ޕިޝާވަރު (16 ޑިސެމްބަރު) – ޕާކިސްތާނުގެ ޕިޝާވަރުގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގާ ސްކޫލަކަށް ތާލިބާނުން ދިން ބޮމާއި ބަޑީގެ ހަމަލާތަކެއްގައި މިއަދު މަދުވެގެން 120 މީހަކު މަރާލައިފި އެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 80 ވަރަކަށް ކުޑަކުދިން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. ހަމަލާގައި ބައިވެރިވި ތާލިބާން މެމްބަރުން ތިބީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ ޔުނީފޯމުގަ އެވެ. ސްކޫލަށް ދިން ހަމަލާގައި ފަހެއް ނުވަތަ ހަ ހަނގުރާމަވެރިޔަކު ބައިވެރިވި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ތާލިބާނުން ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަރާލާފައިވާއިރު، ތާލިބާނުންނާ ދެކޮޅަށް ކެމްޕޭންކުރާ ޕާކިސްތާނުގެ މަޝްހޫރު ޗައިލްޑް އެކްޓިވިސްޓް މަލާލާ ޔޫސުފްޒާއީ އަށް ވަނީ އިހަކަށް ދުވަހު ނޮބެލްގެ ސުލްހައިގެ އިނާމު ލިބިފަ އެވެ. އޭނާ ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތު ހަނިކުރުމަށް މަސައްކަތްކުރާ ތާލިބާނުންނާ ދެކޮޅު އެންމެ އަޑުގަދަ އެކްޓިވިސްޓްގެ ގޮތުގަ އެވެ.
އަންހެން ކުދިންނަށް ތައުލީމު ހޯދައި ދިނުމަށް މަލާލާ ކުރާ މަސައްކަތް ތާލިބާނުން ސިފަކުރަނީ ހުޅަނގުގެ ނުބައި ޕްރޮޕެގެންޑާއެއްގެ ގޮތުގަ އެވެ. މި މައްސަލާގައި މަލާލާ މަރާލުމަށް ތާލިބާނުން 2012 ވަނަ އަހަރު މަސައްކަތް ވެސް ކޮށްފައިވެ އެވެ.
ނަމަވެސް އެ ހަމަލާ އިން ސަލާމަތްވެ މަލާލާ ވަނީ އޭނާގެ ކެމްޕޭން ތާލިބާނުންނާ ދެކޮޅަށް ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.