އޭނާ އަކީ ބޮލީވުޑްގެ އެއްވެސް ނުފޫޒުގަދަ ނުވަތަ މަޝްހޫރު ފަރާތަކާ ގުޅުމެއް އޮތް މީހެއް ނޫނެވެ. މިއަދު ބޮލީވުޑްގައި އެންމެ ހިނގާ އެއް ނަމަށް ނަވާޒުއްދީން ސިއްދީގީ ވެގެން ގޮސްފައިވަނީ އޭނާގެ ހުނަރުވެރިކަމުންނެވެ.
ބޮލީވުޑްގައި މަޝްހޫރު އަދި ކާމިޔާބު ތަރިއަކަށް ވެވޭނީ ނިކަން ރިވެތިވެ އަދި ސިކްސް ޕެކް ނުވަތަ ޅޫލާފަތި ވުމުން ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް މާ ރީތި ނޫން ނަވާޒުއްދީން ވަނީ ސިފަ ރީތި ނޫނަސް ކާމިޔާބު އެކްޓަރަކަށް ވެވިދާނެކަން ސާބިތުކޮށްދީފަ އެވެ.
ހުނަރު ދައްކައިގެން ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ހިމެނިފައިވާ ނަވާޒުއްދީން އޭނާ އަށް ވުރެން އެތައް ގުނައެއް ކާމިޔާބު އެކްޓަރުންނަށް ވުރެން ގިނަ އަދަދެއްގެ ފިިލްމު އަހަރެއްގެ ތެރޭގައި ކުޅެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަބަދުވެސް ތަފާތު ރޯލުތަކުގެ ފިލްމު އޭނާ ކުޅޭ ކަމެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ފިލްމުތަކުގެ ކުދި ރޯލުތަކުން ފެނިގެން ގޮސްފައިވާ ނަވާޒުއްދީނަށް ބޮލީވުޑްގައި ފުރަތަމަ ބްރޭކް ލިބުނީ 2007 ވަނަ އަހަރު ނިކުތް "ބްލެކް ފްރައިޑޭ" އިންނެވެ.
އޭގެފަހުން "ގޭންގްސް އޮފް ވަސްޔަޕުރް" އާއި "ދަ ލަންޗް ބޮކްސް" އާއި "ބަޖްރަންގީ ބައިޖާން" އާއި "ބަދްލާޕުރް" އަދި "ރަމަން ރާގަވް 2.0" ގެ އިތުރުން "ރައީސް" ފަދަ ކާމިޔާބު ފިލްމަކުން އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.
ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ފިލްމުތަކުގެ ކުދި ރޯލުތައް ކުޅެ، އެތަކެއް ގަނޑެއްގައި ތެޅެވުނު ފަހުން މިއަދު ނަވާޒުއްދީނަށް ބޮލީވުޑްގެ އެންމެ އުހަށް އާދެވި، އެކަމުގެ ފޮނި ރަހަ ލިބެމުން އައި ނަމަވެސް ފިލްމީ ދާއިރާ އަށް ނިކުތުމުގެ ކުރިން އޭނާ އަކީ ވަރަށް ދަތި ހާލުގައި އުޅުނު މީހެކެވެ.
އެންމެ ފުރަތަމަ އޭނާ އަދާކުރި ވަޒީފާ އަކީ ސޮފްޓް ޓޯއި އުފައްދާ ކާރުހާނާ އެއްގެ ސެކިއުރިޓީ ގާޑު ކަމެވެ.
މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ވަނީ އޭނާ އަށް އެހާ އިހުލާސްތެރި ކަމާއެކު އެ ވަޒީފާ އަދާނުކުރެވުނު ކަމަށް ބުނެފަ އެވެ. ޑިއުޓީގައި ހުންނަ ގިނަ ވަގުތު ނިދިޖެހިފައި ހުއްޓައި އޮފީހުގައި ވެރި މީހާ އަށް އެތަކެއް ފަހަރު ފަޅާއަރުމާއި ޑިއުޓީ ގަޑީގައި ބޭރުގައި އަރާމުކޮށްލަން އުޅެނިކޮށް ވެސް ފެނިފައިވާ ކަމަށް ބުނެފަ އެވެ.
އެކަމުގެ ސަބަބުން އޭނާ އަށް ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ އިންޒާރު ލިބެން ފެށުމުން އެ ވަޒީފާ ދޫކޮށްލީ ކަމަށް ބުނެފަ އެވެ.
މި އަހަރުގެ މިހާތަނަށް ވެސް ނަވާޒުއްދީންގެ ފަސް ފިލްމެއް ވަނީ ރިލީޒްވެފަ އެވެ. އަދި ކުރިއަށް ތިން ފިލްމެއް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
އޭނާ ދެން އެންމެ އަވަހަށް ކުޅެން ފަށާ ފިލްމަކީ ސުޝާންތް ސިންގް ރާޖްޕުތާ އެކު އެސްޓްރޮނޯޓެއްގެ ރޯލު ކުޅޭ "ޗަންދާ މަމާ ދޫރްކޭ" ހިމެނެ އެވެ.
ނަވާޒުއްދީންގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނަ ވަނީ ބޮލީވުޑަށް ނިކުތުުމުގެ ކުރިން އާދައިގެ ވަޒީފާތައް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއި އަމީތާބް ބައްޗަން އަދި ބޮމަން އިރާނީ ފަދަ ތަރިން ހިމެނެ އެވެ.