ހަބަރު

ސަފީރާއި ގަވަރުނަރު ސައްހަ ނޫންކަން ބޭރުގެ ފަރާތްތަކަށް އަންގާނަން: އިދިކޮޅު

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ މުހައްމަދު ހުސައިން ޝަރީފާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމަށް ނަން ފޮނުވާފައިވާ މުހައްމަދު ނަސީރަށް ރުހުން ދިނުމަށް ރައްްޔިތުންގެ މަޖިލީހުގައި ނިޒާމު ގެއްލިފައި ވަނިކޮށް ބާއްވާ ޖަލްސާއަކުން ފާސްކޮށްފި ނަމަ، ބޭރުގެ ފަރާތްތަކަށް އެކަން އަންގާނެ ކަަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން ދާދި ދެންމެއަކު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު އިމްތިޔާރު ފަހުމީ ވިދާޅުވީ އެގޮތުން ދެއްވާ މައުުލޫމާތަށް ބޭރުގެ ފަރާތްތަކުން ސަމާލުކަން ދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ސްރީލަންކާގައި ހުންނަވާ ސަފީރަށް އެފަދަ ޖަލްސާއަކުން ރުހުން ދީފި ނަމަ އެމައުލޫމާލު ލަންކާ ސަރުކާރުގެ އިތުރުން އެގައުމުގައިވާ އެހެން ގައުމުތަކުގެ މިޝަންތަކަށް ވެސް ދެއްވާނެ ކަމަށެވެ.

"... ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި މަޖިލީހުގެ އިތުބާރުނެތް ބޭފުޅަކު ޣައިރުގާނޫނީ ގޮތުގައި އިންނަވައި، ސިފައިން ވައްދައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޯނާކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލުގައި ބައިތިއްބައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ އިރުގައި ވެސް ގޮނޑި ގެއްލިއްޖެ ކަމަށް ވިދާޅުވެ، މަޖިލީހަށް ވަދެވޭނެ ގޮތް ބަންދުކޮށް މިހުރިހާ ކަމެއް ކުރުމަށް ފަހު ބާއްވާ ޖަލްސާ ތަކަކީ ސައްހަ ޖަލްސާތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވާނާއަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާއަކީ ވެސް އެފަދަ ޖަލްސާއަކަށް ވެއްޖެ ނަމަ އެކަން އަންގަވާނީ ވޯލްޑް ބޭންކަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް) އަށާއި ބައިނަލް އަގުވާމީ އެހެން މާލީ އިދާރާތަކަށް ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ އެ ދެބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އަހާނީ މިއަދު ބޭއްވި ފަދަ ރައްޔިތުންގެ މަޖިލިސް ހިސޯރުކުރެވި، ނިޒާމު ގެއްލިފައިވާ ޖަލްސާތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންމެެ ފަހުން ބޭއްވި ޖަލްސާތައް ބާއްވާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ގިނަ އަދަދެއްގެ ސިފައިން ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ތިއްބަވައިގެން އިދިކޮޅު މެމްބަރުންގެ އިހުތިޖާރުތައް ހުއްޓުވައިގެންނެވެ. އިދިކޮޅު ފަރާތްތަކުން ކުރިއްސުރެ ބުނަމުން ދަނީ އެގޮތަށް ބާއްވާ ޖަލްސާތައް ސައްހަ ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީހަކީ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި އޭނާ ރިޔާސަތުގައި އިންނަވައިގެން ޖަލްސާއެއް ބޭއްވިޔަ ނުދޭނެ ކަމަށް ބުނާ ބުނުން މިއަދުގެ ނޫސްކޮންފަރެންސްގައި ވެސް އިދިކޮޅުން ވަނީ ތަކުރާރުކޮށްފައެވެ.