ވާހަކަ

މިންނުގެ ޑައިރީ

ހުޅުލެއިން މާލެދިއުމަށް ނައްޓާލަން އިންޖީނު އިސްޓާޓުކޮށްފައިވާ ފެރީއަށް ފުއްމާލި ޒުވާނާގެ ލަގެޖް ފެރީގެ ފަޅުވެރި ކުއްޖެއް އެހެން ލަގެޖުތައްކައިރިއަށް ޖައްސާލިއެވެ. ފެރީގައި މީހުންގިނަކަން ފާގަހަކުރެވެއެވެ. ތަންކޮޅެއް ލިބޭވަރުވީ އިންޖީނުގަނޑާ ދިމާލުގައި ހުރި ގޮނޑިއަކުންނެވެ. އެ ހިސާބަށް ދެވުނީ ވެސް އެތަކެއް ބައެއްގެ ފައިގާ ޖެހެމުންކަހަލަ ގޮތަކަށެވެ. ހިނިތުންވުމަކާއެކު އެކިމީހުން ގާތުގައި އެފިރިހެންވަންތަ އަޑުން "ސޮރީ" ބުނެލާ އަޑު އިވެމުންދިޔައެވެ.

ފެރީ ނައްޓާލުމާއިއެކު ފެރީގެ ތެރޭގައި ދައުރުވަމުން ދިޔަ މަޑުމަޑުވައިރޯޅިތަށް އެ ޒުވާނާގެ އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. އިރުއިރުކޮޅާ އަތުން އިސްތަށިގަނޑު ރީތިކޮށްލައެވެ. އަޅާފައިވާ އަވި އައިނު މައްޗަށް ޖައްސާލާ ރަނގަޅުކޮށްލައެވެ. އަދި ވަށައިގެންވި މާޙައުލަށް ނަޒަރު ހިންގަމުންދިޔައެވެ. އޭނާގެ ގައިގާ ދިވެހި ގޮތްގަޑެއް ނެތެވެ. އޭނާއަށް ފެންނަމުން ދިޔަ މާޙައުލު ވެސް މުޅިން އަލެވެ. އުދަރެހުގައިވާ ރަތްވިލާތަކުގެ ތެރެއިން އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ފުން ޚިޔާލަކަށް ގެއްލިފައި އެ ޒުވާނާ އިނެވެ.

އޭނާއާ ދާދި ގާތުގައި އައިސް ހުއްޓިލި ފަޅުވެރި ކުއްޖާ އެއްޗެއް ބުނެލުމުން، ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބުން ފެނުނީ ވޮލެޓެއް ނެގިތަނެވެ. އަދި އެ ފަޅުވެރި ކުއްޖާއަށް ހިނިތުންވުމަކާއިއެކު އެއް ޑޮލަރު ދިއްކޮށްލިއެވެ. އޭނާގެ އަތުގައި ދިވެހި ފައިސާ ނެތީއެވެ.

ދިހަރަވަރަކަށް މިނެޓު ތެރޭ ފެރީ އައިސް މާލޭ ތޮށިގަނޑާ ގުޅިފައިވާ ފާލަމަށް ކައިރިކޮށްލިއެވެ. ދެ މީހަކު ފޭބުމާއެކު އެ ޒުވާނާ ވެސް ހިނގައިގަތީ އޭނާގެ އަތުގައި އޮތް "ބެކްޕެކް" ހިފައިގެން ފެރިން ފޭބުމަށެވެ. ކާރުގެ ދިގު ސަފެއް އޮތްތަން ފެނުމުން ހައިރާންވިއެވެ. އެކަމަކު ހިނިވެސް އައެވެ. މާލޭގެ މަލަމައްޗާ މީހުންގެ ދިރިއުޅުން ހާދަބަދަލްވެއްޖެއޭ އެޒުވާނާގެ ހިތަށްއަރަމުންދިޔައެވެ. ބުރަކަށީގައި އަޅުވާލައިފައިވާ ބެކްޕެކް އާއި ދަމަމުން އައި ލަގޭޖާއެކު އޫރިދޫ އިޝްތިހާރެއް ޖަހާފައިވާ ޓެކްސީއެއްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ހަމަ މަޑުކޮށްލުމާއެކު ޑްރައިވަރު އައިސް އެ ޒުވާނާގެ ލަގެޖުތައް އެރުވުމަށް އެހީތެރިވެދިނެވެ.

ޓެކްސީއަށް އެރުމަށްފަހު ދާންވީ ތަނުގެ ނަން ބުނެލީ އަތުގައި އޮތް އެޑްރެސް ކާޑަކަށް ބަލާން އިނދެއެވެ. ޑްރައިވަރު އިނދެފައި އެއީ މިވެނި ހިސާބެކޭ ބުނެލިއެވެ. ނަމަވެސް އެ ޒުވާނާއަށް ޑްރައިވަރު އެ ދެއްކި ވާހަކައެއް ނޭނގުނެވެ. އިތުރު ވާހަކައެއް ނުދައްކާ ޑްރައިވަރު ޓެކްސީ ދުއްވާލައިފިއެވެ. ޓެކްސީގައި އިންއިރު އެ ޒުވާނާއަށް ބެލެނީ ދުއްވަމުންދިޔަ މަގުތަކަށެވެ. ޓެކްސީ އައިސް މަޑުކޮށްލިއިރުވެސް އޭނައަށް އާދެވުނު މަގުތަކުގައި ވަނީ ބީރައްޓެހިކަމެވެ. މަޑުމަޑުން ޓެކްސީއިން ފައިބާ ޑްރައިވަރަށް ފައިސާ ދިނުމަށްފަހު ގޭގެ ދޮރޯށި ކުރިމަތީ ހުއްޓިލިއެވެ. ޒަމާނީ "ލޮކް" ސިސްޓަމެއް ހަރުކޮށްފައިވެއެވެ. ތަޅުގައި ހިފާލައިގެން ދޮރެއް ނުހުޅުވުނެވެ. އެތެރޭގައި އުޅޭ ބަޔަކަށް ހިލަމެއް ކޮށްލުމުގެ ގޮތުން ދޮރޯށީގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ސިސްޓަމްގެ ފިތަކަށް އޭނާ އޮބައިލިއެވެ. ގިނަ އިރެއްނުވެ ދޮރުހުޅުވައިފިއެވެ.

ގޭތެރެއަށް ވަދެގެން އައި ޒުވާނާ ފެނުމުން ހުސްނާއަށް ހުއްޓުންއެރިއެވެ.

"ހައިކަލް!..." ހުސްނާއަށް މަޑުމަޑުން ބުނެލެވުނެވެ.

"ބޭބީ ހައިކަލް!..." އެވަގުތު ގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާ ލަކްޝްމީއަށް ވެސް އެ ޒުވާނާ ފެނުމުން ބުނެލެވުނެވެ.

"ދައްތާ، ޒޭން ހީވަނީ މިހާރު ބޮސް ހެންދޯ....ހާދަ ބޮޑުވެއްޖޭ" ލަކްޝްމީ ހުސްނާއަށް ބަލާލަމުން ބުނެލިއެވެ. ހުސްނާގެ ހިކިފައިވާ ދެތުންފަތަށް ހިނިތުންވުމެއްވެރިވިތަން ފެނުނެވެ.

"އާނ!...އާނ!... ތީ ހަމަ ހައިކަލް... ތަފާތެއް ވެސް ނެތް، ދަރިފުޅުގެ ބައްޕަ ތި އުމުރުގައި ހުންނެވީ ހަމަ ތިގޮތަށް. އަވަހަށް އާދޭ... ވަރަށް ވަރުބަލިވެފަ ދޯ ތި ހުރީ" ހުސްނާ ޒޭނަށް ބަލާލަމުން އަހާލިއެވެ.

"ކުޑަކޮށް ވަރުބަލިވޭ... މިހާ އެމަރޖެންސީކޮށް އަންނާން ޖެހުނީމަ އެހެން ވެސް ވާނެތާ... ވަޒީފާ ހަމަޖެހެން ގިނަދުވަސް ނެގީ، އެކަމަކު އެކަން ވެސް ނަސީބަކުން ހަމަޖެހިއްޖެ، އެހެންވެ މި އާދެވުނީ ވެސް" ހުސްނާގެ ގާތުގައި މަޑުކޮށްލަމުން ޒޭން ބުނެލިއެވެ.

"ޒޭން، ދަރިފުޅު ކޮޓަރިއަށް ގޮސް މޫނާއި އަތްފައި ދޮވެލައިގެން އަންނާން ވާއިރަށް ދައްތަ ކާން ހަދާނަން... ލަކްޝްމީ ގޮސްބަލަ ޖަމީލަށް ގޮވަން، ބުނޭ ޒޭންގެ ފޮށިތައް އޭނާގެ ކޮޓަރިއަށް ގެންގޮސްދޭށޭ" ހުސްނާ ލަކްޝްމީއަށް ބަލާލަމުން ބުނެލިއެވެ.

ޒޭން އެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް ތަފާތެއް އައިސްފައެއް ނެތެވެ. މީގެ ވިހި އަހަރު ކުރީން އޭނާ ދޫކޮށް ދިޔަގެއެވެ. ބޮޑު ގެއެކެވެ. އިމާރާތުގެ ޑިޒައިން އަދިވެސް ހުރީ އެންމެ ކުރިއެކޭ އެއްގޮތަށެވެ. އެކަމަކު ގޭތެރެވަނީ ފަޅުވެފައެވެ. ދިރުން ނެތިފައެވެ. އެއްފަރާތުގައި ހުރި ސިޑި ފެނިފައި ޒޭންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނަ ކުޑަކުޑައިރު ދުވެދުވެފައި އަރާ ފޭބި ސިޑިއެވެ. ބޮޑާ ހާކާފައި ނުކާން ވެސް އިނީ އެ ސިޑީގެ ހަރުފަތެއްގައެވެ.

"ހަމަ އެ ކޮޓަރިތަ؟" ޒޭން މައްޗަށް ބަލާލަމުން ހުސްނާ ގާތުއަހާލިއެވެ.

"އާނ! ދަރިފުޅުގެ ކޮޓަރިހަމަ... ހަނދާން އެބަހުރި ދޯ" ޒޭންގެ އަތުގައި ފިރުމާލަމުން ހުސްނާ ބުންޏެވެ.

ޒޭނަށް ހީވީ އޭނާގެ ޅަދުވަސް ހެންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އެރިއެވެ. އަދި އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ނޭވާއެތެރެ ހަށްޓަށް ދަމާލީ ލިބުނު ހިތްހަމަ ޖެހުމުންނެވެ. އެ ކޮޓަރިއަށް ޖަހާފައިވާ އެއަރފްރެޝްނާއިން މަޑުމަޑު މީރުވަހެއް ކޮޓަރީގައި ހަރުލާފައި ހުއްޓެވެ. އެނދުގެ ކައިރީގައި ލައިޓެއް ބަހައްޓާފައިވާ ތިރިކަބަޑެއް ހުއްޓެވެ. އޭރު ޖަމީލު ފޮށިތަށް ހިފައިގެން އައިސް އެ ކޮޓަރިއަށް ވަންނަނީއެވެ.

"މިތާ ބަހައްޓާ..." ޖަމީލަށް ފޮށިބަހައްޓަންވީ ތަން ޒޭން ދެއްކިއެވެ. އަދި ތެދުވެ ފޮށިހުޅުވާލިއެވެ. އޭނަ ފެންވެރުމަށް ބޭނުންވާނެ ސާމާނުތައް ލާފައިވާ ކުޑަދަބަހެއް ނެގިއެވެ. ދެން ނެގި ބައެއް އަންނައުނުތައް ފައިކައިރިއަށް އަޅާލިއެވެ. އަދި ލަކްޝްމީއަށް ގޮވާލިއެވެ. އެއީ ޒޭންގެ ދާވެފައި ހުރި އަންނައުނު ހުސްނާއާ ހަވާލުކުރުމަށެވެ.

ފެންވަރާލައިގެން ފާޚާނާ އިން ނުކުތް ޒޭން ރީތިވާން ފެށިއެވެ. ޓީޝާޓަކާއި ސޯޓެއް ލައިގެން، ކޮޓަރީގައި ހުރި ޒޭންގެ އިސްކޮޅާ އެއްވަރުގެ ބޮނޑު ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން އެ މޫނު މައްޗަށް މޮޅިވެރިކަމެއް ވެރިވެގެން ދިޔައެވެ. ޒޭނަށް ލިބިފައިވަނީ އޭނަގެ ބައްޕަގެ ސޫރައެވެ. ތަފާތެއްނެތެވެ. އެ ދިގު އިސްކޮޅާ ބައިމަތި ފުޅާ ހަށިގަނޑެވެ. ބޯ ފަން އިސްތަށިގަނޑެވެ. ހީނލުމުން ކޮލުގައިވާ އަޑިކޮޅެވެ. ޒޭންއަށް އޭނަގެ މޫނުގައާއި އިސްތަށިގަނޑުގައި އަތްހާކާލެވުނެވެ.

"ޒޭން!..." ހުސްނާގެ އަޑު ޒޭނަށް އިވުނެވެ. އަވަސް ފިޔަވަޅުގައި ކޮޓަރިން ނުކުތް ޒޭން ހިނގައިގަތީ ތިރިއަށް ދިއުމަށެވެ. ހުސްނާގެ އަޑުއިވުނު ދިމާއަށެވެ. ތިންފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ އެ ގޭގައި ކޮޓަރިތައް ހުންނަގޮތުން، ކޮޓަރިން ނުކުތުމުން ތިރީގައިވާ ބޮޑު ސިޓިންރޫމު އޮންނަނީ ފެންނާށެވެ. އެހެންވެ ތިރީގައި މީހަކު ހުރެފައި ބާރަށް ގޮވާލައިފިނަމަ މައްޗަށް އަޑުނީވިއެއް ނުދާނެއެވެ.

ބިސްބުރެއް ގޮތަށް ހުރި ބިއްލޫރި ކާމޭޒުގެ ކައިރީ ޒޭން އިށީނެވެ. އޭނާ އިށީނީ އެންމެ ފުރަތަމަ އެ މޭޒު ދޮށުގައި އޭނާ ބެއިންދިތަނުގައެވެ. އެކަމަކު ކާން ހުރި އެއްޗެހި ފެނުމުން އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. އެތާކު އޭނަ ވިހި އަހަރު ވަންދެން ކެއިފާޑުގެ އެކައްޗެއްވެސް ނެތެވެ. އެކަމަކު ނުބައިވަހެއް ނުދުވައެވެ. މޭޒުމަތީގައި ނާގާފައި ހުރި ދެ ރިހަ ބޯތަށިން ވެސް ދުވާ މީރު ވަހުން ޒޭންގެ ބަނޑު ފުރޭހާވެއެވެ. މޭޒުގެ ކޮޅަށް ޒޭނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ކަމޭޒު ކޮޅުގައި އިންނަ އޭނާގެ ލޯބިވާ ބައްޕަގެ ހަދާންވުމުންނެވެ.

"ދައްތާ ކާކު ހޮސްޕިޓަލްގައި މިގަޑީގަ އިނީ؟" ޒޭނަށް އަހާލެވުނެވެ.

"ހައިކަލްގެ ކަންތައްތައް ބަލަހައްޓައިދޭ ނަރުސްކުއްޖާ މިވަގުތު އިންނާނީ... އޭނާގެ އޮފް ޑިއުޓީގައި ހައިކަލްގެ ގާތުގައި ވަރަށް ގިނައިން އިނދެދޭނެ... ދަރިފުޅު އަންނަންވާއިރަށް ގެއަށް މި އާދެވުނީ ވެސް އެހެންވެ. ވަރަށް ހިތްހެޔޮ ކުއްޖެއް. ދަރިފުޅުގެ މަންމަގެ މަތިން ވަރަށް ހަނދާންވޭ. ހައިކަލްގެ ވެސް އިތުރު ޢާއިލާއެއް އޮތީކީ ނޫން. އަހަރުމެން ނޫން ބައެއް ނެތް..." ހުސްނާ ދެރަވެފައި އިނދެ ބުނެލިއެވެ. ނަމަވެސް ޒޭންގެ މޫނުގެ ކުލަ ވަގުތުން ބަދަލުވެގެން ހިނގައްޖެއެވެ.

"އަހަރެންގެ މަންމައެއް ނުހުންނާނެ، އެއީ ދޮންމަންމައެއް، އޭނާގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން، ނަސީބެއްކަންނޭގެ، އެ ނުލަފާ އަންހެންމީހާގެ ކިބައިން ބައްޕަ މިންޖުވިކަން، ދައްތާ! އަހަރެން މިރޭ ބައްޕަގެ ގާތުގައި އިންނާނީ" ހުސްނާއަށް ބަލާލަމުން ޒޭން ބުނެލިއެވެ.

"ޒޭން! އެހެން ނުބުނެބަލަ... ދަރިފުޅު ބޭނުމިއްޔާ މިރޭ ހޮސްޕިޓަލުގައި އިނަސް އެންމެރަނގަޅު... ކީއްވެތަ ކާއެއްޗެއްގައި އަތް ވެސް ނުލާ ތި އިންނަނީ؟ ހޫނ!... ދައްތައަށް ވިސްނިއްޖެ، މި ހުރިހާ ދުވަހު ކައިއުޅުނު އެއްޗެހި މަތީން ހަދާންވަނީ ދޯ... ބަލަ ދައްތަގެ ކެއްކުން ވެސް ގޯހެއް ނުވާނޭ... ރަހަބަލާލީމަތާ ދޯ އެނގޭނީ ވެސް" ހުސްނާ ޒޭންގެ ތަށްޓަށް ރޮށި ފުނޑުވަދޭން ފެއްޓިއެވެ.

* * *

އޭ.ޑީ..ކޭ ހޮސްޕިޓަލަށް ވަދެގެން އައި ޒޭނަށް ކައުންޓަރު ދޮށުގައި ތިބި ޅަދޮޅު އަންހެން ކުދީންގެ ކަތިނަޒަރުތައް ހުއްޓެމުންދިޔައެވެ. ކައުންޓަރާ ދިމާއަށް އަންނާން ފެށުމުން އަންހެން ކުދީންތައް އެކަކު އަނެކަކާ ސިއްރު ވާހަކަ ބަދަލުކޮށް ރަކި ހިނި ހީނލާތަން ފެނެއެވެ. އެތަނުން ކޮންމެ އަންހެންކުއްޖަކު މެ ބޭނުންވީ ޒޭންއަށް ޚިދުމަތް ފޯރުކޮށްދޭ ކުއްޖަކީ އެ ކުއްޖަކު ކަމުގައި ވާށެވެ. މި ހުރިހާ މަންޒަރެއް ޒޭންގެ ލޮލުން ކަސިޔާރުވެގެން ނުދެއެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރެ ކުރިއަށް އައެވެ.

ހޮސްޕިޓަލްގެ ކައުންޓަރު ދޮށަށް ހުއްޓިލުމަށްފަހު ޒޭން އޮޅުންފިލުވަން ބޭނުންވި މަޢުލޫމާތު އޭނާ އޮޅުންފިލުވިއެވެ. އޭނާގެ ބައްޕަ ބާއްވާފައި އޮތް ކޮޓަރިއާއި ހަމައަށް ދެވުނީ އިތުރު ކައުންޓަރެއްގައި އަހާ އޮޅުންފިލުވައިގެންނެވެ. މާޙައުލަކީ މުޅިން އައު މާޙައުލެއްކަމަށްވާތީ އެހިސާބަށް ދާން ޒޭނަށް ވަގުތު ނެގިއެވެ. ކޮޓަރިތައް ބަލަމުން އައި ޒޭނަށް ބައްޕަ ބާއްވާފައި އޮތް ކޮޓަރީގެ ނަންބަރު ފެނުމާއެކު އެނގިއްޖެއެވެ. ދޮރުގައި ޓަކި ޖަހާލަމުން ހުޅުވާލިއެވެ. އަދި އެތެރެއަށް ވަދެގެން އައިއެވެ.

ދޮރު ލެއްޕުނު އަޑަށް ކޮޓަރީގައި އިން ނަރުސް ކުއްޖާ ބަލާލިއެވެ. އަދި އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ. އެއާއެކު އޭނާ ކިޔަން ގެންގުޅުނު ވާހަކަފޮތް ވެއްޓުނެވެ. ޒޭން ގުދުވެލައިފައި ވާހަކަފޮތް ނަގާދިނެވެ. އަދި އެނަރުސް ހެދުމުގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އިސްކޮޅުން މާދިގު ނޫނަސް ފުދޭވަރެއްގެ އިސްކޮޅެކެވެ. ހިމަތޮޅި ހަށިގަނޑެކެވެ. ހަމުގެ ކުލަ އައްޔެވެ. ލޮލުގައިވާ އައިނަށް ބަލާލުމުން އެއީ ފޮތްތެރިއެއްކަން އެނގެއެވެ. އެއަންހެން ކުއްޖާ ޒޭންއަށް އައިނުގެ މަތިން ބަލާލީ ކާކުތޯ އަހާލާފަދަ ގޮތަކަށެވެ. އޭނާ އެހެން އެހި އިރު ވެސް އެނދުގައި އޮތް ބަލިމީހާއާ ކުރިމަތީ ހުރި ޒުވާނާ ވައްތަރުކުރަން އެނގެއެވެ.

"ޒޭން!...ބައްޕަ!..." މޭގައި އިނގިލިޖައްސާލާފައި ޒޭން އޭނާގެ ނަންބުނެލާފައި އެނދުގައި އޮތް ބަލިމީހާއަށް އިނގިލި ދިއްކޮށްލިއެވެ.

"އޯ!...ސޮރީ...ސޮރީ... ހީކުރީ ހުސްނާކަމަށް ވަޑައިންނަވާނީ..." އެ އަންހެން ކުއްޖާ ބުނެލިއެވެ.

"މިރޭ އަހަރެން އިންނަނީ. ތީ ކޮންކުއްޖެއްތަ؟ ކޮންނަމެއް ކިޔަނީ؟" ޒޭން އަހާލިއެވެ.

"އިށިންނަވަންވީނޫންތޯ؟ އަޅުގަނޑަށް ކިޔަނީ ޔާނާ...އަޅުގަނޑު މި ޕޭޝަންޓު ގާތަށް އަންނައިރު އަބަދުވެސް ފެންނަނީ ހުސްނާ އިންނަވާތަން، ދެން މިހާރު ރައްޓެހިކަމުގައި ކުޑަކޮށް އެހީތެރިކަން ފޯރުކޮށްދެނީ...ހުސްނާ ބުނުއްވި މިއަދު ފޭޝަންޓުގެ ދަރިއެއް މާލެ އަންނާނެ ވާހަކަ... ތީތޯ އެ ދަރިފުޅަކީ" އެ އަންހެން ކުއްޖާގެ ވާހަކަދެއްކުމުގެ ރާގުގައި ވެސް ވަނީ ހިތްތިރިކަމާއި މަޑުމައިތިރިކަމެވެ. އޯގާތެރިކަމެވެ.

"އާނ! މީ އެ ދަރިފުޅު. ބައި ދަ ވޭ... އަހަންނާ ތިގޮތަށް ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ. ތޭންކްސް އަލޮޓް ފޯ ހެލްޕިން ހިމް... ހީ އިސް މައި އެވްރީތިންގ" އެނދުގައި އޮތް ބަލިމީހާއަށް ޒޭން ބަލާލީ އަސަރުން ފުރިގެންވީ ގޮތަކަށެވެ. އޭނާގެ އެ ބަލާލުމުން ވެސް އެނދުގައި އޮތް ބައްޕަ ދެކެ ޒޭން ވަރަށް ލޯބިވާކަން ޔާނާ ދެނެގަތެވެ. ލުއި ހިނިތުންވުމެއް ޔާނާގެ ތުންފަތަށް ވެރިވެގެންދިޔައެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް

ފާތުމަތު ނީނާ (ލާރާ) އަވަސް އާ ގުޅުމަށް ފަހު ފުރަތަމަ ލިޔުނު ދިގު ވާހަކަ "މުޅިޖާންހިތާ" ނޫހުގައި ގެނެސްދޭން ފެށީ މިދިއަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ވާހަކަ ފެށިގެން ނިމުމާ ހަމައަށް ވާހަކަ ގެނެސް ދޭން ކަނޑައަޅާފައި އޮތް އެއްވެސް ދުވަހެއް ދޫކޮށް ނުލައި ވާހަކަ ގެނެސްދީފައިވާނެ އެވެ. އަދި ވާހަކަ ނިމުމާ ހަމައަށް ވެސް ކިޔުންތެރިން ކޮންމެ ދުވަހަކު ކުރަމުން އައި ތައުރީފާއި އެއްވަރަށް ކުރި ޝަކުވާގެ ކޮމެންޓަކަށް ވެފައި އޮތީ "މިއަދު ގެނެސްދީފައި ވަނީ މާ ކުރުކޮށް" ކަމަށެވެ.

ވާހަކަ ގެނެސްދޭ މިންވަރު ކަނޑައަޅަނީ ލިޔުންތެރިޔާއެއް ނޫނެވެ. ނޫހުގެ އެޑިޓޯރިއަލްއިންނެވެ. "މުޅިޖާން ހިތާ" ފެށިގެން ނިމެން ދެން އެންމެ ދުވަހެއް ފިޔަވައި ހުރިހާ ދުވަހެއްގައިވެސް ވާހަކަ ގެނެސްދީފައި ވަނީ ސޮފުހާގެ އަދަދުން އެއްވަރަކަށެވެ. އުނި އިތުރެއް ނުކުރެ އެވެ. ނަމަވެސް މިދިއަ ފިތުރު އީދު ދުވަހު ގެނެސްދީފައިވާ އެޕިސޯޑް ޝާއިއުކޮށްފައި ވާނީ ސޮފުހާގެ އަދަދު އިތުރު ކުރުމަށްފަހު އެވެ.

ލާރާ އަވަސް އާ ގުޅުމަށް ފަހު ކޮންމެ ދުވަހަކުވެސް ނޫހަށް ލިބެމުން އައި ރިކްއެސްޓްތަކުގެ ތެރޭގައި އެންމެ ބޮޑު އެދުމަކަށްވެފައި އޮތީ ލާރާ ލިޔެފައިވާ "މިންނުގެ ޑައިރީ" އަވަސް އިން ގެނެސް ދިނުމަށެވެ. "މިންނު ޑައިރީ" އަކީ 2009 ވަނަ އަހަރު ލާރާ ލިޔެ "މުރާސިލް" ގައި ޝާއިއު ކުރި ވާހަކަ އެކެވެ. ވަރަށް ގިނަ ބައެއް ތަރުހީބާއި ތައުރީފު ލިބުނު އެ ވާހަކަ ވަރަށް ގިނަ ބަޔަކަށް ކިޔާ ނުލެވި ވަނިކޮށް މުރާސިލް އުވުމާ ގުޅިގެން ވާހަކަ ވަނީ އެންމެނަށް ގެއްލިފަ އެވެ. އެހެންކަމުން ކިޔުންތެރިން ވަރަށް ބޮޑަށް ކޮންމެ ދުވަހަކު އެދޭތީއާއެކު ލާރާ ވަނީ ވާހަކައަށް ބޮޑެތި ބަދަލު ގެނެސް އާ ބައިތައް ހިމަނައިގެން "މިންނުގެ ޑައިރީ" އަލުން ލިޔެ އަވަސް އަށް ހަދިޔާކޮށްފަ އެވެ. މިއަދު ފެށިގެން ނޫހުގައި ދެން ގެނެސް ދޭނީ "މިންނުގެ ޑައިރީ" އެވެ.