ވިޔަފާރި

ކޫއްޑޫގައި ހެދި ރިސޯޓަށް ޓޫރިސްޓުން ގެންނަން ފަށައިފި

"އެކޯހޮޓެލްސް" އިން ގއ. ކޫއްޑޫގައި ތަރައްގީ ކޮށްފައިވާ 68 ކޮޓަރީގެ ރިސޯޓަށް ހޮނިހިރު ދުވަހުން ފެށިގެން ޓޫރިސްޓުން ގެންނަން ފަށައިިފި އެވެ. ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުގައި މާކެއުރީ ކޫއްޑޫގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި މޫދު ކުޅިވަރުގެ ސެންޓަރަކާއި ޑައިވް ސެންޓަރެއްގެ އިތުރުން ސްޕާގެ ހިދުމަތާއި ޖިމްފަދަ ވަސީލަތްތަކުގެ އިތުރުން 43 ކޮޓަރި އާއި 25 ބީޗު ކޮޓަރި ހުރެ އެވެ.

ފްރާންސުގެ މި ކުންފުނިން މިއީ ހުވަދު އަތޮޅުގައި ހުޅުވާ ފަސް ވަނަ ރިސޯޓެވެ. އަދި މިއީ ސަރަހައްދީ އެއާޕޯޓެއްގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވާ ކޫއްޑޫއަކީ ސަރުކާރުގެ މައި މަސް ކުންފުނީގެ އެއް ފެކްޓްރީ ހުންނަ އެއް ރަށެވެ.

ރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުން މި އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 50 ރިސޯޓު ބާޒާރަށް ނެރުމެވެ.