ދިވެހި ސިނަމާ

"ވަކިން ލޯބިން" އަދި "ގޮށްރާޅު"ގެ ފުޓްވެއާ ޕާޓްނަރަކަށް ބާޓާ

ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު މަސައްކަތް ކުރަމުންދާ "ވަކިން ލޯބިން" އަދި "ގޮށްރާޅު"ގެ ފުޓްވެއާ ޕާޓްނަރަކަށް ބާޓާ ހަމަޖައްސައިފި އެވެ.

އެ ސްޓޫޑިއޯއިން އެންމެ ފަހުން ގެނެސްދިން "މީ ލޯތްބަކީ"ގެ ފުޓްވެއާ ޕާޓްނަރަކީ ވެސް ބާޓާ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ފުޓްވެއާ ޕާޓްނަރަކަށް ބާޓާ ހަމަޖެެއްސީ އެއީ އިންޓަނޭޝަނަލް ބްރޭންޑަކަށްވެފައި އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑަކަށް ވާތީ ކަމަށެވެ. އަދި އެއީ ކޮލިޓީ އެއް ފެންވަރެއްގައި ހިފާއްޓާ ބްރޭންޑަކަށް ވާތީ ކަމަށެވެ.

"ވަކިން ލޯބިން"ގެ ލީޑްރޯލުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ. އަދި އެ ފިލްމުން އިބްރާހިމް އަމާން އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އޮފީސް ޑްރާމާ މުބާރާތުން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޖުލީސާ (ޖުލީ) ވެސް ފެނިގެންދާނެ އެވެ. ކުޑަކުއްޖެއްގެ ރޯލުން ކުރީގެ ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)ގެ ދަރިފުޅު ޝުއާ ޝާނީޒް ފެނިގެންދާނެ އެވެ.

އެ ފިލްމުގެ ޝޫޓިން ފަށައިގެން މިހާރު ކުރިއަށް އެބަދެ އެވެ. މި ފިލްމުގައިވެސް އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނާރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.

"ވަކިން ލޯބިން" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެ ފަހެއްގަ އެވެ.

ވަކިން ލޯބިންގެ ޝޫޓިންއަށް ފަހު "ގޮށްރާޅު"ގެ މަސައްކަތް ފަށާނެ ކަމަށް މޮގާ ބުންޏެވެ. ތްރީލާ އެ ފިލްމުގެ ތަރިން އަދި އިއުލާނެއް ނުކުރެ އެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަހެއްގަ އެވެ.