ހައުސިން ޔުނިޓް

ކުޑަ އިންޓްރެސްޓްގައި ގެދޮރު ގަންނަ ލޯނުގެ ގަވާއިދު ނެރެފި

އިންޓްރެސްޓް ކުޑަކޮށް ގެދޮރު ގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްކީމުގެ ގަވާއިދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކޮށްފި އެވެ.

އެމްއެމްއޭއިން ނެރެފައިވާ "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމް" ގައިވާ ގޮތުން މި ސްކީމުގައި ބޭންކްތަކާއި ލޯނު ދޫކުރާ ފައިނޭޝަނަލް އިންސްޓިއުޓްތަކުންވެސް ބައިވެރިވާން ޖެހެ އެވެ. އަދި މި ސްކީމުގައި ކޮންމެ މެންބަރު އިދާރާއަކުން ވެސް އެ ފަރާތައް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ ފައިސާގެ ތެރެއިން މަދުވެގެން 10 ޕަސެންޓް ސްކީމަށް ލޯނުގެ ގޮތުގައި ދޫކުރަން ޖެހެ އެވެ.

ޑައުންޕޭމަންޓާއި އިންޓްރެސްޓް

* ޑައުން ޕޭމަންޓް 20 ޕަސެންޓްނަމަ، އިންޓްރެސްޓް ރޭޓް 5 ޕަސެންޓް
* ޑައުން ޕޭމަންޓް 10 ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓް
*ޑައުންޕޭމަންޓް ފަސް ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 6 ޕަސެންޓް

މި ގަވާއިދުގައިވާ ގޮތުގައި މި ސްކީމް ފަރުމާކޮށްފައިވަނީ ލޯނުގެ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓުގެ އަދަދު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން ނުވަތަ އޮތޯރިޓީން ގާއިމްކޮށްފައިވާ ސްކީމެއްގެ ދަށުން، ގެރެންޓީ ދޭނަމަ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ އިންވެސްޓްކޮށްފައިވާ ކަމަށް ބަލައި ލޯނު ނެގެ އެވެ. އަދި މި ސްކީމް މަރުމާކޮށްފައިވަނީ ލޯނުގެ ފުރަތަމަ 10 އަހަރު ތެރޭގައި ރޭޓް އިތުރު ނުކުރެވޭ ގޮތަށެވެ. އަދި މި ލޯނު ދޫކުރާނީ 25 އަހަރުގެ މުއްދަތަށެވެ.

މި ލޯނު ސްކީމް ތައާރަފުކޮށްފައިވަނީ ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، މަރުކަޒީ ބޭންކު ގުޅިގެންނެވެ.

މި ސްކީމާ ބެހޭ ގޮތުން، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެފައިވާ ގޮތުގައި މި ސްކީމް ހާއްސަ ވަނީ ގާކޮށީގައި ފްލެޓު ގަންނަ މީހުންނަށެވެ. ނަމަވެސް މި ލޯނު އެހެން ފަރާތްތަކަށްވެސް ދޫކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"ނަމަވެސް، މި ވަރަށް ލޯނު ދޫކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭ ވަރުގެ ކަމެއް ނޫން. އެހެންވެ މި އަހަރުގެ ނިޔަލަށް ދޫކުރެވޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ތިން ޕަސެންޓް. މިއީ 300 އާއި 350 ހައުސިން ޔުނިޓަށް ފައިނޭންސް ކުރެވޭ އަދަދު،" އަޒީމާ ވިދާޅުވެފައިވެ އެވެ.

މި ލޯނު ސްކީމުން ދޫކުރަނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާގެ ލޯނުތަކެވެ. މި ލޯނު ސްކީމު ތައާރަފު ކުރުމުން ދެ މިލިއަން ރުފިޔާގެ ލޯނަކަށް ގާތްގަނޑަކަށް މަހަކު ދައްކަން ޖެހޭނީ 12،000ރ. ވަރެވެ.