ކުޅިވަރު

ކަންތައް ކުރީ ބޭއިންސާފުން، އަޒުމު ދަށް ނުވާނެ: ރޮނާލްޑޯ

Aug 23, 2017
1

އޭނާއާ މެދު ކަން ކުރީ ބޭއިންސާފުން ނަމަވެސް އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް، ފަސް މެޗަށް ސަސްޕެންޑްކޮށްފައިވާ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ، ފަސް މެޗަށް ސަސްޕެންޑް ކުރީ، ސްޕެއިންގެ ސްޕަ ކަޕްގެ ފުރަތަމަ ލެގް މެޗުގައި، ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަމަ ނުޖެހި، ރެފްރީގެ ބުރަކަށީގައި ޖަހައި ކޮށްޕާ ލުމުން ނެވެ.

ރޮނާލްޑޯއާ ދެކޮޅަށް އެޅި ފިޔަވަޅު، ރެއާލްއިން އިސްތިއުނާފަށް ހުށަހެޅުމުން، އިސްތިއުނާފް ކޮމިޓީން ވެސް ވަނީ، ރޮނާލްޑޯއާ ދެކޮޅަށް އެޅި ސަސްޕެންޝަން ފިޔަވަޅަށް ތާއީދު ކޮށްފަ އެވެ. އިސްތިއުނާފް ކޮމިޓީން އެކަމަށް ތާއީދު ކުރުމުން، ރޮނާލްޑޯ ބުނީ އެއީއަނެއްކާވެސް ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށެވެ.

"އަނެއްކާވެސް ހާމަކަން ނެތް ނިންމުމެއް، ބޭއިންސާފުން ބޭއިންސާފަށް،" ރޮނާލްޑޯ ސޯޝަލް މިޑީއާގައި ބުނެފައި ވެއެވެ. "އެމީހުންނަށް އަހަރެން އަޒުމު ދަށް ކޮށް ނުލެވޭނެ މިހާރު ހުރި ފެންވަރަށް ވުރެ ވަރުގަދަ ކޮށް އަހަރެން އެނބުރި އަންނާނަން."

ރެއާލް ކޯޗް ޒައިނުއްދީން ޒިދާން ވެސް ބުނީ، ރޮނާލްޑޯއާ މެދު ގޮތް ނިންމުމުގައި ގޯހެއް އެބައުޅޭ ކަމަށާއި މަރުހަލާތައް ދިޔައީ އެންމެ ރަނގަޅަށް ނުން ކަމަށެވެ.

ރޮނާލްޑޯގެ ސަސްޕެންޝަން ފުރިހަމަ ކުރުމަށްފަހު، ރެއާލްއާއެކު އޭނާ އެނބުރި އަންނާނީ އަންނަ މަހު 20 ގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗު ގައެވެ.