ހަބަރު

ކަރެކްޝަން އިން ގާސިމާ ހަވާލުވެއްޖެ، ޖަލަށް ބަދަލެއް ނުކުރޭ

ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ގާސިމްގެ އިބްރާހިމްގެ މައްޗަށް ރޭ ކްރިިނަލް ކޯޓުން ހުކުމްކޮށްފައިވާތީ މޯލްޑިވްސް ކަރެކްޝަނަލްސާވިސް އިން އެމަނިކުފާނާ ހަވާލުވެއްޖެ އެވެ. ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭތީ މިވަގުތު އޭނާ ޖަލަށް ނުގެންދާނެ އެވެ.

ކަރެކްޝަންސް އިން ބުނީ ކްރިމިނަލް ކޯޓްގެ ހުކުމާ ގުޅިގެން ގާސިމްއާ މިހާރު ހަވާލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން ގާސިމް އައިޖީއެމްއެޗް ނޫން އެހެން ތަނަކަށް އަދި ބަދަލު ކުރަން ނިންމާފައި ނެތް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ކަރެކްޝަންސްގެ އޮފިސަރުން ބުނީ މިވަގުތުން ފެށިގެން ގާސިމް ކައިރީގައި އެ އިދާރާގެ އޮފިސަރުން ފޯރިމަރާނެ ކަމަށެވެ. އަދި ހުކުމުގައިވާ ގޮތަށް ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނަލްސާވިސް އިން ގާސިމް އާ ހަވާލުވުމުގެ މަސައްކަތް ފަށާފައިވާތީ، ވީހާވެސް އަވަހަކަށް ގާސިމްއަށް ބޭރަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

"ގާސިމް އާ ހަވާލުވާން ކަރެކްޝަނަލްގެ އޮފިޝަލުން ވަޑައިގެންނެވީ މެންދުރު 1:15 ހާއިރު، އެ ބޭފުޅުން ވިދާޅުވީ ކޯޓު އަމުރާއި އެއްގޮތަށޭ މި އަމަލު ކުރަނީ،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ކަރެކްޝަނަލްގެ ބެލުމުގެ ދަށަށް ގާސިމް ގެންދިއުމަށްފަހު ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓާ ހަވާލުވެ ހުންނެވި ގާޒީ، އާދަމް އާރިފް ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައި ވަނީ، ގާސިމްގެ ބަލީގެ ބާވަތުން ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާދީފައިވާ ލިޔެކިޔުންތައް އެ ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކުން އެގޮތަށް އެނގެން އޮންނާތީ ގާސިމްގެ ހުކުމް ތަންފީޒު ކުރުމަކީ އޭނާއަށް ލިބެން ޖެހޭ ފަރުވާއަކަށް ހުރަސް އެޅިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެން ކަމުން ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާ ކަމަށް ހުކުމުގައިވެ އެވެ.

ގާސިމްއަށް ހުކުމް ކުރި އިރު، އައިޖީއެމްއެޗްގެ އެންމެ ސީނިއާ ޑޮކްޓަރުން ވެސް ގާސިމްގެ ހާލަތު ދެނެގަތުމަށް ފަހު ބުނެފައި ވަނީ އިތުރު ފަރުވާ ނުދެވިއްޖެ ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ. މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި ހިތުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެއާޕޯޓަށް ވެސް ގެންދިޔަ އެވެ. އެހެން ނަމަވެސް ސަރުކާރުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާ ބޭހަށް ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.