ދުނިޔެ

ފޭކް ހައްޖު އޮފީސްތަކެއް ބަންދުކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފި

ހުއްދަ ނެތި ހިންގަމުން ދިޔަ ހައްޖު އޮފީސްތަކެއް ބަންދުކޮށް ދެލައްކައަށް ވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ހައްޖުގެ އަޅުކަމުގެ ކަންތައްތައް ބެލެހެއްޓުމަށް ސައުދީން ހާއްސަކޮށްފައިވާ ފައުޖުތަކުން މިނާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމާންޑަރު މޭޖާ ޖެނެރަލް ޖަމްްއާން އަލް ޣާމިދީ ވިދާޅުވި ކަމަށް އަރަބް ނިއުސް އިން މިއަދު ބުނީ މިއަހަރުގެ ހައްޖުމޫސުން ފެށުނީއްސުރެ މިހައި ތަނަށް 61 އޮފީހެއް ބަންދުކޮށްފައިވާނެ ކަމަށެވެ. އަދި އެ ކަންތައްތަކާ ގުޅިގެން 10533 ސައުދީ ރައްޔިތުންނާއި 213541 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޣާމިދީއާ ހަވާލާދީ ނޫހުން ބުންޏެވެ.

ހައްޖުގެ އަޅުކަމާ ގުޅުން ހުރި ކަމެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރިކަން ސައުދީން ހާމަކޮށްފައި މިވަނީ ސައްހަ ލިޔެކިއުން ނެތި މައްކާއަށް ދަތުރުކުރި ގިނަ އަދަދެއްގެ މީހުން އަނބުރައި ފޮނުވައިލިކަން ހާމަކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މިހިނގާ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ސައުދީ ސަރުކާރުން ބުނީ އެކި ސަރަހައްދުތަކުން މައްކާއަށް ވަންނަން އުޅުނު 95400 މީހުން އަނބުރާ ފޮނުވާލާފައި ވަނީ ޖުލައިމަހުގެ 20 ފެށިގެން އޮގަސްޓްމަހުގެ 12 ވަނަ ދުވަހާ ހަަމައަށް ހޭދަވީ މުއްދަތުގައި ކަމަށެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ދާއިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަން ސައުދީ ސަރުކާރުން ވަނީ 17000 މީހުންނާއި 3000 އެއްގަމު އުޅަނދު ހާއްްސަކޮށްފައެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށް މިހައިތަނަށް 1.7 މިލިޔަން މީހުން ވަނީ ސައުދީއަށް ޖަމާވެފައެވެ.