ސިއްހަތު

ޖޯންސަން ފުށް ޖެހި މީހަކަށް 417 މިލިޔަން ޑޮލަރުގެ ބަދަލެއް ދޭން ޖެހިއްޖެ

(ދަ ގާޑިއަން): އަންހެން ވަންތަކަމުގެ ސާފުތާހިރު ކަމަށް ކުރާ ކަމެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން ޖޯންސަން އެންޑް ޖޯންސަން ބޭބީ ޕައުޑަރު ބޭނުންކުރި އަންހެނަކަށް 417 މިލިޔަން ޑޮލަރުގެ ބަދަލެއް ދޭން ޖޯންސަން އެންޑް ޖޯންސަން ކުންފުންޏަށް އެމެރިކާގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ބަދަލު ދޭން ޖެހުނީ އޯވަރީއަށް ކެންސަރު ޖެހިފައިވާ އީވާ އެޗިވީރިއާ ނަމަކަށް ކިޔާ އުމުރުން 63 އަަހަރުގެ އަންހެނަކަށެވެ. ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސް ގެ ސުޕީރިއާ ކޯޓެއްްގައި އޭނާ ދައުވާކޮށްފައި ވަނީ އޭނާއަށް އޯވަރީގެ ކެންސަރު ޖެހުނީ އަންހެންވަންތަކަމުގެ ތާހިރުކަމަށް ޖޯންސަން އެންޑް ޖޯންސަންގެ ހުދު ފުށް ފަދަ ބާވަތްތައް ބޭނުން ކުރުމުން ކަމަށް ބުނެއެވެ.

އެމައްސަލައިގައި ޖޫރީން ނިންމީ ބަދަލުގެ ގޮތުގައި 70 މިލިޔަން ޑޮލަރު އަދި ޖޯންސަން އެންޑް ޖޯންސަން ކުންފުންޏަށް ދޭ އަދަބެއްގެ ގޮތުގައި އިތުރު 347 މިލިޔަން ޑޮލަރު އީވާއަށް ދޭން ޖެހޭނެ ކަމަށެވެ. މިއީ އެކުންފުންޏާ ދެކޮޅަށް އުފުލާފައިވާ އެތައް ދައުވާއެއްގެ ތެރެއިން މިހާ ބޮޑު އަދަދެއް ދައްކަން ޖެހޭ ގޮތަށް ނިމުނު ފުރަތަމަ މައްސަލައެވެ. އެކުންފުންޏާ ދެކޮޅަށް އުފުލާފައިވާ އެފަދަ 4800 މައްސަލައިގެ ތެރެއިން މީގެ ކުރިން މިސޫރީގެ ކޯޓަކުން ނިންމި ނިންމުމަކާ އެކު ޖުމްލަ 300 މިލިޔަން ޑޮލަރު ކުރިން ވެސް އޮތީ އެކި މީހުންނަށް ދޭން ޖެހިފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އީވާގެ ވަކީލު ބުނި ކަމަށް ދަ ގާޑިއަން ނޫހުން ބުނީ ޖޫރީންގެ ނިންމުމަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ބުނީ އެމައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ. އެއީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ސައިންސްގެ އަލީގައި ކަމަށް ވާތީ ކަމަށް ވެސް ބުންޏެވެ.

ކޯޓުގައި އީވާގެ ވަކީލު ބުނެފައި ވަނީ ލަދުވެތި ގުނަވަނުގައި ހުދު ފުށް ޖެހުމާއި ކެންސަރާ ގުޅުން ހުރިކަމަށް ދިރާސާތަކުން ދައްކާފައިވާކަން އެނގި ތިބެ ވެސް ޖޯންސަން އެންޑް ޖޯންސަން ގެ އުފެއްދުންތައް ބޭނުން ކުރަން އެކުންފުނިން އަންހެނުންނަށް ހިތްވަރު ދީފައިވާ ކަމަށެވެ. އެ ފަދަ ދިރާސާތައް ހުރިކަމަށް ބުނާ ބުނުމާ ކުންފުނިން ދެކޮޅު ހަދައެވެ. އަދި ހުދުފުށަކީ ކެންސަރު ޖެހޭ އެއްޗެއް ކަމަކަށް އެމެރިކާގެ ރަސްމީ އެއްވެސް އިދާރާއަކުން މިހައި ތަނަށް ބަލައިގެންފައެއް ވެސް ނުވެއެވެ.