ހަބަރު

ގައިދީން ޕްރޮމޯޓްކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިތުރު އިންޒާރެއް

ގައިދީން ޕްރޮމޯޓް ކުރާނަމަ ގާނޫނީ އަދަބު ދޭނެ ކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ ހުކުމް ތަންފީޒްކުރާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެނޫން ގޮތްގޮތަށް އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި އަމިއްލަ މީޑިއާތަކުން ގައިދީން ޕްރޮމޯޓްކޮށް އެފަދަމީހުން ކުރިއަށްނެރެ ޝަހުސު ގެއްލޭ ގޮތަށް މައުލޫމާތު ގެނެސްދޭ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފު ކަމެއްކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"... ދިވެހި ރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީއާ ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވެ އެވެ،" ބަޔާނުގައިވެ އެވެ.

އެހެންކަމުން ހުކުމް ތަންފީޒުކުރާ ގައިދީންނާ ބެހޭ ހަބަރާއި މައުލޫމާތު ގެނެސްދީ ޕްރޮމޯޓްކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު، 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖައްސަވަމުންނެވެ. އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު ހުރިހާ މީޑިއާތަކުން ވެސް ގެނެސްދެ އެވެ.