ބޮލީވުޑް

ޝާހްރުކްގެ ފިލްމަށް ކެޓްރީނާ ކިޔުމުން ރަތަށް!

ސުޕަސްޓާ ޝާހްރުކް ޚާން ޑްވާފެއްގެ ރޯލު ކުޅޭ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ.

މިހާތަނަށް ވެސް ނަން ހާމަކޮށްފައިނުވާ މި ފިލްމަށް ދީފައިވާ ނަމަކީ "ކެޓްރީނާ މެރީ ޖާން" ކަމަށް އަޑުތައް އަރާފައިވީ ނަމަވެސް ފިލްމު އުފައްދާ ފަރާތުން އެކަން ޔަގީންކޮށްދީފައެއްނުވެ އެވެ.

ފިލްމުގެ ބައެއް މަންޒަރުތައް މިފަހުން ޝޫޓްކޮށް މިހާރު މެދު ކަނޑާލާފައި އޮތް ނަމަވެސް އަލުން ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ އެވެ.

ނަމަވެސް ފިލްމުގެ ޝޫޓިން މަޑުޖެހިފައި އޮތުމަށް ވުރެން ބޮޑު ކަމެއް ފިލްމުގެ ޑައިރެކްޓަރާ ވަނީ ކުރިމަތިވެފަ އެވެ. އެއީ ފިލްމަށް ކިޔާ ނަން، "ކެޓްރިނާ މެރީ ޖާން" އާ މެދު ކެޓްރީނާ ހިތްހަމަނުޖެހުމެވެ.

"ތަންނޫ ވެޑްސް މަންނޫ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އާނަންދް ކުރެން ކެޓްރިނާ މިހާރު ވަނީ ފިލްމުގެ ނަން އޭނަގެ ނަމާ ނުގުޅޭ ނަމަކަށް ބަދަލުކުރަން އެދިފަ އެވެ.

ކެޓްރީނާގެ ނަމާ ގުޅުވައިގެން މި ފިލްމަށް ނަން ދީފައިވަނީ ފިލްމު އޭނާގެ ހަގީގީ ދިރިއުޅުމާ ގުޅިފައިވާތީ އެވެ. ކެޓްރީނާ ބަތަލާގެ ރޯލުން ފެނިގެންދާއިރު، އޭނާގެ އެންމެ ބޮޑު ފޭންގެ ރޯލުން ފެނިގެންދާނީ ޝާހްރުކެވެ.

ކެޓްރީނާގެ ހަގީގީ ދިރިއުޅުން ފިލްމުގެ ފެނިގެންދާއިރު، އޭނާ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ރަންބީރު ކަޕޫރާއި އޭނާއާ ދެމެދު އޮތް ގުޅުން ވެސް ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ.

މި ފިލްމަށް މިހާރު ދީފައިވާ ނަން، "ކެޓްރީނާ މެރީ ޖާން" ގެ ސަބަބުން ފިލްމަކީ އޭނާގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ސިފަވެދާނެތީ އެކަމާ ހިތްހަމަނުޖެހިގެން ވަނީ އާނަންދް ކުރެން ފިލްމުގެ ނަން ބަދަލުކުރަން އެދިފަ އެވެ.

މި ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ކެޓްރީނާ އޭނާގެ އަމިއްލަ ރޯލު ކުޅޭ ގޮތަށެވެ. އަދި ފިލްމުގައި ވެސް އޭނާ އާއި ލޯބިވެރިޔާ ރުޅިވާތަން ފެނިގެންދާނެ އިރު، މިއީ އެއްވެސް ގޮތަކަށް އޭނާގެ ހަގީގީ ދިރިއުޅުމުގެ ވާހަކަކަން ބެލުންތެރިން ގަބޫލުކުރާކަށް ބޭނުމެއްނުވެ އެވެ. އަދި ފިލްމާ ގުޅިގެން އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ އަލުން ދެކެވެން ވެސް ބޭނުމެއްނުވެ އެވެ.

"މާބޮޑަށް ވެސް ކެޓްރީނާގެ ވާހަކަ ފިލްމުގައި ފެނިގެންދާނެހެން ހީވާތީ އޭނާ ވަނީ ފިލްމުގެ ނަން ބަދަލުކުރަން ބުނެފައި، އަދި އޭނާ ވެސް ކުޅޭ ރޯލުގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް އެދިފައި،" ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެ އެވެ.

ކެޓްރީނާ އާއި ރަންބީރު ރުޅިވިފަހުން އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވީ ނަމަވެސް އަދިވެސް މި ވާހަކަ އަކީ ބޮލީވުޑްގައި ނިކަން ގަދަޔަށް ދެކެވޭ ވާހަކަ އެކެވެ.

މި ފަހުން ކެޓްރީނާ ވަނީ މި ފިލްމުގައި އޭނާ ކުޅެނީ އެކްޓަރެއްގެ ރޯލު ނަމަވެސް އެއީ އޭނާގެ ހަގީގީ ދިރިއުޅުގެ ރޯލު ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ ކުޅޭ ރޯލަށް ކިޔަނީ ތަފާތު ނަމެއް ކަމަށް ބުނެފަ އެވެ. އެހެންކަމުން ފިލްމަށް ވެސް "ކެޓްރީނާ މެރީ ޖާން" ވެސް ނުކިޔާނެ ކަމަށް ބުނެފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް "ޖަބްތަކް ހޭ ޖާން" އަށް ފަހު މި ފިލްމަކީ ޝާހްރުކާއި ކެޓްރީނާ އަދި އަނުޝްކާ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.