ދުނިޔެ

ހަމްބަންޓޯޓާ އެއްބަސްވުމަށް ފާޑުކީ ލަންކާ މިނިސްޓަރު ވަކިކޮށްފި

ސްރީލަންކާގެ މުހިއްމު ބަނދަރެއް ކަމަށްވާ ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް ކުއްޔަށް ދިން އެއްބަސްވުމަށް ފާޑުވިދާޅުވުމުން އެގައުމުގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަދާސަ ރާޖަޕަކްޝެ މަގާމުން ދުރުކޮށްފިއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން އިއްޔެ ބުނީ ރާޖަޕަކްޝާ މަގާމުން ދުރުކުރީ ވެރިކަން ކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިން އެކަން އެގޮތަށް ކުރުމަށް ރައިސް މައިތިރިޕާލާ ސިރިސޭނާއަަށް ދެންނެވުމުން ކަމަށެވެ. ރާޖަޕަކްޝެ ވިދާޅުވީ ރައީސާއި ޕާޓީގެ ނިންމުން އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

ހަމްބަންޓޯޓާ އެއްބަސްވުމަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅު އަނބުރާ ގެންދަވަން ޔޫއެންޕީން ފުރަތަމަ ރާޖަޕަކްޝެއަށް ފުރުސަތު ދިނެވެ. ނަމަވެސް އޭނާ ވަނީ އެމައްސަލައިގައި އޭނާ ގެންގުޅުއްވާ ސިޔާސަތު ދަމަހައްޓަވާފައެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް ( ސީއެމްޕޯޓްސް)އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެއެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ މައިގަނޑު ހިއްސާ ( 70 ޕަސެންޓް ހިއްސާ ) އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.