އަލްޖަޒާއިރުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ޣައްޒާއަށް ފޮނުވި ބޭސްފަރުވާގެ އެހީ އެރަށުގެ ރައްޔިތުންނަށް ލިބުނަނުދީ މިސްރުން ހުއްޓުވައިފިއެވެ.
ބޭހާއި އެމްބިއުލޭންސާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ޖަނަރޭޓަރުތައް ހިމެނޭ ގޮތުން ހަތަރު މިލިޔަން ޑޮލަރުގެ މުދާ ހިފައިގެން ދިޔަ ގާފިލާ ހުއްޓުވި ސަބަބެއް މިސްރުން އަދި ހާމައެއް ނުކުރެއެވެ.
މިސްރުން މިފިޔަވަޅު އަޅާފައި މިވަނީ ހުޅަނގު އައްސޭރީގައި އޮންނަ ފަތުހު ޖަމާއަތުގެ ސަރުކާރުން ޣައްޒާއަށް ބޭސް ފޮނުވުން ހުއްޓައިލުމުގެ ސަބަބުން އެރަށުގެ ހޮސްޕިޓަލްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އަލްޖަޒާއިރުގެ އިލްމުވެރިންގެ ޖަމިއްޔާއިން ފޮނުވި އެހީގެ ސާމާނު ޣައްޒާއަށް ގެންދެވޭގޮތް ނުވެ، ސަހަރާގެ ހޫނުގައި ބަހައްޓަން ޖެހުމުން އެތަކެތި އަނބުރާ ގެންދިއުމުގެ ދަތުރު ފަށަން އުޅޭ ކަމަށް އެޖަމިއްޔާއިން އިއްޔެ ބުންޏެވެ. އެޖަމިއްޔާގެ އެހީ ދިނުމާ ބެހޭ ބައިގެ ވެރިޔާ ޔަހުސާ ސާރީ ގުދުސް ޕްރެސްއަށް އިއްޔެ ވިދާޅުވެފައި ވަނީ އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރެވޭތޯ މިސްރުގެ އިދާރާތަކާ ކުރި މަޝްވަރާ ކޮޅެއްގައި ނުޖެހި ނިމިފައިވާ ކަަމަށެވެ.
" އަލްޖީރިއާ ގާޒާ 4 " ގެ ނަންދީފައިވާ އެހީގެ ގާފިލާ ޣައްޒާއާއި މިސްރު ގުޅޭ ރަފަހު ދޮރާށި ކައިރިއަށް ދިޔައީ މިދިޔަ ހަފުތާގެ ބުދަދުވަހުއެވެ. ޣައްޒާއަށް ދިއުމަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ފުރިހަމަކޮށްފައި ހުރި ނަމަވެސް މިސްރު ސަރުކާރުން އެންގީ ގާފިލާ މިސްރުގެ ސައީދުގެ ބަނދަރަށް ދިއުމަށެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން ގިނަ ބާވަތްތަކެއް ބޭސް ހުސްވެ، އެ ހޮސްޕިޓަލްތައް މިދިޔަ މޭމަހު ހާލުގައި ޖެހުނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން އޭރު ބުނީ ޣައްްޒާގެ ހޮސްޕިޓަލުތަކާއި ކްލިނިކް ތަކުގެ ހާލަތު ދަށް ދިޔައީ ޕެލަސްޓީނިއަން އޮތޯރިޓީން (ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނު މީހުންގެ ސަރުކާރުން) އެރަށަށް ބޭސް ފޯރުކޮށްދިނުން ހުއްޓައިލުމުން ކަމަށެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ފާމަސީ ޑިޕާޓްމަންޓުގެ ފަރާތުން ޣައްޒާގައި ހުންނަވާ ޑައިރެކްޓަރު މުނީރު އަލް ބަރްޝު މިދިޔަ މޭމަހުގެ 25 ވަނަ ދުވަހު ވިދާޅުވެފައި ވަނީ ބޭސްފަރުވާގެ 270 ބާވަތެެއް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމަށެވެ. ގައްޒާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިތުރު 170 ބާވަތެއް މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ.
ޣައްޒާއަށް ބޭހުގެ ޝިޕްމަންޓެއް އެންމެ ފަހުން ލިބިފައި ވަނީ ތިން މަސްދުވަސް ކުރިންނެވެ. އެރަށަށް ކުރިން ބޭސް ގެންނަނީ ދެމަސް ދުވަހަކުން އެއް ފަހަރުއެވެ. ޣައްޒާއަށް ބޭސް ފޯރުކޮށްދިނުން ފަލަސްތީނު ސަރުކާރުން ހުއްޓައިލީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.