ހަބަރު

ކޯޓްގެ އަމުރަށް ވެސް ގާސިމް ބޭރަށް ދާން އަދި ހުއްދަ ނުދޭ

Aug 25, 2017
8

ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ ތިން އަހަރަށް ޖަލަށް ލާން ގާސިމްގެ އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވީ ނަމަވެސް އެ ހުކުމް ތަންފީޒު ކުރަމުން އަންނަ އިރު އޭނާ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކްރިމިނަލް ކޯޓްގެ ހުކުމުގައި ދައުލަތުގެ އެންމެހާ އިދާރާތަކަށް އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓާ ހަވާލުވެ ހުންނެވި ގާޒީ، އާދަމް އާރިފް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައި ވަނީ، ގާސިމްގެ ބަލީގެ ބާވަތުން ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާދީފައިވާ ލިޔެކިޔުންތައް އެ ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކުން އެގޮތަށް އެނގެން އޮންނާތީ ގާސިމްގެ ހުކުމް ތަންފީޒު ކުރުމަކީ އޭނާއަށް ލިބެން ޖެހޭ ފަރުވާއަކަށް ހުރަސް އެޅިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެން ކަމުން ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާ ކަމަށް ހުކުމުގައިވެ އެވެ.

"ފަރުވާތައް ގާސިމް އިބްރާހީމަށް ދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީމެވެ،" ހުކުމުގައިވެ އެވެ.

ގާސިމްއަށް ހުކުމް ކުރި އިރު، އައިޖީއެމްއެޗްގެ އެންމެ ސީނިއާ ޑޮކްޓަރުން ވެސް ގާސިމްގެ ހާލަތު ދެނެގަތުމަށް ފަހު ބުނެފައި ވަނީ އިތުރު ފަރުވާ ނުދެވިއްޖެ ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ. މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި ހިތުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެއާޕޯޓަށް ވެސް ގެންދިޔަ އެވެ. އެހެން ނަމަވެސް ސަރުކާރުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާ ބޭހަށް ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.

ރޭގެ ހުކުމަށް ފަހު ގާސިމް އަދިވެސް އޮތީ އައިޖީއެމްއެޗްގަ އެވެ. އޭނާ ރާއްޖެއިން ގެންދިޔުމުގެ އިންތިޒާމްތައް އަދި ހަމަޖައްސާފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ވެސް ނުލިބުނެވެ.