މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ދައުވާކުރަން ބޭނުންވާ ޖަލު އޮފިސަރުންގެ ވަނަވަރު ހާމަކޮށްފި

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ވަނަވަރު އާންމުކޮށް، އެ މީހުންނަށް ދައުވާކުރަން ފޮނުވައިފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ވަނީ ހައްޔަރުކުރި 13 އޮފިސަރުންގެ ވަނަވަރާއި ފޮޓޯ އާންމުކުރުމަށްފަހު، އެ މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް މި މީހުންގެ މައްޗަށް ކުރަން އެދުނީ ކޮން ދައުވާއެއް ކަމެއް ނުބުނެ އެވެ.

ކަރެކްޝަންސްގެ 13 އޮފިސަރުންގެ ތެރެއިން ނުވަ މީހުން ހައްޔަރުކުރީ މާފުށިންނެވެ. ބާކީ ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ކާށިދޫ އިން ހައްޔަރުކުރިއިރު އުތީމާއި މާލެ އިން ވެސް މީހަކު ހައްޔަރުކުރި އެވެ. މި މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

ޕީޖީއަށް ފޮނުވި ލިސްޓުގައި ހިމެނޭ 13 އޮފިސަރުން

  • މާޒިން ހަމީދު (22 އ) - ހަވޭލި، ފ. ނިލަންދު
  • ޖިނާހް އަބްދުއްރަހީމް (29 އ) - އައިވަރީ ހައުސް، ރ. އުނގޫފާރު
  • މުހައްމަދު ފަތޫހު ފަތުހުﷲ (24 އ) - ކުއްޅަވައްގެ، ގއ. ވިލިނގިލި
  • އަލީ ހިޝާމް (33 އ) - ބީޗް ހައުސް، ކ. މާފުށި
  • މުހައްމަދު ނަބުހާން (30 އ) - ގ. އިވްނިން ސްޓާ، މާލެ
  • މުހައްމަދު ނަބީލް އިބްރާހީމް (21 އ) - މ. މޭދާ، މާލެ
  • އަލީ ނާޒިމު (36 އ) - ތަރާނާގެ، ހދ. ނޭކުރެންދޫ
  • ޒަޔާން އަހްމަދު (23 އ) - މާވިނަ، ކ. މާފުށި
  • ޔާމީން ހުސައިން (23 އ) - ހިޖާޒް، ރ. މީދޫ
  • އަހްމަދު ޝަމާލް (24 އ) - ފަހާގެ. ށ. ފޯކައިދޫ
  • މުހައްމަދު ރިމާޒް (29 އ) - ދަނބުމާގެ، ށ. ފޯކައިދޫ
  • އަހްމަދު އަނޫފް (27 އ) - ބިންމަތީގެ، ކ. ކާށިދޫ
  • އަލީ އަޝްފާގު (32 އ) - ކާމިނީގެ، ނ. ލަންދޫ

ފުލުހުންނާއި ސިފައިން ގުޅިގެން ޖަލުގައި ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ނޫސްވެރިންނަށް މީގެކުރިން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ޖަލަށް މަނާ ތަކެތި ވެއްދުމުގައި ޖަލުގެ 18 އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ ޖަލު އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އޮފިސަރުންގެ އެކައުންޓްތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމުގައި އެހީތެރިވެ ދީގެން މީގެކުރިންވެސް ޖަލު އޮފިސަރުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް ސީދާ ޖަލު އޮފިސަރުންނަށް ބޮޑު ތުހުމަތެއްކޮށް ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ އޮފިސަރުން ހޯދުމަށް މީގެކުރިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

-- ތަފްސީލް އަންނަނީ --