ބާސެލޯނާ

ބާސާގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޑެމްބެލޭ

Aug 26, 2017

ބާސެލޯނާގެ ތާރީހުގައި، އެ ޓީމަށް ގެނައި އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޒުވާން ފޯވަޑް އުސްމާން ޑެމެބެލޭ ބާސާއާ ގުޅިއްޖެ އެވެ. ޑެމެބެލޭގެ ކުރީގެ ކުލަބު ޖަރުމަންގެ ބުރޫޝިއާ ޑޯޓަމުންޑުން، އޭނާ، ބާސާއަށް ވިއްކާލީ، ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޑެމެބްލޭ 20، ގެ ޓްރާންސްފާގެ އަގަކީ 145 މިލިއަން ޔޫރޯ އެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔަކީ ބާސާ ދޫކޮށް، ޕީއެސްޖީއަށް ބަދަލުވި، ބްރެޒިލްގެ ނޭމާ އެވެ.

ބާސާއިން ފުރތަމަ، ޑޯޓަމުންޑަށް ދިނީ 105 މިލިއަން ޔޫރޯ އެވެ. ބާކީ 40 މިލިއަން ޔޫރޯ ދޭނީ، ބަހާލައިގެން އެކި ފަހަރު މަތިން ނެވެ. ބާސާއިން ވަނީ މީގެ ކުރިން ވެސް، ޑެމްބެލޭ ގެންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އޭރު ޑޯޓަމުންޑުން ވަނީ، އެ ހޫށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އޭރު ބާސާއިން ހުށަހެޅީ 105 މިލިއަން ޔޫރޯގެ އަގެކެވެ.

އޭނާ ބާސާގައި ބޭނުން ކުރަނީ، ނޭމާ ބޭނުން ކުރި 11 ނަންބަރު ޖޯޒީ އެވެ. ޑެމެބެލޭ، ބާސާއަށް ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށެވެ. އެހެން ޓީމަކުން އޭނާ ގެންދަން ބޭނުންވެ، ކޮންޓްރެކްޓް އުވާލާނީ 400 މިލިއަން ޔޫރޯ އަށެވެ. އޭނާ ބާސާއަށް ސޮއި ކުރުމުގެ ރަސްމިއްޔާ އޮންނާނީ ހޯމަ ދުވަހު އެވެ.

ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ، ގެންދިއުމަކީ އަދިވެސް ބާސާގެ އަމާޒެކެވެ. ބާސާއިން ވަނީ މީގެ ކުރިން ކުޓޫނިއޯގެ ޓްރާންސްފާ އަށް 105 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. ނަމަވެސް، އެ ހުށަހެޅުމަށް ލިވަޕޫލު އެއްބަސް ވެފައެއް ނުވެ އެވެ. އެ ކުލަބުން ބުނީ، ކުޓީނިއޯއަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށެވެ.