ހަބަރު

ސައުދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

ވިލިގިލީ ދާއިރާގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހުސެއިން ފަނޑިޔާރަކު މަރާލަން ރޭވި ކަމަށް ބުނެ އުފުލާފައިވާ ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް މި އުފުލީ، އޭނާ ރާވައިގެން ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނުކަމަށް ތުހުމަތުކޮށެވެ.

އެ ދައުވާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުން ވަކިކޮށްފައިވާ އިބްރާހިމް ހަނީފް މައްޗަށް ވެސް ކޮށްފައިވެ އެވެ. ހަނީފް ވަނީ މީގެ ކުރިން ހައްޔަރުކޮށް އެ މައްސަލައިގައި ސުވާލުކޮށްފަ އެވެ.

ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ މަޝްވަރާތަކެއް ކުރާ އަޑު އިވޭ އޯޑިއޯއެއް ވެސް ލީކުވެފައިވެ އެވެ. އެ އޯޑިއޯގައި ސުޖާއު އުސްމާނު އަވަހަރާކޮށްލައި، އެކަން ކާމިޔާބު ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ އޯޑިއޯގައި ވާހަކަ ދައްކަނީ ކޮން ބައެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ހަތަރު ލައްކަ ރުފިޔާގެ އިނާމެއް ހުށަހެޅިއިރު އެކަން ހަވާލުކުރާ މީހަ އެކަމާ އެއްބަސްވާކަން ވެސް އޯޑިއޯއިން އެނގެ އެވެ. އަދި އެޑްވާންސްއަށް 50 ޕަސެންޓް ފައިސާ ދެއްކުމުން "މިޝަން އޮން" ކަމަށް ބުނެ އެވެ.

ފަނޑިޔާރު ސުޖާއު ދެކުނު ގޮއްޕަށް ބަދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ވަރަށް ފަހުން ފަނޑިޔާރު ސުޖާއު ވަނީ މާލެ ވެސް ވަޑައިގެންފަ އެވެ. ފަނޑިޔާރު މާލެ ވަޑައިގަތީ ފުލުހުންގެ ރައްކާތެރިކަމާއެކު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ރައްކާތެރިކަމާއެކު ފަނޑިޔާރު މާލެ ގެނެސްފައިވަނީ ފަނޑިޔާރު އަވާހަރަކޮށްލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބުމާ ގުޅިގެންނެވެ.