ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް އިބުރާހީމަށް ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ކަންތައް ވީހާވެސް އަވަސް ކުރަން ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިނާނަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އަންގަވައިފި އެވެ.
މިނިސްޓަރު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއެކު އޭނާ ރާއްޖޭން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަން ކަމާގުޅޭ މުއައްސަސާތަކަށް އަމުރުުކޮށްފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ރާއްޖޭން ބޭރުން ގާސިމަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް ސިޓީފުޅުގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާ ވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ގާސިމް ޖަލަށްލާން ހުކުމްކުރީ ވެސް ފަރުވާއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފައި ވަނިކޮށެވެ.
"...ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަންކަން ހަމަޖެއްސުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ، އެކަންކަން ހަމަޖެހެންދެން، އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދެވުމަށާއިި، އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުން ގެންނަވަން ގާސިމް އިބްރާހިމް ބޭނުންފުޅުވެ ލައްވާނަމަ، މީގެ ކުރިން ވެސް އެތަނަވަސްކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ތަަނަވަސްކޮށްދެއްވާފައިވާ ފަދައިން އެފަދަ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ އިހުތިޔާރު އެމަނިކުފާނަށް ދެއްވުމަށާއި، އަދި އެ ބޭފުޅުންނަށް އައިޖީއެމްއެޗުގެ ވަސީލަތްތައް ބޭނުންކުރުމާއި އިތުރު ވަސީލަތްތައް ގާއިމްކޮށްގެން ވެސް ފަރުވާ ދެވޭނެ ފުރުސަތު އޮތްކަން އަންގަވައިދެއްވުމަށް ދެންނެވީމެވެ،" ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
ރިޝްވަތު ހުށަހެޅުއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވެ، ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ވެރިޔާ އެވެ.