ކުޅިވަރު

އަސައްކޮއަށް އެނބުރި ކުޅެން ނިކުމެވޭނެ ދުވަހެއް ނޭނގެ

Aug 26, 2017

އަނިޔާގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަލުން ކުޅެން ނިކުމެވޭނެ ދުވަހެއް ބުނަން ނޭންގޭ ކަމަށް އޭނާ ބުނެފި އެވެ.

އަސައްކޮއަށް، އަނިޔާވުމުން އެންމެ ފަހުން ލީގްގައި، މާޒިޔާ ކުޅުނު ދެ މެޗުގައި ވެސް އޭނާ ކުޅެފަ އެއް ނުވެ އެވެ. އެ ދެމެޗު ވެސްވީ މާޒިޔާއަށް އުނދަގޫ މެޗަކަށެވެ. ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު، މާޒިޔާ މޮޅުވީ 83 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑަކުން ނެވެ. ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި، ބަލި ނުވެ މާޒިޔާ ސަލާމަތްވީ މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން ނެވެ.

"އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގޭ، އެމްއާރްއައި ހެއްދީމަ އެނގޭނީ. ހޯމަ ދުވަހަށް އެމްއާރްއައި ހެއްދަން އެޕޮއިންޓްމެންޓް ހަމަޖެހިފައި އޮތީ." އަސަދުﷲ ބުންޏެވެ.

ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނައިބުރައީސް އަހްމަދު ޝަކީބު (ޑޮކް) ވިދާޅުވީ އަސަދުﷲގެ ކަނާތު ފައިގެ ކަކުލުގެ މަތީ ކަށިގަނޑާއި ތިރީ ކަށިގަނޑުގެ ޖެހޭ ތަނަށް އަނިޔާވެފައިވާ ކަމަށެވެ. ޑޮކް ވިދާޅުވީ އާންމުކޮށް އެ އަނިޔާއިން ރިކަވާ ވުމަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށާއި އެމްއާރްއައި ހެއްދުމުން އިތުރަށް އެނގިގެންދާނެ ކަމަށެވެ.

"އިންޖިކްޝަން ޖަހާފަ މިހާރު ވާނީ، އަޅުގަނޑު އައްޑުއަށް އައިރު ވެސް އަސަދުﷲ ގެ ފައިގެ ތަދު ދަނީ މަޑުމަޑުން ކެނޑެމުން، މިހާރު ހުރި ފޭސްއިން އެހާ ސީރިއަސް ކަމަކަށް ނުބެލެވޭ." ސްޕޯޓިސް ފިޒީޝަން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އައްޑޫގައި ހުންނެވި ޑޮކް ވިދާޅުވި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި، އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮމާންއާ ދެކޮޅަށް ކުޅެން، އެކުލަވަލި ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނުމަށްފަހު، އަނިޔާގެ ސަބަބުން އަސަދުﷲ ވަނީ ސްކޮޑުންވެސް ބާކީ ކޮށްފަ އެވެ.

ނިއު ރޭޑިއަންޓާ ދެކޮޅަށް، މާޒިޔާ ކުޅުނު މެޗުގައި، އަސަދުﷲ ވަނީ، ވަރުބަލި ކަމާއެކުވެސް މެޗުގެ ފުރިހަމަ ވަގުތު ކުޅެފަ އެވެ. އެ މެޗު، އަސަދުﷲ ވަރުބަލި ވެފައި ހުރިއިރުވެސް ފުލުކޮށް ކުޅެން ފުރުސަތު ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، އަސަދުﷲ ބަދަލު ކުރަނީ އޭނާ އަމިއްލަ އަށް އެދުމުން ކަމަށެވެ.

"އަހަރެން މާޒިޔާއާ ކޯޗް ކަމާ ހަވާލުވާން މަލެ އައިސް ކުޅުންތެރިންގެ ކުޅުން ބަލަފައި އަހަރެން އަހަންރެންގެ ފޮތުގައި ލިޔުނިން އަސައްކޮ އަހަރެން ބަދަލު ކުރަނީ އޭނާ އަމިއްލަ އަށް އެދުމުން ކަމަށް، އަސައްކޮ އަކީ ދަނޑުމަތީގައި ހުރެޖެއްނަމަ އެޓޭކްގެ އިތުރުން ޑިފެންސްވެސް ކުރާ ކުޅުންތެރިޔެއް." ސެކްލޮސްކީ ބުންޏެވެ.