ހަބަރު

ފާރިސްގެ މައްސަލަ އިސް ފަނޑިޔާރު ނަންގަވައިފި: ވަކީލު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ނަންގަވާފައިވާ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު މިއަދު ފަނޑިޔާރު ދީދީއަށް ފޮނުއްވާފައިވާ ސިޓީއެއް ގައި ވިދާޅުވެފައިވަނީ، ފާރިސްގެ މައްސަލަ އިސް ފަނޑިޔާރު ސެކްޝަނުން ނަންގަވާފައިވާ ކަމުގެ މައުލޫމާތު މިއަދު ފާރިސްގެ މައްސަލަ ބައްލަވާ ހައިކޯޓުގެ ސެކްޝަނުން ދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބޭނީ އިސް ފަނޑިޔާރުގެ ސެކްޝަނުން ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރެވެ.

މައުމޫން ހަމީދު ވަނީ އެ މައްސަލަ އިސް ފަނޑިޔާރު ނެންގެވި ސަބަބު ސާފު ކޮށްދެއްވުމަށް ސިޓީގައި އެދިވަޑައިގެންފަ އެވެ. އަދި މައްސަލަ ބައްލަވާ ބެންޗަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ އެކަން ވެސް ސާފު ކޮށްދެއްވުމަށް އިސް ފަނޑިޔާރު ދީދީއަށް ދަންނަވާފަ އެވެ.

"ނިންމުމުގެ މަރުހަލާގައި ހުރި އަދި އަޅުގަނޑުމެންގެ ހިތުން ގާނޫނީ ގޮތުން އެހެމާ ސާފު މައްސަލަތަކަކަށް މިފަދަ ގޮތެއް މެދުވެރިވުމުން އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވަނީ މައްސަލާގެ ހުކުމް އަވަސްކޮށްދިނުމަށް އެދިވަޑައިގަންނަފަ އެވެ. މައްސަލާގެ އަޑުއެހުންތައް ނިންމާލި ފަހުން ހުކުމް އިއްވުމަށް އަޑުއެހުމެއް ތާވަލު ކުރުމަށްފަހު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލާގެ އަޑުއެހުމެއް ތާވަލެއް ނުކުރެ އެވެ.

މި ކަމާ ގުޅިގެން ހައިކޯޓްގެ އެއްވެސް ބަހެއް ނުލިބެ އެވެ.