ދުނިޔެ

ޗައިނާއަށް ތޫފާނެއް އަރަައި 12 މީހުން މަރުވެއްޖެ

ޗައިނާއަށް ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން 12 މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ހޮންކޮންގައި ގާއިމްވެފައިވާ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ 'ހާޓޯ' ގެ ނަންދީފައިވާ ތޫފާން އެރުމުގެ ސަބަބުން ޗައިނާގެ މައިރަށުގައިވާ ގުއާންޑޮން ޕްރޮވިންސުން ހަތަރު މީހުން އަދި ޗައިނާގެ ސަރަހަައްދެއްގެ ގޮތުގައި އޮންނަ މަކާއޯއިން އަށް މީހުން މަރުވެފައިވާ ކަަމށެވެ. ތޫފާނުގައި މަކާއޯއިން މަރުވިމީހުންގެ އިތުރުން 150 މީހަކު ޒަހަމްވެސް ވިއެވެ.

ތޫފާން ހާޓޯ ގުއާންޑޮން ޕްރޮވިންސަށް އެރީ އިއްޔެގެ ވަގުތެއްގައެވެ. ތޫފާން އެރުމުގެ ސަބަބުން އެސަރަހައްދާއި މަކާއޯގެ އިތުރުން ހޮންކޮންގައި ވެސް ވަނީ ފެންބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނީ ތޫފާން އެރުމުން ގުއާންޑޮން ޕްރޮވިންސްގެ 27000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ތޫފާން ހާޓޯގައި ގަޑިއަކު 175 މޭލުގެ ބާރުމިނުގައި ވައި ޖެހެމުން ދާއިރު، ބޯކޮށް ވާރޭ ވެސް ދަނީ ވެހެމުންނެވެ.