ދުނިޔެ

އެމެރިކާއަށް ވަރުގަދަ ތޫފާނެއް އަރައި ގެއްލުންތައް ވެއްޖެ

އެމެރިކާއަށް ބާރު ގަދަ ތޫފާނެެއް އަަރައި ބޮޑެތި ގެއްލުންތައް ވަމުން އެބަދެ އެވެ.

ސީއެންއެން ބުނީ "ހަރިކޭން ހާވީ" ގެ ނަން ދީފައިވާ ތޫފާން ޓެކްސަސް ސްޓޭޓަށް ފުރަތަމަ އެރީ ކެޓަގަރީ ހަތަރެއްގެ ތޫފާނެެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެތޫފާނަކީ ކެޓަގަރީ ތިނެއްގެ ތޫފާނެއް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެރޭ އެރި އެތޫފާނުގައި ގަޑިއަކު 125 މޭލުގެ ބާރުމިނުގައި ވައި ޖެހެމުން ދާއިރު އަންނަ ބުދަ ދުވަހާ ހަމައަށް އެއް މީޓަރުގެ ވާރޭ ވެހޭނެ ކަަމަށް ވަނީ ލަފާ ކުރެވިފަ އެވެ. ތޫފާނުގައި ގަސްތައް ވެއްޓި ގެއްލުންތައް ވަމުން ދާއިރު ޓެކްސްސަސްގެ އައްސޭރިފަށުގެ ބައެއް ރަށްތަކުން މިހާރު ވެސް ވަނީ ކަރަންޓް ކެނޑިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭ މީހުން ތޫފާން އެރި ސަރަހައްދަށް ދިއުމަށް މަސައްކަތް ކުރަމުންދާއިރު މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރަނީ ބޮޑެތި ގެއްލުންތައް ވެ، ބައެއް ސަރަހައްދުތަކަކީ މީހުންނަށް ދިރި ނޫޅޭވޭ ތަންތަަނަށް ވެ، އެގޮތުގައި ހަފުތާތަކަށް ނުވަތަ މަސްތަކަަކަށް އޮނާނެ ކަމަށެވެ.

ތޫފާން ހާވީއަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެމެރިކާއަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ. ތޫފާން އެރުމާ ގުަޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މިހާރު ވަނީ ޓެކްސަސްގައި ކުއްލި ހާލަތު އިއުލާންކުރައްވައި، ފެޑެރަލް އެހީ އެ ސްޓޭޓަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ. މިއީ އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެގައުމަށް ކާރިސާއެއް ކުރިމަތިވި ފުރަތަމަ ފަހަރެެވެ.