ހަބަރު

ގާސިމް ވިދާޅުވަނީ ހުންނެވީ ބޭސްފަރުވާގައި ކަމަށް

ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާތީ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހަށް ޖަވާބު ދެއްވައިފި އެވެ. ގާސިމަށް ޗިޓް ފޮނުވާފައިވަނީ ހުކުމަށް ފިލައިގެން އުޅޭ މައްސަލާގަ އެވެ.

ގާސިމް މިއަދު ޓްވިޓާގައި ފުލުހުން ޓެގް ކުރައްވާ ވިދާޅުވީ، އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ކުރިމިނަލް ކޯޓުން ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ބޭސްފަރުވާގައި ހުންނަވަނިކޮށް ފިލައިގެން އުޅޭ މީހެއް ކަމަށް ފުލުހުން ބުނުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް ބޭސްފަރުވާއަށް ދިން މުއްދަތު ވަނީ ހަމަވެފަ އެވެ. އެ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް އެންގުމުން ވަޑައިގެންފައިނުވާތީ ކަރެކްޝަން ސާވިސްއިން ވަނީ ގާސިމަކީ ފިލައިގެން އުޅޭ ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ގާސިމް ބޭސްފަރުވާއަށް ފޮނުވީ ސިންގަޕޫރަށެވެ. ނަމަވެސް މިހާރު ގާސިމް އުޅުއްވަނީ ޖަރުމަންވިލާތުގަ އެވެ. އަދި ސިޔާސީ މަސައްކަތްތައް ވެސް ދަނީ ކުރައްވަމުންނެވެ.

ފުލުހުންގެ ޗިޓްގައިވާ ގޮތުން ގާސިމަށް އަންގާފައިވަނީ މާދަމާގެ 2:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. ހާޒިރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ޗިޓްގައި ވަނީ ހުކުމް ތަންފީޒުކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ފޮނުވުމުން އެ މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށްޓަކައި ކަމަށެވެ.

މަގުބޫލް އުޒުރެއް ނެތި ޗިޓަށް ހާޒިރުނުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ކަމަށާއި އެ މައްސަލަ ވަކިން ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ގާސިމަށް ފުލުހުން ޗިޓް ރައްދުކޮށްފައިވަނީ ޓްވީޓާ މެދުވެރިކޮށެވެ. ފަހުން ގަވައިދަށް ގެނައި ބަދަލުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޗިޓް ފޮނުވޭނެ އެވެ.