ގައުމީ ބޭންކް، ބީއެމްއެލްއަށް ލިބެމުން އަންނަ މާލީ ކުރިއެރުންތަކާ އެކު، އެ ބޭންކުން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން މުޅިން އަލަށް 150 ވަޒީފާ އުފެއްދިފައިވާ ކަމަށް، އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުހާތަބު ކުރައްވާ އެންޑްރޫ ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކަށް ފަހުރުވެރި އަހަރެއް ކަމަށާއި މާލީ ގޮތުން ބީއެމްއެލް އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމަށެވެ. އަދި މާލީ ގޮތުން ބީއެމްއެލްއަށް ލިބޭ ފައިދާ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމުން އެ ފައިދާ އަނބުރާ ރައްޔިތުންނާ ހަމަޔަށް ގެނެސް ދިނުމަށް މިދިޔަ ދެ އަހަރު ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބެހިގެންދާ ގޮތަށް ކޮށްފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބީއެމްއެލްގެ ބްރާންޗްތަކާއި އޭޓީއެމްތައް އިތުރުކޮށް، މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން އެންމެ ޒަމާނީ ފެންވަރަކަށް ވަނީ ގެންދެވިފަ އެވެ. އަދި ފައިސާގެ އެހީތައް އިތުރުކޮށް އިޖުތިމާއީ ޕްރޮގްރާމްތައް ވެސް ދެ ގުނަ އިތުރު ކުރެވުނު ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
"އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ދަމަހައްޓައިގެން ކުރިއަށް ގެންގޮސް 22 ރަށެއްގައި މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، މި އިންވެސްޓްމަންޓްގެ ތެރެއިން 150 ވަޒީފާ އަލަށް އުފެދިގެންދާނެ. މިއަހަރުގެ މިހާތަނަށް ވެސް މުޅިން އަލަށް 100 ވަޒީފާ ވަަނީ އުފެއްދިފައި،" އެންޑްރޫ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ހިދުމަތްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް އަދި ގާތްގަނޑަކަށް ކޮންމެ ގޭބީސީ އަކަށް މިހާރު ލިބެމުންދޭ. އަޅުގަނޑުމެންގެ ބްރޭންޑާއެކު ކުޅެމުންދާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފަދައިން ބޭންކުންވެސް ގަދައަޅާ މަސައްކަތްކުރަމުންދާނީ ތިޔަ ބޭފުޅުން ފަހުރުވެރިވާފަދަ ބަދަލުތަކެއް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދިނުމަށް،"
ބީއެމްއެލް އިން މިދިޔަ އަހަރު ހޯދުނު ކާމީޔާބީތައް ފާހަގަ ކުރައްވަމުން އެންޑްރޫ ވިދާޅުވީ، މި އަހަރު މިހާތަނަށް އިތުރު ތިން ބްރާންޗް އަދި 12 ސެލްފް ސާވިސް ބޭންކިން ސެންޓަރުު ހުޅުވިފައިވާ ކަމަށެވެ. އަދި ބޭންކާއި އާންމުރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ހިންގި "އަހަރެންގެ ބޭންކް" މަޝްރޫއުގެ ދަށުން 30 ޖަމްއިއްޔާ އަކުން ހިންގި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެންޑްރޫ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގެދޮރު އެޅުމާއި ވިޔަފާރިތަކަށް އަދި އާންމު ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ތިން ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. މިއީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލްގެ ކާމިޔާބީތައް:
* ދޫކުރި ލޯނުތައް 23 ޕަސެންޓް އިތުރުވެ ތިން ބިލިއަން ރުފިޔާއަށް އެރި.
* ބްރާންޗްތަކުގެ އަދަދު 30 ޕަސެންޓް އިތުރު ކުރެވުނު. މުޅިންއާ 8 ބްރާންޗް.
* އޭޓީއެމްތައް 70 ޕަސެންޓް އިތުރުކުރި. އިތުރު 36 އޭޓީއެމް.
* މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިސާ ނެގޭނެ، ކޭޝް އެޖެންޓުންގެ ހިދުމަތް.
* ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އެރި.
* ކަސްޓަމަރުން 280،000 އަށް، މިދޔަ އަހަރު އެކަނި 19،000 އާ ކަސްޓަމަރުން.
މީގެ އިތުރުން އެންޑްރޫގެ ވަނީ ބޭންކާ ވަކިވެގެންދާ ޗެއާޕާސަން ފަރީހާ ޝަރީފާއި ބޯޑު މެމްބަރުންކަމަށް އަލަށް ހަމަޖެއްސި، މުރުތަލޯ މުހައްމަދުދީދީ އަދި މުހައްމަދު އުމަރަށް ޝުކުރު އަދާކުރައްވާފަ އެވެ. ވާހަކަ ނިންމާލައްވަމުން އެންޑްރޫ ވަނީ ބޭންކުގެ މުވައްޒަފުންގެ ހީވާގި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުންނަށް ދަންނަވާލަން އޮތީ، ބޭންކުގެ ކާމިޔާބީގެ ޝުކުރު ހައްގުވަނީ ތިޔަ މުވައްޒަފުންނަށް. ވަރަށް ބުރަ އަހަރެއް ނަމަވެސް ބޭންކުގެ މުވައްޒަފުން ހީވާގި މަސައްކަތާއި އެ މަސައްކަތަށް ދިން އަހައްމިއްޔަތުކަމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އަދާކުރަމުންދާ ދައުރާމެދު މުވައްޒަފުން ފަހުރުވެރިވުން ހައްގު،" މުވައްޒަފުންގެ އަގު ވަޒަން ކުރައްވަމުން އެންޑްރޫ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 29 ސެލްފްސާވިސް ބޭންކިން ސެންޓަރު، 88 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި ޒަމާނީ ޑިޖިޓަލް ބޭންކިން ސުއިޓްއަކާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.