ހަބަރު

ގަވަރުނަރު ކަމަށް ނަސީރު އައްޔަންކޮށްފި

Aug 24, 2017
2

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރު ކަމަށް ރައީސް އަބްދުﷲ ޔާމީން، އަހުމަދު ނަސީރު މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާގެ ނަމަށް މަޖިލީހުން މިއަދު ވަނީ ވޯޓްނަގައި ރުހުން ދީފަ އެވެ.

ނަސީރު ގަވަރުނަރުކަމަށް އައްޔަން ކުރި ކަމުގެ ލިޔުން ހަވާލުކުރުން އޮތީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ލިޔުން ހަވާލުކޮށްދެއްވާ އާ ގަވަރުނަރާ ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

އަހުމަދު ނަސީރަކީ އެމެރިކާ އިން ޕޮލިސީ އެކޮނޮމިކްސްއިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކްސް އެންޑް މާކެޓިންއިން ބެޗްލާސް ވެސް ހާސިލުކޮށްފަ އެވެ. މިހާތަނަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު ނަސީރު މިހާރު ހުންނެވީ، ވޯލްޑް ބޭންކްގެ ޕްރޮޖެކްޓެއް ކަމަށްވާ ޕަބްލިކް ފިނޭންސް މެނޭޖްމެންޓް (ޕީއެފްއެމް)ގެ ޕްރޮޖެކްޓް ޑިރެކްޓަރުގެ މަގާމަގަ އެވެ. އޭގެއިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިތީ (ސީއެމްޑީއޭ)ގެ ޗެއާމަން ކަން ވެސް ދަނީ ކުރައްވަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަސީރު ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ނަމަވެސް އޭރު ވެސް އެއީ ސިޔާސީ ބޭފުޅެއް ނޫނެވެ. އެ މަގާމު ފުރުއްވިއިރު ވެސް އޭނާ ހުންނެވީ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނޫނެވެ. އެ މަގާމުގައި ހުންނަވާ ރާއްޖޭގެ ޓެކްސްއާ ބެހޭ އޮނިގަނޑު ވަނީ އެކުލަވާފަ އެވެ. ރާއްޖެއަށް އައި އެ ބޮޑު ބަދަލުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ނަސީރެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނަސީރުގެ ނަން ފޮނުވާފައިވާއިރު އޭނާއަކީ އެމްއެމްއޭގައި އިސް ދެ މަގާމެއް މީގެކުރިން ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރުކަން 2008 ން 2010 ވަނަ އަހަރަށް އަދާކުރެއްވި އެވެ. މެނޭޖަރުކަން 2010 ން 2011 ވަނަ އަހަރަށް ކުރެއްވި އެވެ.