ދުނިޔެ

ލުބުނާނުން އައިއެސްއަށް ހަމަލާދިނުން ހުއްޓާލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އައްދަށުވެފައިވާ ލުބުނާނު ސިފައިން ސަލާމަތްކުރެވެނޭ ގޮތެއް އޮތްތޯ ވާހަކަ ދައްކަން އެ ގައުމުން އައިއެސްއާ ދެކޮޅަށް ދެމުން ދިޔަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ލުބުނާނު ސިފައިންނާ ހަވާލާދީ ރޮއިޓާސް ބުނީ އަސީރުވެފައިވާ ސިފައިންގެ ކަންތަކާ ވާހަކަ ދެއްކުމަށްޓަކައި އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 7.00 އިން ފެށިގެން ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. ލުބުނާނުން ހަމަލާ ދިނުން ހުއްޓައިލުމާއެކު އެގައުމުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ވެސް ވަނީ ސޫރިޔާގައި އައިއެސްއާ ދެކޮޅަށް ދެމުން ދިޔަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ލުބުނާނުން އައިއެސްއާ ހަނގުރާމަކުރަމުން ދިޔައީ ސޫރިޔާއައި ލުބުނާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ލުބުނާނުގެ ސަރަހައްދެއްގަ އެވެ. ހިޒްބުﷲ އިން ހަނގުރާމަކުރަމުން ދަނީ ސަރަހައްދީ ސޫރިޔާގައިވާ ގާލަމޫން ނަމަކަށް ކިޔާ ސަރަހައްދުގައެވެ.

އައިއެސްއާ ދެކޮޅަށް ލުބުނާނު ސިފައިންނާއި ހިޒްބުﷲ އިން އެއް ފަހަރާ އާ ހަމަލާތަކެއް ދޭންް ފެށީ މިދިޔަ ހަފުތާގަ އެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމަ ލުބުނާނަށް ފުރަތަމަ ފެތުރުނީ 2014 ވަނަ އަހަރުއެވެ. އޭރު ސޫރިޔާއާ އެގައުމު ގުޅޭ ސަރަހަައްދީ ރޮނގުގެ ކައިރީަގައިވާ އަރުސަލް ނަމަކަށް ކިޔާ ރަށް އައިއެސްއާއި އެހެން ބައެއް ޖަމާއަތްތަކުން ހިފިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލުބުނާނު ސިފައިން ވަނީ އެރަށުން ހަނގުރާމަވެރިން ފައްސާލާފަ އެވެ.