ދިވެހި ސިނަމާ

ދޮން އައްޔަ އާއި އަޒޫއަށް ލީޑް ރޯލެއް ނުލިބޭ!

ގިނަ މީހުން ބުނާ ވާހަކައެއް އޮވެ އެވެ. ދިވެހި ފިލްމު އިންޑަސްޓްރީއަކީ ތައްގަނޑެއް ޖަހައި ވަކި ބަޔަކަށް ހަދިޔާކޮށްފައި އޮތް ދާއިރާ އެކެވެ. ފަހަރުގައި އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައަކަށް ނުވެދާނެ އެވެ. އަދި ހަގީގަތެއް ނެތް ވާހަކައަކަށް ވެސް ވެދާނެ އެވެ. ޔޫސފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު ފިޔަވައި އެންމެ ފުރިހަމަ އެކްޓިން އެއް ދެއްކުނު ބަޔަކު ނެތް އިރެކެވެ. އެއަށްވުރެ ގުޅޭ ޖޯޑެއް ދާއިރާއިން ހޯދުން ވީ އުނދަގޫ ކަމަކަށެވެ.

އެ ދެ މީހުންގެ ޒަމާންވީ ކެރިއަރުގައި އާ އެތައް ތަރިންނެއް ފިލްމީ ދާއިރާއަށް ނުކުތެވެ. އެހެން ނަމަވެސް މަދު ދުވަސްކޮޅެއްގައި އޮބެނީ އެވެ. ޔޫއްޕެ، ނިއުމާ، އަލީ ސީޒަން އަދި ޝީލާމެން ފަދަ ތަރިންގެ ބަދަލުގައި މިއަދު ފިލްމުތަކުގެ ލީޑު ރޯލުން ފެންނަ އާ ދެތިން މޫނަކީ ޖުމައްޔިލް، މަރިޔަމް މަޖުދާ، އައިޝަތު ރިޝްމީ އަދި މަރިޔަމް އައްޒަ އެވެ. މިިދިޔަ ދެ ތިން އަހަރުގެ ތެރޭގައި ނެރެވުނު ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު އެކްޓިން އެއް ދެއްކި އެންމެ ރީތި ފިލްމުތަކުގެ ތެރޭގައި ހިމެނުނ އެ ތަރިންގެ ފިލްމުތަކެވެ.

އޭގެ އިތުރުުން އާ ތަރިންތަކެއް ލީޑު ރޯލުން ފެނިގެނެއް ނުދެ އެވެ. މުޅިން އާ ތަރިން ނުނެރުނު ނަމަވެސް އެތައް އަހަރެއް ވާންދެން ސަޕޯޓިން ރޯލުތައް ކުޅެމުން އައި ތަރިން އެބަތިއްބެވެ. އޭގެ އެއް މިސާލަކީ އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. ފިލްމީ ދާއިރާގައި ހައެއްކަ އަހަރު ވެދާނެ އެވެ. ކުދި ކުދި ފިލްމުތަކުގައި ލީޑު ރޯލުން ދޮން އައްޔަ އަދި އަޒޫވެސް ފެނިގެން ގޮސްފައިވެ އެވެ. މިސާލަކަށް ރަންދަރި، ރާނީ އަދި ގާލްފްރެންޑް ކަހަލަ ފިލްމުުތަކެވެ. އެހެން ނަމަވެސް ބޮޑު ފިލްމެއްގެ ލީޑު ރޯލުން މިހާތަނަށް އެއިން ތަރިއަަކަށް ފުުރުސަތެއް ނުލިބެ އެވެ. ބޮޑެތި ފިލްމުތަކުގެ ސަޕޯޓިން ރޯލުތައް ކުޅެފައި އެބަހުއްޓެވެ.

ބޮޑު ފިލްމެއްގެ ލީޑް ރޯލުން ފުރުސަތު ދޭ ވަރަށް އެ ތަރިންނަށް އެކްޓް ނުކުރެވެނީ ބާ އެވެ. މިހާރު ފިލްމުތަކުގެ ލީޑް ރޯލުން ޖާގަ ހޯދަމުންދާ ތަރިންނެކޭ އެއް ފެންވަރަށް އަޒޫ އަކީވެސް އެކްޓް ކުރެވޭ ތަރި އެކެވެ. މިދިޔަ އަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި އަޒޫވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ހޯދާފަ އެވެ. އެއީ ފިލްމު ލޫދިފާ އިންނެވެ. ލޫދިފާގައި އަޒޫ ދައްކާފައިވާ އެކްޓިން އަށް ބަލާނަމަ ފިލްމެއްގައި އެންމެ ފުރިހަމައަށް ލީޑް ރޯލު އަދަކުރެވިދާނެ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުންވެސް އެހެނިހެން ސަޕޯޓިން ރޯލުތަކުގައި ވެސް އަޒޫ ދައްކާފައިވާ އެކްޓިން އަކީ ރަނގަޅު އެކްޓިން އެކެވެ. އެންމެ ފަހުން އެޅުވި ނޯޓީ 40 ގައިވެސް އަޒޫގެ އެކްޓިން ވަރަށް ރަނގަޅެވެ. މި އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބޮސް"ގައިވެސް ސަޕޯޓިން ރޯލަކުން އަޒޫ ފެނިގެންދާނެ އެވެ.

ދޮން އައްޔަ އަކީވެސް ފިލްމީ ދާއިރާގައި އަހަރުތަކެއްވީ ތަރި އެކެވެ. ކުދި ކުދި އަދި ސަޕޯޓިން ރޯލުތަކުން އައްޔަ ފެންނަތާ ދެތިން އަހަރެއް ވެެއްޖެ އެވެ. "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ނޯޓީ 40"ގައިވެސް އައްޔަ ދައްކާފައިވަނީ ރަނގަޅު އެކްޓިން އެކެވެ. އައްޔަގެ އެކްޓިން އަދިވެސް ރަނގަޅުކުރެވޭނެ އެވެ. މިހާރު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުންދާ ބޮސް އަދި ހައްދުގައި އައްޔަ ދައްކާ އެކްޓިން މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ފަހަރުގައި އެކްޓިން ރަނގަޅު ނަމަވެސްއަދި ކުރިއަށް އޮތްތަނުގައި ފިލްމެއްގެ ލީޑް ރޯލުން ޖާގަ ލިބޭނެ ކަމަށްވެސް އުންމީދު ކުރެވެ އެވެ.

އެކްޓިންގެ އިތުރުން ލީޑް ރޯލަށް ނަގާ ތަރިންގެ "ލުކް" އަކީ މުހިންމު ބައެއް ކަމަށް ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެއްބަސްވެ އެވެ. ފިލްމި ދާއިރާއަށް އަލަށް ތައާރަފްވާން އުޅޭ ދެ ތަރިންނަކީވެސް އެ މީހުންގެ ފިރިހެންވަންތަ "ލުކް" އިން ޕްލަސް ޕޮއިންޓް ހޯދާފައިވާ ދެ ތަރިންނެވެ. ދޮން އައްޔަގެ މަދުވަނީ ފަހަރުގައި އެބައި ކަމަށްވެދާނެ އެވެ. އެހެން ނަމަވެސް އައްޔަ އަކީވެސް ރީތި ތަރި އެކެވެ. އަޒޫއަށް ބަލާއިރު އެއީ ރީތި ތަރި އެކެވެ. ފިލްމީ ދާއިރާގެ އެންމެ ރީތި ތަރިން ހޮވާނަމަ އަޒޫގެ ނަން އަންނާނީ ލިސްޓުގެ ވަރަށް ކުރިއަށެވެ.