ހަބަރު

ޗައިނާގެ ތިން މަނަވަރެއް މާލޭ ބަނދަރު ޖަހައިފި

Aug 27, 2017
4

ޗައިނާގެ ނޭވީގައި ހިމެނޭ ތިން މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އެ މަނަވަރުތައް ބަނދަރު ޖަހާފައި ވަނީ ރަހުމަތްތެރި ކަމުގެ ދަތުރެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ރާއްޖެ އައި ތިން މަނަވަރަކީ، ޗައިނީސް ނޭވީގެ ޗޭން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ ކަމަށާއި ތިން މަނަވަރު ރާއްޖެ އައުމާ ގުޅިގެން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ މަނަވަރުތަކުގެ ސެއިލަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. ޗައިނާ މަނަވަރުތަކުގެ ސެއިލަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެމްޕީއެލް ސަރަޙައްދުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ވެސް މިއަދު ބާއްވާފައެވެ.

މި ދަތުރުގައި މި ތިން މަނަވަރުގެ ސެއިލަރުންނާ ގުޅިގެން ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަރޒްތަކަށް ޒިޔާރަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަވެއެވެ.

މި ތިން މަނަވަރު ރާއްޖެއިން ފުރާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.