ދުނިޔެ

އެއް ބުރުން ތިންފަށްވަރިކުރާ އުސޫލު އިންޑިއާ ސުޕްރީމްކޯޓުން ހުއްޓުވައިފި

އިންޑިއާގެ މުސްލިމުން ގެންގުޅޭ އެއް ފަހަރުން ތިން ފަށް ވަރި ކުރެވޭ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް އެގައުމުގެ ސުޕްރީމްކޯޓުން ކަނޑައަޅައިފި އެވެ.

އެއް ފަހަރާ ތިން ފަށްވަރި ކުރެވޭ އުސޫލު ނޫނީ، 'ޓްރިޕުލް ތަލާގު' ނުވަތަ 'ތަލާގޭ ބިއްދަތު' އަކީ ކަނޑައެޅިގެން ގާނޫނުތަކާއި ގާނޫނު އަސާސީގެ 25 ވަނަ މާއްދާއާ ހިލާފު އުސޫލެއް ކަމަށް ނިންމީ ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ. އެ ކަން މަނާ ކުރުމާ ދެކޮޅު ހެއްދެވި ދެފަނޑިޔާރުންގެ ތެރެއިން އެއްބޭފުޅަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޖޭއެސް ކިހާރެވެ. އޭނާ ވިދާޅުވި ކަމަށް ދަ ހިންދޫ ނޫހުން ބުނީ ތަލާގޭ ބިއްދަތަކީ އިންޑިއާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާ އިން ކަށަވަަރުކޮށްދޭ ދީނީ މިނިވަންކަމުގެ މުހިއްމު ބައެއް ކަމަށެވެ. އަދި އެއީ މީގެ 1400 އަހަރު ކުރިން ފެށިގެން ހަނަފީ މަޒުހަބުގެ މުސްލިމުން އަމަލުކުރަމުން އަންނަ އުސޫލެއް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއްފަހަރުން ތިންފަށް ވަރި ކުރެވޭ އުސޫލު ގާނޫނާ ހިލާފު ކަމަށް ނިންމެވި ތިން ފަނޑިޔާރުން އިއްތިފާގުވެފައި ވަނީ އެ އުސޫލު އިސްލާމްދީނާ ވެސް ހިލާފު ކަމަށެވެ.


ތަލާގޭ ބިއްދަތު ނުވަތަ ޓްރިޕުލް ތަލާގުގައި ވާ ގޮތަކީ ވަރީގެ ލަފުޒު ' ތަލާގު' ތަކުރާރުކޮށް ތިން ފަހަރަށް ބުނުމުން ތިން ފަށް ވަރިން ވަރިވުމެވެ. ތިންފަށް ވަރިއަކުން ވަރިކުރި މީހާއާ އަލުން އިނދެވޭނީ އެހެން މީހަކާ އިނދެ ވަރިވުމަށް ފަހުގައެވެ.

އެ އުސޫލުގެ ސަބަބުން އިންޑިއާގެ މުސްލިމް އަންހެނުންނަށް ނިކަމެތިކަން ލިބޭ ކަމަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާތާ ދުވަސްތަކެއް ވެއްޖެއެވެ. އެމައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމީ ސުޕްރީމް ކޯޓުން އިސްނަގައިގެންނެވެ.