ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އިތުރު ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ލަފާދީފި އެވެ. އެ ޑޮކްޓަރުން ވިދާޅުވަނީ ފަރުވާ ލަސްވެއްޖެ ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ބުނެ ގާސިމްގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތުގެ މިއަދުގެ އަޑުއެހެމަށް ކޯޓަށް ވަޑައިގެން އިންނަވަނިކޮށް ގާސިމް ވަނީ އަނބުރައިގަނެގެން ވެއްޓިފަ އެވެ. އޭނާ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށާފައިވާ އިރު، އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގް ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދިން ލިޔުމުގައި ބުނެފައި ވަނީ ގާސިމްއަށް ފަރުވާދިނުން ލަސްކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ގާސިމް މިވަގުތު ދެވޭނެ ފަރުވާއެއް ރާއްޖޭގައި ނެތުމުން އޭނާވީ އެންމެ އަވަހަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލަން ޖެހޭ ކަމަށް ވެސް ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ.
ގާސިމްގެ ވަކީލް ޝަމީމް ވެސް ވިދާޅުވީ ގާސިމްއަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް އައިޖީއެމްޗްގެ ޑޮކްޓަރުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ މިވަގުތު ރާއްޖެއިން ދެވެން ނެތުމުން އިތުރު ފަރުވާއަށް ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރުވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ގާސިމްގެ ޕާސްޕޯޓް ވަގުތުން ދޫކޮށްލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަން،" ޝަމީމް ވިދާޅުވި އެވެ.
ގާސިމް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި އޭގެ ކޮންމެ ފަހަރަކު ވެސް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ދިޔުމަށް މަސައްކަތް ކުރި ނަމަވެސް ގާސިމް ފުރަން އެއާޕޯޓަށް ދިޔަ ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވާތީ ފުރޭ ގޮތެއް ނުވި އެވެ. ގާސިމްގެ އާއިލާއިން ވެސް ދާދި ފަހުން ސަރުކާރުގައި އެދިފައި ވަނީ އޭނާ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ވީ އެންމެ އަވަހަކަށް ޕާސްޕޯޓް ދޫކޮށް ދިނުމަށެވެ.
ގާސިމަކީ ހާޓްޕޭޝަންޓެކެވެ. އަދި މީގެ ކުރިން ވެސް ހިތުގެ މައްސަލަތަކުގައި ގާސިމް އެކި ފަހަރު ފަރުވާ ހޯއްދަވާފައިވެ އެވެ.