ދުނިޔެ

ޖަލު ހުކުމަށް ފިއްލަވަން ޔިންލަަކް ދުބާއީއަށް

ތައިލެެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާގެ މައްޗަށް އުފުލާފައިވާ އިހުމާލުވުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވަން އޮތް އަޑު އެހުމަށް ހާޒިރުވެވަޑައި ނުގެން ފިއްލަވައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް ދުބާއީ އަށް ވަޑައިގެންފި އެވެ.

ޔިންގްލަކް އާ ދެކޮޅަށް އުފުވާލާފައިވާ ދައުވާ ސާބިތު ވެއްޖެ ނަމަ އޭނާއަށް 10 އަަހަރު ދުވަހުގެ ޖަލު ހުކުމެެއް އަންނާނެ އެވެ.

ޔިންލަކްގެ ޕިއުއީ ތައި ޕާޓީގެ ނަން ހާމަ ނުކުރާ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ޔިންލަކް ދުބާއީއަށް ވަޑައިގެންނެވީ ސިންގަޕޫރު މަގުން ކަމަށެވެ. ޔިންލަކްގެ ބޭބޭފުޅު ތަކްސިން ޝިނަވަޓްރާ ވެސް ޖަލު ހުކުމަކުން ރެކިވަޑައިގަންނަވަން ވެގެން ގައުމު ދޫކުރައްވައި ވަޑައިގެން އުޅުއްވަނީ ދުބާއީގަ އެވެ.

"އަހަރެމެން ނަށް އިވިފައި އޮތީ އޭނާ ކެމްބޯޑިއާއަށް ދެން ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް. އެތަނުން އޭނާ ވަޑައިގެންނެވީ ދުބާއީއަށް. އޭނާ ވަނީ ސަލާމަތްތެރިކަމާއެކު ދުބާއީއަށް ވަޑައިގެންފައި މިހާރު ހުންނެވީ އެތަނުގައި،" އެ އޮފިޝަަލް ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

ތައިލެންޑްގައި ބޮޑު ތާއީދެއް އޮންނަ ޔިންލަކްއަށް ހުކުރު ދުވަހު ހުކުމް ކުރަން އޮތުމުން މަޝްރަހު ނުތަނަވަސްވެފައި ވާތީ އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ވެރިރަށް ބެންކޮކްގެ މަގުތަކަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ނެރެފަ އެވެ. ޔިންލަކްއަށް ތާއީދު ކުރުމުގެ ގޮތުން މުޒާހަރާތައް ނުކުރުމަށް ވެސް ސަރުކާރުން ވަނީ އިންޒާރުކޮށްފަ އެވެ.

ޔިންލަކް ޝިނަވަޓްރާ ބޮޑުވަޒީރު ކަމުން ދުރުކުރީ 2014 ވަނަ އަހަރު ތައިލެންޑް ސިފައިން ކުރި ބަޣާވާތެއްގަ އެވެ. އޭގެ ފަހުން އެ ގައުމުގައި އަދިވެސް އޮތީ އަސްކަރީ ވެރިކަމެކެވެ.

ޔިންލަކްގެ މައްޗަށް އުފުލާފައިވާ އިހުމާލު ވުމުގެ ދައުވާއަކީ އެގައުމުގެ ހަނޑޫ އެކްސްޕޯޓް ކުރުމުގެ ކަންތައްތައް ބަލަހައްޓަން އުފައްދާފައި އޮންނަ ކޮމިޓީއެއްގެ ރިޔާސަތު އޭނާއާ ހަވާލުވެފައި ވަނިކޮށް އެ ކޮމިޓީން ހިންގި ފަސާދައިގެ މައްސަލައެއް، އޭނާއަށް އެނގިވަޑައި ނުގެން އޮތުމުންނެވެ.