ދުނިޔެ

މަނަވަރު އެކްސިޑެންޓާ ގުޅިގެން ކޮމާންޑަރަކު ވަކިކުރަނީ

އޭޝިއާ ސަރަހައްދުގައި އެމެރިކާގެ މަނަވަރުތަކެއް މަދަނީ އުޅަނދުތަކެއްގައި ޖެހުމުގެ ގިނަ ހާދިސާތަކެއް ހިނގުމުން ކަނޑުގެ ސިފައިންގެ ސެވަންތު ފްލީޓްގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޖޯސެފް އޮކުއާން މަގާމުން ވަކިކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރޮއިޓާސް ބުނީ އެމެެރިކާ ސަރުކާރުން އެގޮތަށް ނިންމިކަން އޮފިޝަލަކު ރޮއިޓާސްއަށް ކަށަވަރުކޮށްދީފައި މިވަނީ އެންމެ ފަހުން ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ 10 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

އޮކްއާން ވަކިކުރަން ނިންމީ އެމެރިކާގެ ޕެސިފިކް ފްލީޓްގައި ހިމެނޭ ހަތަރު މަނަވަރެއް މަދަނީ އުޅަނދުތަކުގައި ޖެހުމުގެ މައިގަނޑު ހަތަރު ހާދިސާއަކަށް ފަހުގައެވެ. އެފަދަ އެންމެ ފަހު ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ސިންގަޕޫރުގެ ކަނޑުގެ ސަރަހައްދުގައެވެ. އެހާދިސާގައި ޔޫއެސްއެސް ޖޯން އެސް މެކެއިން ޖެހުނީ ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ އަލްނިކް އެމްސީ ނަމަކަށް ކިޔާ ޓޭންކަރެއްގައެވެ.

ހާދިސާގައި ގެއްލުނު ބައެއް ސިފައިންގެ ހަށިތައް މިހާރު ވަނީ ފެނިފައެވެ. އެހަށިތައް ފެނުނީ މަނަވަރުގެ ތެރެއިންނެވެ.

އޮކުއާން މަގާމުން ވަކިކުރަން އުޅޭކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިން އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެމެރިކާ ސަރުކާރުން އެކަން ރަސްމީކޮށް އިއުލާންކުރާނީ ކޮން އިރަކުން ކަމެއް އަދި ނޭނގެއެވެ.