި ޤަބޫލުވެ އިނދެ ﷲއަށް ޝުކުރުވެރިވާ ހާލު އޭނާ އައިރާ ޤަބޫލުކުރިއެވެ. އެންމެންގެ ކުރިމަތީއެވެ. ގިނަ ބައެއްގެ ހެޔޮ ދުޢާ އަލަތު ދެމަފިރިންނަށް އޮހިގެންދިޔައެވެ. ކައިވެނީގެ ކަންކަން ނިމުމާއެކު މޭޒު ދޮށުން އެންމެން ތެދުވިއެވެ.

"ބައްޕާ!..." އަމީރުގެ ގާތަށް އައިސް ހުއްޓިލި އައިރާ ގޮވާލިއެވެ. އަމީރަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް އައިރާގެ ގައިގާ އެމީހުންގެ ހަގު ދަރިފުޅު އިޝްވާ ބައްދާލައިފިއެވެ.

"ވަރަށް އުފާވެއްޖެ އައިރާއާ ބައްދަލުވީމަ" އައިރާގެ ކޮނޑުގައި ފިރުމާލަމުން ޝިމްލާ ބުންޏެވެ. އެހިނދު އިޝްވާ ދުރަށް ޖައްސާލުމާއެކު ޔާނާ އުރާލައިގެން އުޅޭ އައިޒަން ގޮވައިގެން އައިރާ އައެވެ. އަމީރުގެ އަތަށް ދަރިފުޅު ދިއްކޮށްލިއެވެ. އެ ކުއްޖާ ފެނުމުން އަމީރަށް ކުރި އަސަރު އޭނާގެ ދެ ލޮލުން ސިއްރެއްނުވިއެވެ.

"މައު ބައްޕަ ގާތަށް ދިޔަ ވާހަކަ އަޅުގަނޑު އަޑު އެހިން. ކީއްވެ އޭނާ ނައީ" އައިރާ އަހާލިއެވެ.

"އޭނާ ހުރީ ވަރަށް ދެރަފައި. އައިރާ ބޭނުމެއްނުވާނެއޭ ބުނީ އޭނާގެ މޫނު ދެކޭކަށް. އެހެން ކިޔާފައި އެއްގޮތަކަށް ވެސް އަންނާކަށް ޤަބޫލެއްނުވި. ބައްޕަމެން މިހާރު ދިރިއުޅެނީ އިންޑިއާގައި. އިޝްކޮގެ ކިޔެވުން ނިމުނީމާ މާލެއަށް ބަދަލުވާން ދެން ގަސްދުކުރަނީ. ބައްޕަމެން ފުރުމުގެ ކުރީން ބޭނުން ދަރިފުޅުމެން ދެމައިން ބައްޕަގެ ގެއަށް އެއްދުވަހު ގެންދާން. ލޫކްއަކީ ވަރަށް ރަނގަޅު ކުއްޖެއް... ބައްޕަ ވަރަށް އުފާވި ދަރިފުޅު އަލުން ކައިވެނިކުރީމަ..." އައިރާގެ ކޯތާފަތުގައި އަމީރު މަޑުމަޑުން ކަނާތްތިލަ ޖައްސާލިއެވެ.

އަމީރުއާއި ބައްދަލުވުމުން އައިރާ ހުރީ ނުހަނު އުފަލުންނެވެ. މިއަދު އޭނާއަށް ލޯތްބާއި އޯގާތެރިކަމާއެކު ދަރިފުޅާއޭ ގޮވާލާނޭ ބަޔަކު އެބަތިއްބެވެ. ކައިވެނި ހަފުލާގައި ކޮންމެ މީހެއްގެ މީހެއްގެ ސަމާލުކަން އައިރާއާއި ލޫކަށް ހުއްޓިފައި ވެއެވެ. އަމީރުގެ ގާތަށް ލޫކް އައިސް ހުއްޓިލުމާއެކު ސަލާމްކޮށްލިއެވެ. ދިވެހި ބަހަށް ފަރިތަ ނޫނަސް އޭނާ ނިކަން މަސައްކަތުން ދެތިން އެއްޗެއް ބުނެލިއެވެ. އައިރާ އުފަލުގައި ބަހައްޓާނަން ކަމަށް އަމީރަށް ވަޢުދުވިއެވެ. އަދި ނިޔާނުގެ އަމާނާތައް ރައްކާތެރިވާނޭކަމުގެ ޔަގީންކަން ދިނެވެ. ހިނިއައިސްފައި ހުރެ ލޫކަންގެ ކޮނޑުގައި އަމީރު ޖަހާލިއެވެ.

ރޭގަނޑު އެގާރަ ޖަހަންވިއިރު ކައިވެނި ހަފުލާއަށް އައިސް ތިބި މީހުން އެނބުރި ހިނގައްޖެއެވެ. އެ ތަނުގައި ދެން ތިބީ ޢާއިލާގެ މެންބަރުން އެކަންޏެވެ. ޒޭން އައިގޮތަށް އައިސް ކައިވެނި ހެދުމުގައި ހުރި އައިރާ އަތްދަނޑި މައްޗަށް އުފުލާލައިފިއެވެ. އެހިނދު ނުވިސްނާ ހުރި އައިރާއަށް ތޫލި އަޑަކުން ހަޅޭލަވައި ގަނެވުނެވެ. އަދި ޒޭންގެ ކަނދުރާގައި ބާރަށް ހިފަހައްޓާލެވުނީ ވެއްޓިދާނޭ ހީވެގެންނެވެ.

"މައި އޮންލީ ސިސް... ލޫކް... މި ފެމެލީގައި އަންހެންކުދީން ދީ އުޅެނީ މިގޮތަށް. މިހާރު މީ ލޫކަންގެ ހައްޤެއް. އެކަމަކު ބުނާން! އައިރާގެ ބޭބެއަކު ހުރިކަން ހަނދާންނައްތާނުލާތި އިނގޭ... އައިރާއަށް ކިރިޔާ ގޮތެއްވިޔަސް އައި ވިލް ކިލް ޔޫ... ތިގެއަށް ވައްދާން ޖެހޭނީ މިހެން. ބިމުގައި ސިސްގެ ފައި އެންމެ ފަހަރަކު ވެސް ޖެހިގެން ނުވާނެ" ހިނިއައިސްފައި ހުރި ޒޭން ބުންޏެވެ. އަދި އޭނާގެ ގާތަށް ޖެހިލި ލޫކަންގެ އަތަށް އައިރާ ލައިދިނެވެ. ދެ ލޯ ބޮޑުކޮށްލައިގެން އޮތް އައިރާ ކަންބޮޑުވިއެވެ. ނަމަވެސް އެކަމަކާ އެވަގުތު ސަމާލުކަމެއް ދިން މީހަކު ނެތެވެ. ޤައިސްއާއި ހައިކަލްގެ އިތުރުން އަމީރު ވެސް ފެށީ ހޭށެވެ.

"އަދި ނުނިމޭ އިނގޭ. ލޫކް ނަގައިގެން ތިއުޅެނީ ފުލް ޕެކޭޖެއް" ޒޭން މިހެން ބުނެ އެތަނުގައި ހުރި ހުސްނާގެ އަތުން އައިޒަން ގޮވައިގެން ގެނެސް ލޫކަންގެ އަތްދަނޑިމަތީ ހަރަކާތެއް ވެސް ކޮށްލަން ނުކެރިފައި އޮތް އައިރާގެ އަތަށް ލައިދިނެވެ.

"ކޮބާ ގެންދެވޭނެތަ؟" ހީނގަންނަމުން ޒޭން ބުންޏެވެ.

"ޔަގީނެއްނު... ޒޭން ހީކުރީ މި ދެއަތުގައި ޖަހާފައި ހުރީ ބޭކާރު މަސްކަމައްތަ؟" ގަދަވެލާފައި ލޫކަން ބުނެލިއެވެ. އައިރާ ހިސާބަކަށް ހާސްވެފައިވާއިރު އޭނާ އޮތީ ލަދުންނެވެ. ލޫކަންގެ އަތްދަނޑިމަތީން އޭނާ ތިރިކުރާނޭ އިރަކަށް އިންތިޒާރުކޮށްކޮށެވެ. އެންމެންގެ މޫނުން ފެންނަމުންދާ އުފާވެރިކަމުގެ ހިނިތުންވުން ފަނޑުވެދާނޭތީ ލޫކަންގެ އަތުގެ ތެރެއިން ފައިބަން މަސައްކަތެއް ކުރާން އައިރާއަށް ނުކެރުނީއެވެ.

ލޫކަންއާއެކު އެގެއަށް ދާންވީ ވަގުތު ޖެހިއްޖެއެވެ. އެންމެން އެކުގައި މަގުމަތީ މަޑުކޮށްލައިގެން ތިއްބެވެ. އައިރާގެ ގާތުގައި ހައިކަލްގެ ގޭގެ ދޮރޯށްޓަކީ އަބަދަށް ހުޅުވިފައިވާ ދޮރޯށްޓެއްކަން ބުންޏެވެ. ބޭނުން ކޮންމެ ވަގުތަކު އެގެއަށް އަންނާންވީ ކަމުގައެވެ. އަމީރު އެދުނީ ލޫކަންގެ ގާތުގައި އައިރާ ގޮވައިގެން އެ ގެއަށް އައިސް ދިނުމަށެވެ. އޭނާގެ ޢާއިލާ ފުރުމުގެ ކުރީން އެއް ދުވަސް އެކުގައި އައިރާއާއެކު ވަގުތު ހޭކޮށްލާން އެ މީހުން ބޭނުންވިއެވެ. އެކަމަށް ލޫކަން ޤަބޫލުވިއެވެ. ހައިކަލްއާއި އަމީރަށް ޤައިސް ވަޢުދުވީ ދެން ދުވަހަކު ވެސް އައިރާގެ ހަޔާތަށް ކުރީން އައިފަދަ އަނދިރިކަމެއް އަޔަ ނުދޭނޭކަމެވެ. އޭނާގެ ގޭގައި އައިރާ އުޅޭނީ އުފަލުންކަމެވެ. އެ މާހައުލަކީ އޭނާއާއި ދަރިފުޅަށް ރައްކާތެރި މާހައުލަކަށް ހަދާނޭކަމެވެ. އެންމެންގެ މޫނުތަކުން ވެސް ފެންނީ އުންމީދުގެ އަލިކަމެވެ. ޔާނާއަށް ރޮވޭގޮތްވިއެވެ. ފަހަރެއްގައި އޭނާ ބަނޑުބޮޑުވީމާ ހޯމޯންގެ ސަބަބުން މާބޮޑަށް ހިތަށް އަސަރުކުރީއެވެ. އައިރާގެ ގައިގާ ބައްދާލަމުން ދުވަހަކު ވެސް ވަކިނުވާނަން ކަމަށް އައިރާ ލައްވާ ޔާނާ ވަޢުދުކުރުވިއެވެ. ކޮންމެ ދުވަހަކު ނާދެވުނަސް ހަފްތާއަކު އެއްދުވަހު ހައިކަލްމެންގެއަށް އަންނާންވާނޭކަމުގައި ޔާނާ ބުންޏެވެ. ޔާނާ ހުރިހާ ކަމަކަށް އައިރާ އެއްބަސްވިއެވެ.

ޤައިސްގެ ކާރަށް އައިރާ އެރުމާއެކު އޭނާގެ ދަރިފުޅު ގޮވައިގެން ލޫކަން ވެސް އެރިއެވެ. ދެންތިބި މީހުން ގެއަށް ދިއުމަށް ހިނގައިގަތީ ޤައިސްގެ ކާރު ނައްޓާލުމުންނެވެ.

* * * *

ބަދިގެ ފަރާތުން ފެންފުޅިއެއް ހިފައިގެން ނުކުތް ރުބީނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބަޔަކު އައި އަޑަށެވެ. އަވަހަށް އިސްކޮޅުވަރުގެ ގަހެއް އިންދާފައި ހުރި މުށިގަނޑުގެ ފަހަތަށް ވަދެ އޭނާ ނުވާވެލިއެވެ. އެ އައީ ކޮންބައެއްކަން ރުބީނާއަށް ޔަގީންވާތީއެވެ. ސިއްރުން ބޮޑުކޮޓަރިތެރޭގައި ހިނގާ ކަންކަން އޭނާ ބެލިއެވެ. ޤައިސްއާއި އެކު ލޫކަންއާއި އައިރާ ވެސް ވަދެގެން އައެވެ. މައްޗަށް އަރާން ހުރި ސިޑި ކައިރިން ލޫކަންގެ އަތްދަނޑިމައްޗަށް އައިރާ ނެގިއެވެ. އެއާއެކު ޤައިސްގެ އަތުގައި އޮތް ދަރިފުޅު އައިރާއަށް ދިއްކޮށްލިއެވެ. ރުބީނާއަށް ތުންފިއްތާލެވުނެވެ. އެ އުފާވެރި ކަމުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުވާލީ ޚުދު އޭނާ އަމިއްލައަށްކަން ހިތަށް އެރީއެވެ.

"އަހަންނަށް މާފުކުރޭ އައިރާ. ނިޔާނު... މަންމައަށް މާފުކުރޭ" އަތުގައި އޮތް ފެންފުޅީގައި ދެއަތުން ހިފާލައި މެއާ ކައިރިކޮށްލައިގެން ހުރެ ރުބީނާ އަމިއްލަ ނަފްސަށް އަޑުއިވޭނޭ ވަރަށް ބުންޏެވެ. އެންމެން ސިޑިން އަރައިގެން ދިއުމާއެކު ރުބީނާ ހުރިތަނުން ނުކުތެވެ. އަދި އޭނާ ވެސް މީހަކަށް ނުފެނި އަވަހަށް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

"ޕްލީޒް ލޫކް! އަހަރެން ތިރިކޮށްބަލަ... އައިޒަން ވެސް އެ ރޮވެނީ" އައިރާ މަޑުމަޑުން ބުންޏެވެ. ނަމަވެސް ލޫކަން އެ އަޑެއް ނޭހިއެވެ. އޭނާގެ ކޮޓަރިއާ ހަމައަށް އައިސް ދޮރުހުޅުވާލުމަށް އައިރާގެ ގާތުގައި އެދުނެވެ. އަވަސް އަވަހަށް އައިރާ ދޮރުހުޅުވާލިއެވެ. ލޫކަން ކޮޓަރިތެރެއަށް ދެމިގަތުމާއެކު ފައިން ކޮޓަރީގެ ދޮރުލައްޕާލިއެވެ.

އެ ތަނަވަސް ބޮޑު ކޮޓަރިއަށް އައިރާ ނަޒަރު ހުއްޓާލިއެވެ. އައިޒަންއަށް ޓަކައި ކޮޓަރީގެ އެއްފަރާތް ތައްޔާރު ކުރެވިފައިވެއެވެ. މުޅި ކޮޓަރީގައި މަސްތުކުރުވާ ފަދަ މީރު ވަހެއް ހުއްޓެވެ. އެނދުގެ އަރިމަތީ މޭޒުގައި ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް އޮތެވެ. މަޑުމަޑުން ކުރިއަށް އައި ލޫކަން ގުދުވެލީ އެނދާ ދިމާއަށެވެ. ރީތިކޮށް އެނދުގައި އައިރާ ބޭންދުމާއެކު އޭނާ ދުރަށް ޖެހިލިއެވެ. އަދި މުޅި ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރެއިން ވެސް އައިރާއަށް އޭނާ ބަލާލީ ހިތްފުރޭންދެން މިނިވަންކަމާއެކު ބަލާލަން ބޭނުންވެފައި ހުރި ފަދައިންނެވެ.

"އައިރާގެ އެއްޗެހި ޔާނާ ހުރީ އަލަމާރިއަށް އަޅައިދީފައި. ފާޚާނާއިގައި ހުންނާނެ ތުވާލި. އައިޒަންގެ އެއްޗެހި ކުޑަ އަލާމާރީގައި ހުންނާނީ. ކަބަޑުގައި ވެސް ހުންނާނެ" އައިޒަން ރޯތީވެ ދަރިފުޅު މަސަލަސްކުރާން އައިރާ އުޅެފައި ފަރާތްފަރާތަށް ބަލާލުމުން ލޫކަން ބުންޏެވެ.

"އައިޒަން... އައިޒަން އެ ރޮނީ ބަނޑުހައިވެގެން... އަހަރެން... ހެދުން... ހެދުން ބަދަލުކުރިޔަސް އެންމެ ރަނގަޅުތަ؟" ހާސްވެ ޖެހިލުންވެފައި ހުރެ އައިރާ އަހާލިއެވެ. އިރުކޮޅަކު އައިރާއަށް ބަލަން ހުރެފައި ލޫކަން ބޯޖަހާލިއެވެ. އެއާއެކު ދަރިފުޅު އެނދުމަތީ ބާއްވާލާފައި އައިރާ އަވަސްވެލީ ހެދުން ބަދަލުކުރާށެވެ. ލޫކަން ލައިގެން ހުރި ޖެކެޓު ބާލާ އެއްފަރާތު ފާރު ކައިރީ ބަހައްޓާފައި ހުރި ކުޑަ ސޯފާ މަތީ ބޭއްވިއެވެ. އެއަށްފަހު "ވެސްޓު" ބޭލިއެވެ. އެވެސް ސޯފާގެ އަތްގަނޑު މަތީ ބާއްވާލައި ލައިގެން ހުރި ހުދު ގަމީހުގެ ގޮށްތައް ނައްޓަމުން އައިސް އެނދުގައި އޮށޯވެލިއެވެ. އައިޒަންގެ ގާތުގައެވެ.

ފާޚާނާއި ނުކުން އައިރާ އޭނާގެ އަތުގައި އޮތް ހެދުން ބާއްވާނޭ ތަނެއް އަހާލަން އުޅުނު ވަގުތު ސޯފާގައި އޮތް ލޫކަންގެ ޖެކެޓު ފެނުނެވެ. އެހެންވެ އޭނާ ވެސް އައިސް ސޯފާގައި ހެދުން ބާއްވާލިއެވެ. އަތްދިގު ޓީޝާޓާއި ހަރުވާޅުގައި ހުރިއިރު އާދައިގެ ވަށްބުރުގާކޮޅެއް އައިރާ އަޅާފައި ހުއްޓެވެ. އަވަސް ކުރާން ހަދައިގެން ކޮށްފައި ހުރި މޭކަޕް ވެސް ހުރިގޮތަށް ހުއްޓެވެ. ދަރިފުޅު އުރާލުމާއެކު އައިރާ އެނދުގައި އިށީނެވެ. އައިޒަން އެ ރޮނީ ބަނޑުހައިވެގެންކަން އައިރާއަށް އެނގެއެވެ. ނަމަވެސް ލޫކަން ބަލާގޮތުން އޭނާއަށް ކުރާން އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެކަން ލޫކަންއަށް އެނގުނީ ކަމެއް ނޭނގެއެވެ. އޭނާ ތެދުވެގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު އައިރާ އަވަހަށް އެނދުގެ އަރިއަކަށް ހަމަޖެހިލިއެވެ. ފާޚާނާއިން ލޫކަން ނުކުތް ކަމުގައި ވިޔަސް ނުފެންނާނޭހެންނެވެ.

"އައިރާ!... އައިރާ!..." ވަރުބަލިވެފައި ހުރިވަރުން ދަރިފުޅު ގޮވައިގެން އޮށޯތުމާއެކު އައިރާއަށް ނިދިޖެހުނީއެވެ. އޭރު އައިޒަން ވެސް އޮތީ ގަދަ ނިދީގައެވެ. އައިރާ ޓީޝާޓު ރަނގަޅުކޮށްލުމާއެކު އެނދުން ތެދުވިއެވެ.

"އައިރާ ދާންވީނު ފްރެޝްވެލަން... ފެންވަރާލީމަ ވަރަށް ތާޒާ ވެއްޖެ. ގެނޭ އަހަރެން އަތަށް. އަހަރެން އައިޒަން އެނދަށް ލާފާނަން" ލޫކަން ބުންޏެވެ. އޭނާ އެދުނުހެން އައިރާ ކަންތައްކުރިއެވެ.

ފެންވަރަން ހުރިއިރު އައިރާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. މިރޭ މީ އޭނާއާއި ލޫކަންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. މިރޭ ކަން ހިނގާނޭ ގޮތް އައިރާއަށް އެނގެއެވެ. އޭނާގެ ހިތް އެވަރަށް އެ ތެޅެނީ އެ ޚިޔާލުތަކުންނެވެ. ހަނދާންކުރާން ބޭނުންނުވި ނަމަވެސް ނިޔާނާއިއެކު ހޭދަކުރެވުނު އަލަތު ކައިވެނީގެ ރޭގެ ޚިޔާލުތައް އައިރާއަށް އުނދަގޫކުރިއެވެ. އެހިނދު އައިރާގެ ޟަމީރު އޭނާއަށް ވިސްނައިދޭންފެށިއެވެ. ލޫކަންއަކީ އޯގާތެރި ފިރިހެނެކެވެ. އޭނާއާ ކައިވެނިކުރީ މަޖުބޫރުކަމެއް ނެތިއެވެ. މިހާރު އެއީ ފިރިމީހާއެވެ. އައިރާ ޖެހިލުންވެ ހިތްތެޅޭއިރު ލޫކަންގެ ހާލަކީ ކޮބައިކަމެއް ނޭނގެއެވެ. މިރެއަކީ އެ ދެމަފިރީންނަށް ވެސް ޚާއްޞަރެއެކެވެ. ފިރިމީހާ އަނބިމީހާގެ ފަރާތުން އުންމީދުތަކެއް ކުރާއިރު އަނބިމީހާ ވެސް ފިރިމީހާގެ ފަރާތުން އުންމީދުތަކެއް ކުރާނޭ ރެއެކެވެ. ހަށިފުރާ ލީ ނޭވާއާއެކު އައިރާ ފެންމާގަނޑު ބަންދުކޮށްލިއެވެ. ހީވީ މިރެއަށް ޓަކައި އޭނާގެ މުޅި ނަފްސު ތައްޔާރުވެލީ ހެނެވެ.

އައިރާ ފާޚާނާއިން ނުކުތުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެވެ. ސޯފާކައިރީ ހުރި ތިރި ބިއްލޫރި މޭޒުގެ މަތީ މަތި ޖަހާފައި ހުރި ކިރުތަށްޓެއް ހުއްޓެވެ. ހަމައެއާއެކު އެނދު ކައިރީ ބެލްކަންޏާ ވީ ފަރާތުގައި އަޅާފައި އޮތް ދެ މުއްސަލަ އައިރާ ދުށްޓެވެ. ލޫކަންއަށް އެފަދައިން ކަންތައް ކުރާނޭ އައިރާގެ ހިތަކަށް ނާރައެވެ. އެހެންނަމަވެސް އޭނާ އެ ދިރިއުޅުން ރަނގަޅު ހެޔޮ ގޮތުގައި ފަށާން ބޭނުންވާކަމުގެ ޔަގީންކަން އައިރާއަށް ލިބިގެންދިޔައެވެ. އެނދުގެ އަރިމަތީ މޭޒުގައި އޮތް ފިނިފެންމާ ބޮނޑި ހިފައިގެން ލޫކަން އައިސް އައިރާއަށް ދިއްކޮށްލިއެވެ. އޭގައި އައިރާ ހިފުމާއެކު އޭނާގެ މުށުތެރޭގައި އޮތް އަނގޮށްޓި ދައްކާލިއެވެ. އަދި އެ އަނގޮށްޓި އައިރާގެ ކަށި އިނގިލީގައި އަޅުވައިދިނެވެ.

"އަހަރެން އައިރާދެކެ ވަރަށް ލޯބިވޭ. ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ދެން ދާނީ ރަނގަޅަށް. އަހަރެން މަސައްކަތް ކުރާނަން ފުރިހަމަ ފިރިއަކަށްވުމަށް ޓަކައި. އައިޒަންއަށް ފުރިހަމަ ބައްޕައަކަށްވުމަށް ޓަކައި. އަހަންނަކީ ވެސް އިންސާނެއް. އައިރާގެ ހިތާއި ސިކުނޑީގައި ހިނގާ ހުރިހާ ޝުޢޫރެއް ދެންގަންނާން ނޭނގިދާނެ. އެފަދަ ވަގުތުތަކުގައި އައިރާ އަހަންނަށް މަގުދައްކައިދޭންވާނެ. އަހަރެން އައިރާއަށް ދުވަހަކު ވެސް އޮޅުވައެއްނުލާނަން. ތެދުވެރި ފިރިއެއްގެ ގޮތުގައި ހުންނާނަން. މި ދަތުރަކީ ދެމީހުން ހަމަހަމައަށް ޝާމިލުވެގެން ނޫނީ ކުރިއަށް ނުދެވޭނެ ދަތުރެއް. އަހަންނަށް އައިރާގެ އެހީތެރިކަން ބޭނުންވޭ. އަހަރެން ވަރަށް ލޯބިވޭ" އައިރާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ލޫކަން ބުންޏެވެ.

ކިރުތަށީން ލޫކަން އެއްބައި ބުއިމަށްފަހު އޭނާގެ އަތުން އައިރާގެ ތުނބުގައި ތަށި ޖެއްސިއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައިވަނީ އޯގާތެރިކަމެވެ. އޭނާ އައިރާދެކެ އިންތިހާއަށްވާ ލޯތްބެވެ. ލޫކަންގެ ކަނާއަތް އައިރާގެ ނިތްކުރިއާ ދިމާ ބޮލުގައި ބާއްވާލުމާއެކު ބަރަކާތަށް އެދި އޭނާ ދުޢާކުރިއެވެ. އެއަށްފަހު ލޫކަންގެ ފަހަތުގައި އައިރާ ބަހައްޓައި ދެ ރަކުޢަތް ނަމާދެއް ކުރިއެވެ. ނަމާދުން އަވަދިވުމުގެ ކުރީން ދެ މީހުންގެ ދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުޢާ ކުރިއެވެ. ލޫކަން މި ސިފަވީ އައިރާގެ ނަފްސަށް ހިމޭންކަން ގެނުވާ މީހާ ހަމަޖެހެން މެދުވެރިވި ސަބަބަކަށެވެ. އައިރާގެ އަތުގައި ހިފައިގެން އަލަމާރި ކައިރިއަށް ލޫކަން އައެވެ. އަލަމާރި ތެރެއިން ނެގި ރަތާއި ކަޅުކުލައިގެ ނިދާ ހެނދުން ލޫކަން ދިއްކޮށްލުމާއެކު އައިރާގެ މޫނު ރަތްވެގެން ދިޔައެވެ. އައިރާގެ ކޯތާފަތުގައި ލޫކަން އަތްޖައްސާލި ގޮތުން ނޫނެކޭ ބުނާކަށް އައިރާއަކަށް ނުކެރުނެވެ. ހެނދުން ހިފައިގެން ފާޚާނާއަށް އައިރާ ދިޔައެވެ.

ނައިޓީ ލުމާއެކު އައިރާއަށް އިހުސާސް ކުރެވުނީ އެ ހަށިގަނޑުގައިވާ ނިވާކަން ގެއްލިގެން ދިޔަ ފަދައިންނެވެ. ދެ ކޮނޑާއި ބުރަކަށީގެ ބޮޑުބައެއް ހާމައަށް އޮތްއިރު އޭނާގެ ފަލަމަސްގަނޑުން ވެސް ބޮޑުބައެއް އޮތީ ހާމައަށެވެ. ދެ ކޮނޑުގައިވާ ވާކޮޅު ދެތިން ފަހަރަށް ރަނގަޅުކޮށްލިއެވެ. ނަމަވެސް ހިތަށް ފިނިކަމެއް ނުލިބުނެވެ. ކޮޓަރިއަށް ނުކުމެވުނީ ހެދުމަށް ދަމަމުން ކަހަލަ ގޮތަކަށެވެ. އޭރު އެނދު ކައިރީ ދެ ކޮޅަށް ހިނގާލަ ހިނގާލާ ލޫކަން ހުއްޓެވެ. ދޫ ހަރުވާޅެއްގައި އޭނާ ހުރިއިރު އެ ތަނަވަސް މޭމަތީ އޮތީ ހާމައަށެވެ. އަތުގެ ވަރުގަދަކަން ދައްކުވައިދޭ މަސްތަކަށް ވާންވެލާފައި ހުރި ކަހަލައެވެ. އައިރާ ފެނުމާއެކު އޭނާ ހުއްޓުނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލުމާއެކު އިސްޖަހާލިއެވެ. އަދި ދެއަތުން ބޮލުގައި އަތްފުނާ އަޅާލުމާއެކު ފުއްކިބައިގައި ހިފަހައްޓާލިއެވެ. ހީވީ އައިރާ އެ ގޮތަށް ފެނުމުން އޭނާ ވެސް މިފަހަރު ލަދުގަތީ ހެންނެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލުމާއެކު އައިރާއަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި އައިރާ ހިފުމުން ގެނެސް އެނދުގައި ބޭންދިއެވެ. އަދި އައިރާއާ ކުރިމަތިވާނޭހެން ލޫކަން ވެސް އިށީނެވެ. އިސްއުފުލާ އައިރާއަށް އަނެއްކާ ވެސް ލޫކަން ބަލާން ފެށިއެވެ. ވަގުތު ޖެހުމުން ލޫކަންއަށް ވެސް ފަސްޖެހެވޭ ގޮތް ވިއެވެ. އައިރާއާ މެދު ޢަމަލުތައް ބަހައްޓާނޭ ގޮތެއް އޭނާއަށް ނޭނގޭ ކަހަލައެވެ. އިރުކޮޅަކު އިނުމަށްފަހު އައިރާގެ ކޯތާފަތުގައި ލޫކަން ފިރުމާލިއެވެ. އޭނާގެ އެންމެ ބީހުމަކުން ވެސް އައިރާގެ ނޭވާ އަވަސްވެއްޖެކަން އޭނާ ދެނެގަތެވެ. ނަމަވެސް އެއީ އައިރާ ޖެހިލުންވެފައި އިންވަރުކަން އޭނާ ދެނެގަތެވެ. ކުޑަކުޑަކޮށް ހުޅުވިފައިވާ އައިރާގެ ތުންފަތުގައި ލޫކަން އިނގިލިތައް ބީއްސާލިއެވެ. އަދި ކަނދުރާއިން ފެށިގެން ފިރުމަމުން އައިސް ކޮނޑުގައި އަތްބާއްވާލުމާއެކު ނައިޓީގެ ވާކޮޅުގައި ހިފާ އެއްފަރާތްކުރާން ފެށިއެވެ. އެހިނދު އައިރާ ދެ ލޯ މަރާލިއެވެ. އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ މުއްކަވާލެވުނެވެ. އޭނާއަށް ވަމުންދާ ހުރިހާ ގޮތެއް ލޫކަންއަށް ފެނެއެވެ. ކޮނޑުން ތިރިއަށް ނައިޓީގެ ވާކޮޅު ސޮހިގެން ދިއަ ވަގުތު ބޭއިޚްތިޔާރުގައި ލޫކަންގެ އަތުގައި އައިރާއަށް ހިފަހައްޓާލުމާއެކު ދުރަށް ލެވުނެވެ. ހަމަ އެހިނދު ކޮޅު ތެރޭ އޭނާއަށް ކުރެވުނު ކަންތަކާ މެދު ވިސްނާލެވުނެވެ. ލޫކަންއަށް ބަލާލިއެވެ. އޭނާ ވަރަށް ކެތްތެރިއެވެ. އޭނާ އައިރާއަށް ބަލާން އިނީ ދެން ކަންތައް ކުރާންވީ ކިހިނެއްތޯ އަހާ ފަދައަކުންނެވެ. އެ ދެ ލޮލުން އައިރާއަށް ޓަކައި ވާ ލޯތްބާއި އޭނާ އައިރާއަށް ބޭނުންވެފައިވާކަން އެއްވެސް ފޮރުވުމެއްނެތި ފާޅުވޭވޭ ހުއްޓެވެ. ލޫކަންގެ އަތުގައި ހިފާލުމާއެކު މަޑުމަޑުން ގެނެސް އައިރާގެ މޭގައި އެ އަތްތިލަ އައިރާ ޖައްސާލިއެވެ. އަދި ލޫކަންއަށް ބަލާލީ އެ ހަށިގަނޑުގައި ބީހުމުގެ ހުއްދަ ލޫކަންއަށް ދީފިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އޭރު އައިރާގެ ނެގިނެގިފައި ޖެހެމުންދިޔަ ހިތުގެ ތެޅުން ލޫކަންގެ އަތްތިލައަށް ވެސް އިހުސާސް ކުރެވެއެވެ. ލުއި ހިނިތުންވުމާއެކު އޭނާ އައިރާގެ ގެނެސް އެ އަތުގައި ތެރެއަށް ލިއެވެ.

ހަށިގަނޑުގެ ހޫނުކަން އިހުސާސްކޮށްދެއްމުން ތަންމަތީގެ އަރާމުކަމުގެ ތެރެއަށް ދެ ޖިސްމު ގެނބިގެން ދިޔައެވެ. ވަރުބަލިކަން ލޯތަކަށް ނިދި ބަރުކަން ގެނެސްދިނީއެވެ. ލޫކަންގެ އަތުގެ ތެރޭގައި އައިރާ ވެސް އޮތީ ނިދާފައެވެ. ބޯރަޖަގާގަނޑުގެ ދަށުގައި ދެ މަފިރިންގެ ގޮތުގައި ތިބިއިރު ދެ ޒުވާނުންގެ މޫނުމަތީގައި ވެސް ވަނީ ހިތްހަމަޖެހުމެވެ.

* * * *

އައިރާއާއި ލޫކަންގެ ކައިވެނި ކުރިތާ ދެވަނަ ދުވަހެވެ. ލޫކަންއާ ބައްދަލުކޮށް ހައިކަލް ސުވާލުކުރީ އޭނާ ބުނި ފަދައިން ހުރިހާ ކަމެއް ކުރީން ތޯއެވެ. ލަދުން ހުރެ ނަމަވެސް ލޫކަން ބޯޖަހާލިއެވެ. އެއާއެކު ލާނެތްކަން އެކުލެވޭ ބާރު ހިނިގަނޑެއް ހައިކަލް ޖަހާލިއެވެ. އޭނާ ލޫކަންގެ ގާތުން އެދުނީ އައިރާ ގޮވައިގެން ފުރަންވީ ކަމުގައެވެ. ލާންޗު ހަމަޖައްސާފައި އޮންނާނެ ކަމާއި ހުރުމާއި ކެއުމާ ވެސް ހަމަޖެހިފައި ވާނޭ ކަން ބުންޏެވެ. އައިރާއަށް އެ ޚަބަރު ލިބުމުން އުފާވާނޭ ވަރު ލޫކަންއަށް އެނގެއެވެ. އެހެންވެ އޭނާ އަވަސްވީ ގެއަށް އައިސް އައިރާއަށް އެ ޚަބަރު ދޭށެވެ.

ލޫކަންއާއި އައިރާ އުޅެނީ ފުރާންކަން އެނގުމުން ރުބީނާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނާ އައިރާ އެކަހެރިވާނޭ ވަގުތެއް ހޯދިއެވެ. އަދި އޭނާގެ ކުރިމައްޗަށް އައެވެ. އޭރު އައިރާ ބަދިގެ ފަރާތުން ނުކުންނަނީއެވެ.

"އައިރާ! އެންމެ ފަހަރަކު މަންމަ ބުނާ އެއްޗެއް އަޑު އަހާލަން މަޑުކޮށްލަ ދެވިދާނޭތަ؟" ރުބީނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. އޭނާއަށް ބަލާލުމުން ވެސް ކުރީން ފެންނަ ބޮޑާ ކިބުރުވެރި ރުބީނާއެއް އައިރާއަށް ސިފައެއް ނުވިއެވެ. އޭގެ ބަދަލުގައި އަމިއްލަ ކުށްއެނގި އެކަމާ ހިތާމަ ކުރާ މީހަކު ކުރިމަތީ ހުރި ކަހަލައެވެ. އައިރާ މަޑުކޮށްލުމުން ރުބީނާ ވާހަކަދެއްކިއެވެ.

"މަންމައަށް ކަންތައްކުރެވުނީ ކިހާ ގޯސްކަންކަން އެނގޭ. އައިރާ މާފުނުކުރިޔަސް މަންމަ މާފަށް އެދޭން ބޭނުން. މި މަންމައަށް މާފުކޮށްދީ... ދެން ނެތް ގިނަ ދުވަހެއް. މަންމަ މިގެއިން ނުކުމެގެން ދާން މިއުޅެނީ. މަންމަގެ ރަށަށް މަންމަ ދާން މިއުޅެނީ. އެކަމަކު ދިއުމުގެ ކުރީން މި މަންމަގެ މާމަ ދަރިފުޅު އެއްފަހަރު ވިޔަސް ދުށުމަށް ހިތް ވަރަށް އެދޭ. އެ ކުއްޖާ އުރާލަން ބޭނުން... މަންމަގެ ނިޔާނުގެ ހުރި ހަމައެކަނި ހަނދާނަކީ އެއީ. އެއަށްފަހު އައިރާއަށް ދުވަހަކު ވެސް މި މަންމަ އުނދަގުލެއް ނުކުރާނަން" ރުބީނާއަށް ވާހަކަދައްކަމުން ގޮސް ރޮވިއްޖެއެވެ.

"މަންމައަށް ވިސްނުނީތީ އަހަރެން އުފާކުރަން. މަންމައަށް އަހަރެން މާފުކޮށްފިން. އައިޒަންގެ މާމަތީ. އެއީ ބަދަލު ނުކުރެވޭނޭކަމެއް. ނިޔާނު މިއަދު ހުރިނަމަ ވެސް މަންމައަށް މާފުކުރާނެ. އަންނާނަން އައިޒަން ގޮވައިގެން. މަންމައަށް ފެނުނީމަ އެނގޭނެ ނިޔާނާ އެކުއްޖާ ވައްތަރުކަން" އައިރާ ހިނިތުންވެލަމުން ބުންޏެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ ގައިގާ ރުބީނާ އޮޅުލައިގަތެވެ. އައިރާގެ ބޮލާއި ބުރަކަށީގައި ފިރުމަމުން ރުބީނާއަށް ރޮވެނީއެވެ. ނިޔާނުގެ ހޮވުމުގެ އެއްވެސް އުނިކަމެއްނެތެވެ. އުނިކަމެއް ހުރިއްޔާ ހުރީ ރުބީނާގެ ކޮށި ވިސްނުމުގައެވެ. އެކަން އިހުސާސް މިވީ ކިހާ ފަހުންކަން އޭނާއަށް އެނގުނީ ވަގުތު ފާއިތުވީ ފަހުންނެވެ.

* * * *

"މަންމާ!... މަންމާ!..." އެލުވާފައި ހުރި ޖޯލީގެ ތެރެއަށް ފެތިފައި އޮތްހެން އޮތް ލިޒީ ނިކަން ބާރަށް ގޮވިއެވެ.

"ސާބަހޭ! ތިވަރަށް ނުގޮވިއްޔާ ނުވޭތަ... މަޑުކޮށްބަލަ އިހަށް! ދޮރުމަތީން ސަލާމް ގޮވާތީ މިދަނީ..." ހަލުވިކޮށް ނުކުމެގެން ބޭރު ފެންޑާއާ ދިމާއަށް މަލީހާ އައެވެ.

"ކޮންކުއްޖެއްތަ؟" ދޮރާ ހަމައަށް ނާދެވެނީސް މަލީހާ އަހާލިއެވެ.

"ލިޒީ އެބައުޅޭތަ؟" ފެންޑާގެ ދޮރުމަތީ ހުރި މަލީހާ ހުއްޓުން އެރިއެވެ. ބޭރު ފާރު ކައިރީ ހުރީ އައިރާ ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ކުރިއަށްވުރެ ރޫފަ ރަނގަޅުވެލާ ރީތިވެލައިފިހެން ވެސް ހީވެއެވެ. ހަމައެއާއެކު އައިރާއާއެކު ހުރި އިސްކޮޅުން ބޮޑު ފިރިހެނާ ވެސް މަލީހާގެ ލޮލުގައި އަޅައިގަތެވެ.

"މަލީހާ! މީ ތި ގޯތި ލިޒީ ހޯދަން މާލެއިން އައި ކުދިބައެއް" ލޫކަންއާއި އައިރާ ގޮވައިގެން އައިސް ހުރި އެ ރަށު މީހެއްކަމަށްވާ ޒަރީރު ބުންޏެވެ.

"ލިޒީ.... ލިޒީ...." އަޑުގެ ނެތްތަނަށް މަލީހާއަށް ގޮވާލެވުނެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް އައިރާގެ ގައިގާ މަލީހާ އޮޅުލައިގަތެވެ. ލޫކަން އަޅައިގެން ހުރި "ބޭބީކެރިއޭޖް"ގައި އޮތީ އައިރާގެ ދަރިފުޅުކަން މަލީހާގެ ޟަމީރު ދެނެގަތެވެ.

"ދަރިފުޅު ވެސް ގޮވައިގެންތަ؟..." ލޫކަންއަށް ބަލާލަމުން މަލީހާ އަހާލީ އައިރާގެ ގާތުގައެވެ.

"ދައްތާ! މީ... ފިރިމީހާ..." އައިރާ ބުނި އެއްޗަކުން މަލީހާ ހައިރާންވިއެވެ. ހަމައެހާ އަވަހަށް އޭނާ ހިނިތުންވެލިއެވެ. ދެވަނަ ފަހަރަށް އައިރާގެ ގައިގާ ބައްދާލިއެވެ.

"އަލްޙަމްދުއްލިއްﷲ! އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި.... އަލްޙަމްދުއްލިއްﷲ!..." މަލީހާއަށް ބުނެލެވުނެވެ. އަދި އައިރާ ގޮވައިގެން އެތެރެއަށް ވަންނާން ހިނގައިގަތެވެ. އޭރު އެތެރެއިން ލިޒީ އަންނަނީއެވެ.

ލިޒީއާއި އައިރާއަށް އެކަކު އަނެކަކު ފެނިފައި ހުއްޓެވުނެވެ. ލިޒީ ހުރީ ވަރަށް ފަލަވެފައެވެ. ބަނޑެއް ވެސް ލާފައެވެ. އިރުކޮޅަކު ބަލަހައްޓައިގެން ތިބުމަށް ދެ މީހުން ވެސް ހީނގަނެއްޖެއެވެ. ދެ މޮޔައިން ކަހަލައެވެ. ބަރުހެލިވެފައި ހުރި ލިޒީއަށް ދެ ފިޔަވަޅު އެޅޭން ވާއިރަށް އައިރާ އައިސް އޭނާގެ އެކުވެރިޔާގެ ގައިގާ ބައްދާލައިފިއެވެ.

"ލިޒީ! އަހަރެން މި އައީ ލިޒީ ދުށުމަށް..." އައިރާ ބުނެލިއެވެ. ދެ އެކުވެރީން ހަމައަކަށް އެޅުނީ އެތައް އިރަކުންނެވެ. ފެންޑާގައި ހުރީ ސޯފާގައި އެންމެން އިށީނެވެ. މަލީހާ މެހެމާންދާރީ އަދާކުރުމުގައި އުޅުނެވެ. ލޫކަންއަށް ވެސް ލިޒީއަކީ ކޮންކަހަލަ މީހެއްކަން އޭނާއާ ބައްދަލުވުމުން އެނގުނެވެ. ލިޒީ އިނީ ބަލިވެކަން އެނގުމުން އައިރާ އުފާކުރިއެވެ.

"އަހަންނަށް ހަމަ ކެވެނީ. ހީވަނީ ބަނޑުގައި ކޮންނަގޮލައެއް އޮވެގެން އުޅޭހެން... އަބަދު ހުންނަނީ ކޮންމެވެސް އެއްޗެއް ކަވައިގަނެފައި" ލިޒީ އޭނާގެ މަޖާ ގޮތުގައި ބުންޏެވެ. މަލީހާ ދިމާކޮށްލުމުގެ ގޮތުން އެއްޗެއް ބުންޏެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.

އައިރާމެން އެ ގެ ނޫންތަނެއްގައި ތިބުމަށް މަލީހާ ޤަބޫލެއްނުވިއެވެ. އައިރާ އޭނާގެ އެކުވެރިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ދެ އެކުވެރިން އެކަކު އަނެކަކުގެ ހާލު ނޭނގޭ ދުރުވެގެން ދިޔަ ސަބަބެވެ. ލޫކަންއާއި ކައިވެނި ކުރީ ކީއްވެކަމެވެ. ލޫކަން ފަދަ ދެވަނަ މީހަކު ދެން ނުލިބޭނެކަމުގައެވެ. އައިރާގެ އެ ވާހަކަތަކުން އޭނާގެ ހިތުގައި ލޫކަންއަށް ޚާއްޞަކަމެއްވާކަން ލިޒީއަށް ޔަގީންވިއެވެ.

"އައްޗޭ ލޯނގޯކީ ސާތް ހަމޭޝާ އައްޗާ ހޯތާހޭ..." ލިޒީ ބުނެލިއެވެ.

"އަހަރެންގެ ފިލްމީ ބެސްޓީ... ނިޔާނު ނެތް ވަގުތު އެންމެ ހަނދާންވީ ލިޒީ މަތީން... ތިކަހަލަ ހިންދީ ޑައިލޮގުތައް ބުނެލާ އަޑު ވެސް ނީވޭތީވެ. އަހަރެންގެ ހިތްވަރު އެލޭ ވަގުތު ހިތްވަރު ދޭން ނެތީމާ" އައިރާ ހީނލިއެވެ.

އައިރާ ރަށަށް އައި ޚަބަރު ސާމިޔާއަށް އެނގުމާއެކު އޭނާ ހިޝްމާގެ ގާތުގައި ބުންޏެވެ. ޝަމްޢާނަށް އެކަން އެނގުމާއެކު އައިރާ ދުށުމަށް މަލީހާ މެންގެއަށް އައުމަށް ގެއިން ނުކުތުމާއެކު ޖޯލީގައި އޮތް ޒުވާނާ ފެނި ޖެހިލުންވިއެވެ. ޖެހިގެން ހުރި ޖޯލީގައި އައިރާ އިންތަން ފެނުނެވެ. ހިޝްމާއަށް ވެސް އައިރާއާ ބައްދަލުކުރާން އަންނާކަށް ނުކެރުނެވެ. އެހެންވެ އަމިއްލަ ގޮތުގައި ހިފަހައްޓާލައިގެން ހުރީ އެވެ. ނަމަވެސް ތިން ދުވަހު ރަށުގައި ހުރެފައި ފުރާން ދަމުން އައިރާ އެގެއަށް ވެސް ވަނެވެ. ލޫކަންއާއެކުއެވެ. ހިޝްމާއާ ސަލާމް ކުރިއެވެ. އެންމެން ވެސް ތިބީ ބުނާނޭ އެއްޗެއް ނޭނގިފައި ތިބިހެންނެވެ. އައިރާ އުޅުނު ގޮތުން އޭނާގެ ހިތުގައި އެއްވެސް ނުރުހުމެއްނެތްކަން އެނގެއެވެ. ސާމިޔާއަކީ ބޮޑު އަނގައެއްކަން އެނގި ހުރެ މަލީހާ ގަސްދުގައި ލޫކަންއަކީ ކާކުކަން އޭނާއަށް ބުނެދިނީއެވެ. އެ ހުރިހާ ވާހަކައެއް އޭނާ އޮތީ ހިޝްމާމެން ގާތުގައި ދައްކާފައެވެ. ލޫކަންގެ ކުރިމަތީ ޝަމްޢާނު ވެސް އިސްޖަހާލަން މަޖުބޫރުވީއެވެ.

އެންމެ ފަހުން އައިރާ ބޭނުންވެގެން އުޅުނު ކަންތައް ވެސް ފުރިހަމަވީއެވެ. އެކުވެރިޔާގެ ހާލު އޮޅުންފިލައިފިއެވެ. އަދި އެ އެކުވެރިޔާ އިރާދަކުރެއްވިއްޔާ ދެން ގުޅުން ނުކެނޑޭނޭކަން އެނގެއެވެ. މިއަދު އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް އަނބުރާ ލިބިފައިވާ ކަހަލައެވެ. އިތުރަށް އެދޭނޭ އެދުމެއްނުވެއެވެ. ލޯބިވާ ފިރިއަކާއި ނިޔާނުގެ ހަނދާންތައް އަބަދު އާކޮށްދޭނޭ ހަދިޔާއެއް އައިރާއަށް ލިބިއްޖެއެވެ. އޭނާގެ ކެތްތެރިކަމުގެ އަގު ކިތަންމެހާ ވެސް ފޮންޏެވެ. ﷲއަށް ވަކީލުކުރި ރޭތަކުގެ ހިތްދަތިކަން ފިލާ މުޅި ނަފްސަށް ބަޔާންކުރާން ދަތި އުފާވެރިކަމެއް ލިބިފައިވެއެވެ. ހަޤީޤަތުގައި ވެސް އޭނާއަކީ ނަސީބުވެރިއެއްކަމުގައި ޤަބޫލުކުރެވިއްޖެއެވެ. ނިޔާނު ފަދައިން ލޫކަން ވެސް އައިރާގެ އަތުގައި ހިފީ މުޅިއުމުރަށް އެކުގައި ވުމަށެވެ. އައިރަށް ޓަކައި މުޅިޖާނާއި ހިތް އެ ޒުވާނުން ޤުރުބާންކުރިއެވެ. މިއަދު ލޫކަންގެ އަތުގައި އައިރާ ހިފާލީ ހަމަ އެފަދައިންނެވެ. ވަޢުދުވީ އެއްކަމަކަށެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ތިމާގެ ވަގުތު ޖެހޭނީ ކޮންވަގުތަކު ކިހިނެއްކަމެއް ނޭނގެއެވެ. ނަމަވެސް އެ ވަގުތު ޖެހޭންދޭން ފުރިހަމަ ދިރިއުޅުމެއް އުޅުމަށެވެ. އުފާވެރިކަމާއި ހިތްހަމަޖެހިގެންނެވެ.

(ނިމުނީ)